ޝަކުވާއަކާ ނުލާ: ފުވައްމުލަކުގެ މަންޒަރުތަކާއެކު ސިލްސިލާ ޑްރާމާއެއް

ޑްރާމާ ސިލްސިލާ "ޝަކުވާއަކާ ނުލާ" ނުލާގެ ލީޑް ރޯލުން ފެނިގެންދާ އަހުމަދު އަމަން އަލީ (ކ) އާއެކު ޑައިރެކްޓަރު، މަޝްހޫރު އަލީ ރަޝީދު (ގޮޅާ އައްޔަ) ---

ހިންދީ ޑްރާމާތައް ބަލައި ރޮއެ ދިވެހިންގެ އަދަދު މަދެއް ނޫނެވެ. ޓީވީން ދައްކާ ޑްރާމާ ތަކުގެ ޝެޑިއުލް އާއި ވަގުތުތައް ހިތުދަހެވެ. ދިވެހިންނަކީ ޑްރާމާ ސިލްސިލާތަކަށް ލޯބި ޖެހިފައިވާ ބައެއްކަން އެނގެއެވެ. މިއީ ހަމައެކަނި ހިންދީ ޑްރާމާތަކަށް ވީމަ އަރާ ފޯރިއެއް ނޫނެވެ.

"ތިޔޭ މިހިތުގެ ވިންދަކީ" އަދި "ވަގުތު ފާއިތު ނުވަނީސް" އަދި "ވައިރޯޅިއަށްވެސް ސިއްރުން"، ފަދަ ޑްރާމާ ސިލްސިލާތަކަކީ ދިވެހިންގެ ތަރުހީބެއް ލިބުނު ޑްރާމާތަކެކެވެ. ދިވެހިންގެ ހިތްތަކާ ކުޅެލި، އަސަރުގަދަ ޑްރާމާތަކެވެ.

ނަމަވެސް ދިވެހި ޑްރާމާއެއް ޓީވީއަކުން ނުފެންނަތާ އެތައް ދުވަހެއް މިވަނީ ވެފައެވެ. ދިވެހިންގެ ރަހައިގެ ޑްރާމާއެއް ފެންނާނެ ކަމުގެ އުއްމީދުގައި އެތައް ދިވެހިންނެއް އެބަ ތިއްބެވެ.

އެ އިންތިޒާރަށް ނިމުމެއް ގެނެސް، ދިވެހި ޑްރާމާތައް ފެންނާނެ ކަމުގެ އުފާ މިވަނީ އާވެފައެވެ. ދިވެހި ފިލްމުތަކުންނާއި ޑްރާމާތަކުން ފެނިގެން ގޮސްފައިވާ ދެމަފިރިން ކަމަށްވާ އަހުމަދު އަމަން އަލީ އާއި މަރިޔަމް ޝަހުޒާ (ޝަހޫ) ލީޑް ރޯލް ކުޅޭ ޑްރާމާ ސިލްސިލާއެއް ޓީވީތަކަށް އަންނާކަށް މާ ގިނަ ދުވަސްތަކެއް ނެތެވެ.

ޑްރާމާ ސިލްސިލާ "ޝަކުވާއަކާ ނުލާ" ނުލާގެ ލީޑް ރޯލުން ފެނިގެންދާ މަރިޔަމް ޝަހުޒާ (ޝަހޫ) (ކ) އާއެކު ފިލްމުގެ ޑައިރެކްޓަރު، މަޝްހޫރު އަލީ ރަޝީދު (ގޮޅާ އައްޔަ) ---

ޑްރީމް ނެޓްވޯކުން ގެނެސްދޭން އުޅޭ ތޭރަ އެޕިސޯޑުގެ ޑްރާމާ ސިލްސިލާ "ޝަކުވާއަކާ ނުލާ"ގެ މަންޒަރުތައް މިހާރު މިވަނީ ނަގާ ނިންމާލާފަ އެވެ. ކުރިއަށްދަނީ އެޑިޓިންގެ މަސައްކަތެވެ.

