ބޮޑެތި ޑިސްކައުންޓްތަކަކާ އެކު ގަތަރު އެއާވޭސްގެ ޓްރެވަލް ފެސްޓިވަލް ފަށައިފި

ގަތަރު އެއާވޭސްއިން ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ "ޓްރެވަލް ފެސްޓިވަލް"، އާދަޔާޚިލާފު ޑިސްކައުންޓްތަކާއި ޑީލްތަކަކާ އެކު މިއަދު ފަށައިފިއެވެ. މިއީ އެ އެއާލައިނުން ޓްރެވަލް ފެސްޓިވަލް ބާއްވާ ތިންވަނަ އަހަރެވެ.

ގަތަރުގެ ގައުމީ އެއާލައިން، ގަތަރު އެއާވޭސްއިން މައުލޫމާތު ދޭ ގޮތުގައި، ގަތަރު އެއާވޭސްއިން ދަތުރުކުރާ ހުރިހާ މަންޒިލުތަކަކަށް ވެސް ކުރާ ދަތުރުތަކުގައި، ޓްރެވަލް ފެސްޓިވަލްގެ ޑިސްކައުންޓްތަކާއި ޑީލްތައް ކަސްޓަމަރުންނަށް ލިބޭނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ނަގާ ޓިކެޓުތަކުގައި، ޖެނުއަރީ 11 އިން ފެށިގެން މިއަހަރުގެ ޑިސެމްބަރު މަހުގެ 15 ގެ ނިޔަލަށް ދަތުރުކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ސްކައިޓްރެކްސް އެއާލައިން އެވޯޑްސްގައި، ދުނިޔޭގެ އެންމެ މަގުބޫލު ބިޒްނަސް ކްލާސްގެ އެވޯޑު ލިބިފައިވާ ގަތަރު އެއާވޭސްގެ ޓްރެވަލް ފެސްޓިވަލް ހިންގާ ދުވަސްވަރު، އިކޮނޮމީ ކްލާހާއި ބިޒްނަސް ކްލާހުން ދަތުރުކުރުމުގައި ހެޔޮ ޑިސްކައުންޓްތަކެއް ލިބޭނެއެވެ. އެގޮތުން، އެކުގައި ދަތުރުކުރާ މީހުންނަށް ޚާއްސަ ފެއާތަކާއި، ތިން މީހުންނާ ހަތް މީހުންނާ ދެމެދުގެ ގްރޫޕުތަކުން ދަތުރުކުރުމަށް އެކުގައި ބުކް ކުރާ އިރު، ކޮންމެ ފަސިންޖަރަކާ އެކު ލިބޭ ޑިސްކައުންޓް އިތުރުވާނެ ކަމަށް ގަތަރު އެއާވޭސްއިން ބުނެއެވެ. އަދި މިއަދުން ފެށިގެން 16 ޖެނުއަރީގެ ނިޔަލަށް، ކުޑަކުދިންނަށް ހިލޭ ދަތުރުކުރެވޭ އޮފާއެއްވެސް ލިބޭނެ ކަމަށް ގަތަރު އެއާވޭސްއިން ބުނެއެވެ.

ސޯޝަލް މީޑިއާގައި ޓްރެޝާ ހަންޓެއް!

ޓްރެވަލް ފެސްޓިވަލްގެ ހަރަކާތެއްގެ ގޮތުން، ގަތަރު އެއާވޭސްއިން މިއަހަރުވެސް ވަނީ އޮންލައިން ޓްރެޝާ ހަންޓެއް ހިންގުމަށް ނިންމައިފައެވެ. ސޯޝަލް މީޑިއާގައި ގަތަރު އެއާވޭސް ފޮލޯކުރާ އެތައް މިލިޔަން ފޮލޮވަރުންނަށް ހުޅުވާލާ ފުރުސަތުގައި، އެ އެއާލައިންގެ ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމުގައި އާންމުކުރާ ކްލޫތަކަށް ސަމާލުވެ ހުރެ، ޒީރޯ ފެއާގެ ގޯލްޑެން ޓިކެޓެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. ގަތަރު އެއާވޭސްއިން ބުނާ ގޮތުގައި، އެ ގޯލްޑެން ޓިކެޓުގައި، ގަތަރު އެއާވޭސް ދަތުރުކުރާ ކޮންމެ މަންޒިލަކަށް ވެސް ދަތުރުކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ވިސާކާޑު އޮތިއްޔާ ޑިސްކައުންޓް!

