މަރުވެފައި އޮށްވައި އިއްޔެ މޫދުން ފެނުނު މޫސަ-- ސަން ފޮޓޯ: ކިޔުންތެރިއެއް
މަރުވެފައި އޮށްވައި އިއްޔެ މޫދުން ފެނުނު މޫސަ-- ސަން ފޮޓޯ: ކިޔުންތެރިއެއް

ކާފަ، މާމަ މޫދަށް ދާއިރު ދޭން ޖެހޭ ސަމާލުކަން ބޮޑު!

އަހުމަދު ސާއިލް އަލީ
ލިޔުނީއަހުމަދު ސާއިލް އަލީ

"މަރުވެފައިވާ މީހަކު މޫދުން ފެނިއްޖެ" މި ސުރުހީ މިވަނީ އާންމުވެފަ އެވެ. ވޭތުވެ ދިޔަ ދެ އަހަރަކަށް ބަލާއިރު ވެސް ހަތް މީހުން ވަނީ ރަށްރަށު ފަޅުތެރޭގައި މަރުވެފައި އޮއްވައިފެނިފަ އެވެ. އޭގެ ތެރޭގައި ދެ މީހުން ފިޔަވައި ދެން މުޅިންހެން ތިބީ އުމުރުން ދުވަސްވީ މީހުންނެވެ. މިކަން މިހާ އިތުރުވެގެންދާއިރު މިއީ ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ.

ފެންވެރުމުގެ ކުރިން މޫދަށް ދިއުމަކީ ޒަމާނުންސުރެ ދިވެހިންގެ އާދައެކެވެ. ވެލިން ދަތް އުނގުޅުމާއި މޫދުން ފެންވެރުމަކީ މިއަދުވެސް ދުވަސްވީ މީހުން ލޯބިކުރާކަމެކެވެ. ނަމަވެސް ހިތާމައަކީ އެކަމުގެ ތެރެއިން ހިތާމަވެރި ހާދިސާތައް ހިންގުމެވެ.

މިހާތަނަށް ހިނގާފައި ހުރި އެފަދަ ހާދިސާތަކަށް ބަލާއިރު މުޅިންހެން ހުރީ ގުދުރަތީ ގޮތުން ކުއްލި ގޮތަކަށް ދިމާވާ މައްސަލަތަކެވެ. ފަހުގެ ތާރީހެއްގައި އެގޮތަށް މަރުވެފައި އޮއްވައި ފެނުނު މީހުންގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާތަކެއް ނުފެނެ އެވެ. ކަމާ ބެހޭ ފަރާތްތަކުން މަރުގެ ސަބަބު ދެނެގަތުމަށް ޓެސްޓްތައް ހެދުމުން ފާހަގަވެފައި ހުންނަނީ ޝޮކެއް ޖެހުން ފަދަ މައްސަލަތަކެވެ. އެހެންކަމުން މިއީ ސިއްހީ މައްސަލައަކުން ދިމާވަމުން އަންނަ ކަމެއްކަން ޔަގީނެވެ.

މުސްކުޅިވެ ގައިބާރު ދަށްވުމަކީ ސިއްހީ އެތައް މައްސަލައަކަށް މީހާ ހުށައެޅޭނެ ކަމެކެވެ. ހާއްސަކޮށް ދިވެހިން ވަކި އުމުރަކަށް ދިއުމުން ލެއާއި ހަކުރު މައްޗަށް ދިއުމާއި ހިތުގެ މައްސަލަތައް ފަދަ ކަންކަން ކުރިމަތިވުމަކީ އާންމު ކަަމަކަށްވާއިރު ކުއްލިއަކަށް ދިމާވާ ސިއްހީ ނުރައްކަލަކަށް މީހާ ހުށައެޅުމުގެ ފުރުސަތު އެކަމުގެ ސަބަބުން ބޮޑެވެ.

ދިވެހި ރާއްޖޭގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ އާންމު ބަލިތަކުގެ ޑޮކްޓަރު އުސާމާ އަލީ އުމަރު ވިދާޅުވި ގޮތުގައި އެފަދަ ކަންކަން ހިންގުން އާންމުވެ ފުރާނަގެއްލެން މެދުވެރިވާ ސަބަބަކީ ސިއްހީ ކަންކަމަށް ހޭލުންތެރިކަން ދަށްވުން ކަމަށެވެ.

"މައްސަލައަކީ ގިނަ ފަހަރަށް ހޭލުންތެރިކަން ދަށްވުން، މިސާލަކަށް ހާޓްއެޓޭކެއް ޖެހިފައިވާ މީހަކަށް ނޭނގޭ ކޮންކަހަލަ އެކްސަސައިޒެއްކަން އޭނަ ކުރާނީ އަދި ނުކުރާނީ، މިސާލަކަށް ޑައިބެޓިކްސް ހުންނަ މީހެއް ކެއުންމަދުކޮށް ހެދީމަ ބޯއަނބުރައިގެން ގެނބިދާނެކަން،" އުސާމާ ވިދާޅުވި އެވެ.

