މ. މާޔާގައި އަލިފާނުގެ ހާދިސާއެެއް ހިނގައިފި

މ. މާޔާގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައި އެ އިމާރާތުން ދުންއަރަނީ. އެމްއެންޑީއެފުން ބުނީ، ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލާފައިވާ ކަމަށް -- ސަން ފޮޓޯ: ސަލީމް

މ. މާޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނީ، ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާންް ނިއްވާލާފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ ކެޕްޓަން އިބްރާހީމް އާޒިމް ސަންއަށް މިރޭ ވިދާޅުވީ، މިރޭ 7:54 ކަންހާއިރު، މ. މާޔާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި، ހާދިސާ ހިނގީ އެގޭ ތިން ވަނަ ފަންގިފިލާގެ ބަދިގޭގައި ކަމަށެވެ.

"އަލިފާން ރޯވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ނިއްވާލެވިއްޖެ. ރިޕޯޓް ލިބުނީ 19:54ގައި، 20:08ގައި ނިއްވާލެވިއްޖެ،" ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

ކެޕްޓަން އާޒިމް ވިދާޅުވީ، އެ ހާދިސާގައި އެ އެޕާޓްމަންޓުގެ ބަދިގެއަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް އެއްވެސް މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ނުވާކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށާއި، އެކަން އިތުރަށް ބަލައި ތަހްގީގުކުރަމުން ގެންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހުގެ އިރުއޮއްސުނުގަޑީގައި ވެސް މާލޭގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. އެ ހާދިސާ ހިނގީ، ހެންވޭރު ރޯޝަނީ މަގުގެ ގޯޅިއެއްގެ ތެރޭގައި ހުރި ޑީއެފް ކާޕެންޓްރީގައެވެ.

comment ކޮމެންޓް