ހުޅުމާލޭ ޔޫތު ސިޓީގެ ފެނާއި ނަރުދަމާ އެޅުމަށް އެމްޑަބްލިއުއެސްސީއަށް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މޮޑެލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިމުގައި ފެނާއި ނަރުދަމާ ނިޒާމު އެޅުމަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އާ ހަވާލުކޮށްފިއެވެ.

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ސައިމަން، އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން، ޔޫތު ސިޓީއެއްގެ ގޮތުގައި ތަރައްގީކުރާ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރާ މަގުތަކުގެ ދަށުން އަޅަންޖެހޭ ހޮޅިތައް އެޅުމާއި، ފެނާއި ނަރުދަމާ ނިޒާމުތައް ގާއިމުކުރާނެއެވެ.

މި މަސައްކަތްތައް ކުރަނީ، އިންޑިއާގެ އެކްސްޕޯޓު-އިމްޕޯޓު ބޭންކުން ނަގާފައިވާ، 25 މިލިޔަން ޑޮލަރުގެ ލޯނަކުންނެވެ

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، މި މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންވާ ހޮޅިތަކާއި އެހެނިހެން އިކުއިޕްމެންޓު ގެނެސްފައިވާ ކަމަށެވެ.

"މި ޕްރޮޖެކްޓު 2018 ގެ ސެޕްޓެމްބަރަށް ނިންމުމަށް އަމާޒު ހިފައިގެން އަޅުގަނޑުމެން މިތިބީ،" ފަޒުލް ވިދާޅުވިއެވެ.

އެޗްޑީސީއިން މިދިޔަ ހަފްތާގައި ވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ އިންފްރާސްޓްރަކްޗަރުގެ ބޮޑެތި މަސައްކަތްތަކުގެ ޑިޒައިންތައް ހެދުމަށާއި، އަމަލީ މަސައްކަތް ކުރިޔަށް ދާ އިރު އެ މަޝްރޫއުތައް މެނޭޖުކޮށް، އިންޖިނިއަރިން ކޮންސަލްޓަންސީ ދިނުމަށް ތުރުކީގެ ޓާކިޝް އިންޖިނިއަރިން ކޮންސަލްޓިން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (ތުމަޝް) އަށް، ތިން މިލިޔަން ޑޮލަރަށް ވަނީ ހަވާލުކޮށްފައެވެ.

comment ކޮމެންޓް