ބައެއް ފިލްމުތަކާއި ޑްރާމާތަކަށް ވާހަކަ ލިޔެ އަދި ދާދި ފަހުން ނެރުނު ފިލްމު "ޝަޒާ"ގެ ވާހަކަ ވެސް ލިޔެފައިވާ މަރިޔަމް މުސާގެ ވާހަކައެއްގެ މައްޗަށް ހަދާ އެ ޑްރާމާ ޑައިރެކްޓްކޮށް ކެމެރާ ކޮށްފައިނވަނީ މަޝްހޫރު ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. މިއީ ގޮޅާ އައްޔަގެ ޑްރާމާއެއް ބެލުންތެރިންނާއި ހަމައަށް ނުފެންނަތާ ގިނަ ދުވަސްތަކެއް ފަހުން ފެންނަ ފުރަތަމަ ފަހަރެވެ.

ގޮޅާ އައްޔަ ބުނީ، ލޯބީގެ އަސަރުގަދަ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ހަދާ އެ ޑްރާމާގެ މަންޒަރުތައް ނަގާފައި ވަނީ މުޅިންވެސް ފުވައްމުލަކުގެ ރީތި ތަންތަނުން ކަމަށެވެ. އަދި ފިލްމުގައި އާއްމުން ދަންނަ މޫނަކަށް ފެންނާނީ އަމަން އާއި ޝަހޫ އެކަނި ކަމަށާއި ދެން މުޅިންވެސް ފެންނާނީ މުވައްމުލަކު މީހުން ކަމަށް އޭނާ ބުންޏެވެ.

"ފިލްމުގެ ޝޫޓިން ނިންމާލެވިފައި މިވަނީ ޝޫޓް ކުރަން ފެށިތާ ގާތްގަނޑަކަށް 20 ވަރަކަށް ދުވަހުގެ ތެރޭގައި. އަމަން އާއި ޝަހޫ ފިޔަވާ ޑްރާމާގެ މުހިއްމު އެކި ކަހަލަ ރޯލުތަކުން ފެނިގެންދާނީ ހުސް ފުވައްމުލަކު މީހުން. ގާތްގަނޑަކަށް 14 ވަރަކަށް ފުވައްމުލަކު މީހުން ފެންނާނެ. ފުވައްމުލަކުން ބޮޑު ތަރުހީބެއް ލިބުނު. ހާއްސަ ޝުކުރެއް އަމަން އަދި ނައްފަ،" ގޮޅާ އައްޔަ ބުންޏެވެ.

ޑްރާމާ ސިލްސިލާ "ޝަކުވާއަކާ ނުލައި" ގައި ތީމް ލަވައެއް ވެސް ހިމެނެއެވެ. އެއީ "އެސްފިޔަ" އަލްބަމް އަށް ފަޒީލާ އާމިރާއި އަހުމަދު އާމިރު ކިޔައިދީފައިވާ "މިދެކޭ ހުވަފެން" އެވެ.

އައްޔަ ބުނީ، ޑްރާމާ ސިލްސިލާ ދައްކަން ފަށާނީ އަންނަ މާޗް މަހުގެ ތެރޭގައި މުޅިން އަލަށް ލޯންޗު ކުރާ ޗެނަލަކުން ކަމަށެވެ. އެންޓަޓައިންމަންޓް ނެޓްވޯކުން ހިންގާ އެ ޗެނަލުން ދެއްކުމަށް ހަމަޖެހިފައި ވަނީ ޑްރާމާތަކާއި ލަވަތައް ކަމަށާއި މީޑިއާ ނެޓުންނާއި ސެޓަލައިޓް މެދުވެރިކޮށް ވެސް އެ ޗެނަލް ފެންނާނޭ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ޗެނަލްއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އައްޔަ ހާމައެއް ނުކުރެއެވެ.

ކޮންމެއަކަސް ޑްރާމާ ސިލްސިލާ "ޝަކުވާއަކާ ނުލާ" ވެގެންދާނީ ދިވެހި ފިލްމީ އިންޑަސްޓްރީ އަށް ހާއްސަކޮށް ޑްރާމާތަކަށް ފޯރި ހުންނަ ދިވެހިންނަށް ލިބޭނެ އުފާވެރިކަމަކެވެ.

comment ކޮމެންޓް