އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް މިއަހަރު ވެސް ކާލީ ލޯއިޑްއަށް

ދުނިޔޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އެމެރިކާގެ ކާލީ ލޯއިޑް ---

ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ވިދިވިދިގެން ދެވަނަ ފަހަރަށް އެމެރިކާގެ ކާލީ ލޯއިޑް ހޯދައިފިއެވެ.

ސްވިޒަލެންޑްގެ ޒިއުރިކްގައި މިރޭ ކުރިއަށްދިޔަ ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ހަފްލާގައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލޯއިޑްއަށް ވަނީ ހަވާލުކޮށްފައެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑަށް ކާލީ ލޯއިޑްއާ ވާދަކޮށްފައިވަނީ ފަސް ފަހަރު އެ އެވޯޑު ހޯދި ބްރެޒިލްގެ މާޓާ އާއި ޖަރުމަންގެ މެލެނީ ބެހްރިންގާއެވެ. އެ ތިން ކުޅުންތެރިންގެ ތެރެއިން ފަސް ފަހަރު އެވޯޑް ހޯދި މާޓާ 2004 ވަނަ އަހަރަށްފަހު ގަދަ ތިނެއްގައި ހިމެނިފައިނުވަނީ ހަމައެކަނި 2015 ވަނަ އަހަރުގެ އެވޯޑުގައެވެ.

އެމެރިކާ ގައުމީ ޓީމަށް 2015 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމަށް އިސްދައުރެއް އަދާކޮށްދިން ކާލީ ލޯއިޑްއަށް މިދިޔަ އަހަރުގެ އޮލިމްޕިކްސްގައި އެމެރިކާއާއެކު ރަން މެޑެއްޔެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ކާލީ ލޯއިޑްގެ އިންޑިވިޖުއަލް ކުޅުމަށް ބަލާއިރު، މިދިޔަ އަހަރު ވެސް އޭނާ ފާހަގަކޮށްލެވުނީ ނުރައްކާތެރި އަދި ގޯލާ ރައްޓެހި ކުޅުންތެރިއެއްގެ ގޮތުގައެވެ.

comment ކޮމެންޓް