ބަންގްލަދޭޝާއި ލަންކާއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަނީ

ލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކައާ ބަންގްލަދޭޝް ސަފީރު ބައްދަލުކުރައްވަނީ--

ސްރީލަންކާއާއި ބަންގްލަދޭޝްއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމާ ބެހޭގޮތުން، ދެގައުމުގެ ސަރުކާރުގެ އިސްވެރިން މަޝްވަރާ ކުރައްވައިފިއެވެ.

ބަންގްލަދޭޝުން ސްރީލަންކާއަށް ކަނޑައެޅި އާ ސަފީރު ރިޔާޒް ހާމިދުﷲ މިދިޔަ ހަފްތާގައި، ލަންކާގެ ފިނޭންސް މިނިސްޓަރ ރަވީ ކަރުނާނަޔަކައާ ވަނީ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި، ސަރަހައްދީ ވިޔަފަރީގައި ދެގައުމަށް ފައިދާ ކުރުވަނިވި ގޮތްތަކެއް ތައާރަފު ކުރުމާ މެދު ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އެގޮތުން، ފްރީ ޓްރޭޑު އެގްރިމެންޓެއް ދެގައުމުގެ ދެމެދުގައި އެކުލަވާލުމުގެ މަޝްވަރާތައް ވެސް ކުރެއްވިއެވެ.

އެ މަޝްވަރާގައި، ޖޯގުރަފީގެ ގޮތުން ދެގައުމު ގާތުގައި އޮތުމަކީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ވިޔަފާރި އިތުރަށް ފުޅާކުރުމަށް އޮތް ފަސޭހައެއް ކަމަށް ދެގައުމުން އެއްބަސްވިއެވެ. އަދި ބަންގްލަދޭޝްގެ ބަނދަރުމަތީ ސިޓީ ޗިއްޓަގޮންގާއި ލަންކާގެ ކޮލޮމްބޯ ހާބަރާ ދެމެދު މިހާރަށް ވުރެ ބޮޑަށް ކަނޑު ދަތުރުފަތުރުގެ ޓްރެފިކް އިތުރު ކުރުމަކީވެސް، މިފަދަ އެއްބަސްވުމެއް އެކުލަވާލުމަށް ލިބޭނެ އެހީއެއް ކަމަށް ދެބޭފުޅުން ވިދާޅުވިއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި އަންނައުނާއި ފޭރާން ގިނަ އަދަދަކަށް އުފައްދާ ދެ ގައުމުގެ ގޮތުގައި އޮވެ، ލަންކާއާއި ބަންގްލަދޭޝުން ގުޅިގެން، ދެކުނު އޭޝިއާ ސަރަހައްދުން ބޭރުގެ މާކެޓުތަކަށް ވިޔަފާރި ފުޅާކުރުމާ ބެހޭގޮތުންވެސް ދެބޭފުޅުން ވާހަކަ ދެއްކެވިއެވެ.

ސްރީލަންކާއާއި ބަންގުލަދޭޝާ ދެމެދު މިދިޔަ އަހަރު ކޮށްފައިވަނީ 76 މިލިޔަން ޑޮލަރުގެ ވިޔަފާރިއެވެ. އޭގެ ތެރެއިން، ބަންގްލަދޭޝުން އިމްޕޯޓުކުރީ 45.55 މިލިޔަން ޑޮލަރުގެ މުދަލެވެ. އަދި ލަންކާއިން އިމްޕޯޓުކޮށްފައިވަނީ 30.45 ނިލިޔަން ޑޮލަރުގެ މުދަލެވެ.

comment ކޮމެންޓް