ފަލިޖެހުމުން އެއްވަނައަށް ފަޔާ ރެސްކިއު، ރިޔަލުދޯނި ދުއްވުމުން އެއްވަނައަށް އެސްޕީޖީ

ސިފައިންގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތް ނިންމާލުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޑިފެންސް މިނިސްޓްރީން އިސްނަގައިގެން ސިފައިންގެ މެދުގައި ކުރިއަށްގެންދިޔަ ފަލި ޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތުގެ ނިމުން ފާހަގަކޮށްފި އެވެ.

އެ މުބާރާތުގެ ތެރެއިން ފަލި ޖެހުމުގެ މުބާރާތުން އެއްވަނަ ހޯދާފައި ވަނީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމެވެ. އެ ޓީމުން ރޭސް ނިންމީ 11 މިނިޓް 33 ސިކުންތުންނެވެ. އަދި ރިޔަލު ދޯނި ދުއްވުމުން އެއްވަނަ ހޯދާފައި ވަނީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ޓީމެވެ. އެ ޓީމުން ރޭސް ނިންމީ 25 މިނިސްޓް 31 ސިކުންތުންނެވެ.

ސިފައިންގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތް ނިންމާލުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެ ޓީމުތަކަށް ހަނދާނީ ލިޔުން އަދި ޓްރޮފީ ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

މިއަދުގެ މުބާރާތުން ރިޔަލު ދޯނި ދުއްވުމުން ހަތަރުވަނަ ހޯދާފައި ވަނީ ކޯސްޓްގާޑެވެ. ރިޔަލު ދޯނި ދުއްވުމުން ތިންވަނަ ކުއާޓާ މާސްޓާ ސާވިސް ހޯދި އިރު ދެވަނަ ހޯދާފައި ވަނީ މެރިން ޑިޕްލޮއިމެންޓް ޔުނިޓް ތިނެކެވެ.

ފަލިޖެހުމުން ހަތަރު ވަނަ މެރިން ޑިޕްލޮއިމެންޓް ޔުނިޓް ހަތަރެއް ހޯދާފައިވާ އިރު ތިންވަނަ ހޯދާފައި ވަނީ މެރިން ޑިޕްލޮއިމެންޓް ޔުނިޓް އެކެކެވެ. ފަލިޖެހުމުން ދެވަނަ ހޯދާފައި ވަނީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އެވެ.

ސިފައިންގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތް ނިންމާލުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މިއަދު ނިންމާލި މުބާރާތުގެ މަސައްކަތަކީ ވަރަށް ބުރަ އަދި އޭގެ ސަބަބުން ސިފައިންގެ ސިފަވަންތަކަން އިތުރަށް ހަރުދަނާ ވާނެ މުބާރާތަކަށް ވާނެ ކަމަށެވެ.

"އަޅުގަނޑުމެން ގައުމަކީ ވަށައިގެން ކަނޑު އޮތް ގައުމަކަށްވާ އިރު، އަދި އެ ތަންތަން ބަލަހައްޓަން މަސައްކަތް ކުރަނީ ސިފައިން ކަމަށްވާ އިރު ސިފައިންނަކީ ކޮންމެހެން ވެސް މިފަދަ ހުނަރުތައް ދަސްވެފައި ތިބޭ ބަޔަކަށް ވާންޖެހޭ. މި މުބާރާތުން ސިފައިންނަށް އެފަދަ ހުނަރުތަކެއް ވަނީ ދަސްވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިންނަކީ އަބަދު ވެސް ދިވެހީންނަށް ދިމާވެދާނެ އެކި ކަންކަމުން ސަލާމަތްކޮށްދީ ދިމާވާ ކޮންމެ ކަމެއްގައި އެހީވުމަށް އަތުގުޅާލައިގެން ތިބޭނެ ބައެއް ކަމަށެވެ.

މިއަދު ބޭއްވި މުބާރާތުގައި ސިފައިންގެ 18 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި ދުއްވީ އެކަމަށް ހާއްސަކޮށް ފަރުމާކޮށް ބަނދެފައިވާ އުޅަނދުތަކެކެވެ.

comment ކޮމެންޓް