ގަތަރު އެއާވޭސްއިން ވަނީ، ޓްރެވަލް ފެސްޓިވަލްގައި ފުރަތަމަ ފަހަރަށް، މާލީ ޚިދުމަތްދޭ ބައިނަލްއަގުވާމީ ކުންފުނި، ވިސާއާ ޕާޓްނަރވެފައެވެ. މި ޕާޓްނަރޝިޕްގެ ދަށުން، ޓްރެވަލް ފެސްޓިވަލްގެ ދުވަސްވަރު ވިސާ ކާޑު ހޯލްޑަރުން ޓިކެޓު ބުކް ކުރާ އިރު، 15 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

މީގެ އިތުރުން، ގަތަރު އެއާވޭސްގެ ވެބްސައިޓު މެދުވެރިކޮށް، އެ އެއާލައިންގެ ޕާޓްނަރ އެކޯހޮޓެލްސްއިން އެކޮމޮޑޭޝަން ބުކް ކުރާ އިރު 10 ޕަސަންޓުގެ ޑިސްކައުންޓް ލިބެއެވެ.

އަދި އެއާލައިންގެ ޕާޓްނަރު އެކްޕީޑިއާ މެދުވެރިކޮށް އެކޮމޮޑޭޝަން ބުކް ކުރާނަމަ، ފްލައިޓާއި ހޮޓެލް ޕެކޭޖުތަކުން އިތުރު، ޚާއްސަ އިނާޔަތްތައް ލިބޭނެ ކަމަށް ގަތަރު އެއާވޭސްއިން ބުނެއެވެ.

މީގެ އިތުރުން، ޓްރެވަލް ފެސްތިވަލްގެ ދުވަސްވަރު އެއާލައިންގެ ޕްރިވިލެޖް ކްލަބުގެ މެމްބަރުންނަށް "ކިއުމައިލް" ޕޮއިންޓްސް ދެގުނަ އިތުރަށް ލިބުމުގެ ފުރުސަތު އޮންނާނެއެވެ. އެގޮތުން، ގަތަރު އެއާވޭސްގެ ފްލައިޓުގެ ބިޒްނަސް ކްލާހަށް އަޕްގްރޭޑުވުމާއި، ޕްރިވިލެޖް ކްލަބުގެ ސިލްވާ އަދި ގޯލްޑް މެމްބަޝިޕް ލިބުމާއި، އެއްލައްކަ ކިއުމައިލް ޕޮއިންޓްސް ލިބުމާއި، ގަތަރު ޑިއުޓީފްރީ ވައުޗަރތަކާއި، ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުގެ ސްޕާގެ ޚިދުަމތް ހޯދުމުގެ ވައުޗަރތައް އަދި އެއާލައިންގެ ލައުންޖްތަކަށް ވަނުމުގެ ފުރުސަތު ލިބުން ފަދަ ޚާއްސަ ހަދިޔާތައް ލިބޭނެއެވެ.

ގަތަރު އެއާވޭސްގެ ޗީފް ކޮމާޝަލް އޮފިސަރ ޑރ. ހިއު ޑަންލީވީ ވިދާޅުވީ، އެ އެއާލައިންގެ ޓްރެވަލް ފެސްޓިވަލަކީ ދުނިޔޭގެ ގިނަ ބަޔަކު ޝައުގުވެރިވާ އަހަރީ ހަރަކާތެއް ކަމަށެވެ.

ޑރ. ޑަންލީވީ ވިދާޅުވީ ޓްރެވަލް ފެސްޓިވަލަކީ، އަގުހުރި ޑިސްކައުންޓްތަކަކާ އެކު، ގަތަރު އެއާވޭސްގެ ބައިނަލްއަގުވާމީ ނެޓްވޯކުގައި ހުރިހާ ފަސިންޖަރުންނަށް ވެސް ދަތުރުކުރެވޭނެ މަގު ފަހިކޮށްދޭނެ ޕްރޮމޯޝަނެއް ކަމަށާއި، ޓްރެވަލް ފެސްތިވަލްގެ މަގްސަދަކީ ކަސްޓަމަރުން އެކުގައި ތަންތަނަށް ދަތުރުކޮށް، އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

ގަތަރު އެއާވޭސްއިން ދުނިޔޭގެ 151 މަންޒިލަކަށް ދަތުރުކުރެއެވެ. މިއަހަރު އެ އެއާލައިނުން ވަނީ ގިނަ މަންޒިލުތަކަކަށް އަލަށް ދަތުރުކުރަން ފަށައިފައެވެ. އޭގެ ތެރޭގައި ނިއުޒިލެންޑުގެ އަކްލެންޑާއި، އޮސްޓްރޭލިއާގެ ވެރިރަށް ކެންބެރާއާއި، އެމެރިކާގެ ލަސް ވޭގަސްއާއި ބްރެޒިލްގެ ރިއޯ ޑެ ޖަނޭރޯ ހިމެނެއެވެ.

comment ކޮމެންޓް