ހިތުގެ މައްސަލައާއި ހަކުރު ފަދަ މައްސަލަތައް ހުންނަ މީހުން ޓެސްޓްތައް ނުހަދައި އުޅުމަކީ ކުއްލި ސިއްހީ މައްސަލަތައް ދިވެހިންނަށް ދިމާވާ މައްސަލައެއްކަމަށް ވެސް ޑރ. އުސާމާ ވިދާޅުވި އެވެ. މޫދުގައި ހުއްޓައި ކުއްލިއަކަށް ދިމާވާ ސިއްހީ މައްސަލަތަކަށް ފަރުވާދޭނެ މީހަކު ކައިރި ނެތުމާއި ފަރުވާ ލަސްވުމަކީ އެފަދަ ހާދިސާތަކުގައި މީހުން މަރުވަން ދިމާވާ ސަބަބެއް ކަމަށް ޑރ. އުސާމާ ވިދާޅުވި އެވެ.

އެކަނި ދިޔަ ނުދޭންވީ

ދިވެހިންގެ ރަށްފުށު ދިރިއުޅުން ހުންނަ ގޮތުން ގައިބާރު ދަށް ދުވަސްވީ މީހުންވެސް އެކަނި ތަންތަނަށް ގޮސް އުޅުމަކީ އާންމު ކަމެކެވެ. ހިތް އުފާކުރަން މީހުން ނޫޅޭ ސަރަހައްދުތަކަށް ދިއުމާއި މޫދު ފަދަ ތަންތަނަށް އެކަނި ދިއުމަކީ އެފަދަ ފަރާތްތަކުގެ އާދަ އެވެ. އެނބުރި ނާންނަތާ އެތައް އިރެއް ވުމުން ނޫނީ ކޮބާތޯ ބަލާލުމަކީ ވެސް ދަރިން ކިބައިން އާންމުކޮށް ފެންނަ ކަމެއްނޫނެވެ.

އެކަނި މޫދުގައި އުޅުމުގެ ތެރެއިން ދިމާވާ ސިއްހީ މައްސަލައެއްގެ ސަބަބުން މީހާގެ ހެޔަށްގޮތްވެ މޫދަށް ގެނބޭއިރު އެމަންޒަރު ފެންނަ ހިސާބުގައި ގިނަ ފަހަރަށް މީހަކު ނުހުރެ އެވެ. ނަތީޖާއެއްގެ ގޮތުން ފަރުވާ ނުލިބޭތާ މޫދަށް ވެއްޓުމުން ނޭވާ ހާސްވެ އެމީހަކު ދުނިޔެދޫކޮށްދަނީ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ކަންކަން ހިނގިޔަ ނުދިނުމަށް ދުވަސްވީ ފަރާތްތަކުން އެކަނި މޫދަށް ގޮސް ނޫޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

"ދުވަސްވީ ފަރާތްތަކުން މޫދަށް ދާއިރު އެހީތެރިވާނެ ފަރާތެއް އެކުގައި އަބަދު ވެސް ދިއުމަށް އިލްތިމާސްކުރަން، އެއީ ރައްކާތެރިކަމަށް އެޅޭނެ ފިޔަވަޅެއް،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިފަދަ ހާދިސާތައް ހުއްޓުވުމަށް އޮތް އެންމެ ބޮޑު ފިޔަވަޅަކީ ދުވަސްވީ މީހުން މޫދަށް އެރިއުޅޭ އިރު ލައިފް ގާޑުން ބޭތިއްބުމެވެ. އެގޮތުން މޫދަށް އެރެން ވަކި ސަރަހައްދެއް ކަނޑައަޅައި ރަށްރަށު ކައުންސިލް އިން ނުވަތަ ޖަމިއްޔާތަކުން އެތަނަށް އެރޭ މީހުން ބަލަހައްޓާނެ އުސޫލެއް ގާއިމްކުރުން މުހިންމުކަމަށް ބެލެވެ އެވެ.

ދުވަސްވީ ފަރާތްތައް ބެލެހެއްޓުމުގައި ފަރުދީ ޒިންމާ ނަގަންޖެހެ އެވެ. އުޅޭނޫޅޭ ތަނެއް ބަލަންޖެހެ އެވެ. ބެލެނިވެރި ފަރާތްތަކުގެ ޒިންމާ އިތުރުކުރަންޖެހެ އެވެ. އެހެން ނޫން ނަމަ މިފަދަ ހާދިސާތައް ހިންގުން އިތުރުވާނެ އެވެ. އެންމެ ބޮޑު ހައްލަކީ ދުވަސްވީ ފަރާތްތަކާ އެކު ބެލެނިވެރި ފަރާތަކުން ދިއުމެވެ.

DB released.