ޒަމާންތަކަކަށްފަހު މައްދިވެހިންގެ ފަންނު މާލޭގެ މަލަމައްޗަށް

ޖެނުއަރީ 9، 2017: މާލެ އުތުރު ފަރާތު އިއްޒުންދީން ފާލަމާ ދިމާލުން ރިޔަލުގައި ދޯނި ދުއްވަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރިޔަލަށް ވައި އަޅުވައިގެން، ކަނޑުގެ ބާނިތައް ކަފަމުންދިޔަ ދޯންޏެއް ފެނުނު ހަނދާނެއް އެބަހުރި ހެއްޔެވެ؟ ހާއްސަކޮށް ވެރިރަށް މާލެ ސަރަހައްދުން އެފަދަ މަންޒަރެއް ފެނުމަކީ "ދަމަކުންބަޑިއެއް" ޖެހުންފަދަ ކަމެކެވެ.

ނަމަވެސް ގިނަ ބަޔަކު މިއަދު އެ މަންޒަރު ދެކޭނެ އެވެ. ހާއްސަކޮށް، މާލޭ އުތުރު ފަރާތާއި ކ. ފުނަދޫއާ ދެމެދުންނެވެ. އެ ދޯނިތަކަކީ އިއްޒުއްދީން ފާލަން ސަރަހައްދުން ނުކުމެގެން ދިޔަ ދޯނިތަކެވެ. ފަލި ޖަހަމުން ދުއްވާ ދޯންޏާއި ރިޔަލުގައި ދުއްވި ދޯނިތައް ފެނިގެންދިޔަ އެވެ.

ދޯންޏެއްގެ ކޮންމެ ފަރާތަކަށް ފަސް ފަލި ބާލައިގެން، އެއް އަޑެއްގައި އެއް ރާގެއްގައި "އަނހާ ހުތް" ކިޔަމުން، ޖޯޝުގައި ފަލިޖަހަމުން، އެއް ދޯންޏާއި އަނެއް ދޯނި ވާދަ ކުރަމުންދިޔައީ މުބާރާތެއްގަ އެވެ. އެއީ ޑިފެންސް މިނިސްޓްރީ އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިސްނަގައިގެން ބޭއްވި ރިޔަލު ދޯނި ދުއްވުމާއި ފަލި ޖެހުމުގެ މުބާރާތެވެ.

ޖުމްލަ 18 ޓީމާއެކު މި މުބާރާތް ފަށާފައި ވަނީ މިއަދު ހެނދުނު އިއްޒުއްދީން ފާލަމުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގައުމު ދިފާއުކޮށްދިން ބަތަލުން، "ކަޅުއޮއްފުއްމި" ފަދަ އުޅަނދުތަކުގައި ދުޝްމަނުންނާ ކުތިމަތިލީ އެފަދަ އުޅަނދުތަކުގަ އެވެ. ފަލި ޖަހައި ރިޔަލުގައި ވައި އަޅުވާލައިގެން ގޮސް، ދުޝްމަނުންގެ ހަތިޔާރުތަކާ ކުރިމަތިލީ ވެސް ހަމަ އެފަދަ އުޅަނދުތަކުގަ އެވެ. އެ ޒަމާނުގައި އަޅުގަނޑުމެންގެ ކާބަފައިން ރަށުގައި ތިބި ދަރިންނަށް ކާންދޭނެ ކާޑު ކޮޅެއް ހޯދަން ދުރު ރަށްތަކަށް، އަތްވެއް ވިއްސާރައަކަށް ނުބަލައި، ކަނު އަނދިރީގައި ދަތުރުކުރީ ވެސް އެފަދަ އުޅަނދުތަކުގަ އެވެ. އެއީ ސަގާފަތެވެ. ވަށައިގެން ކަނޑުއޮތް ދިވެހިންގެ ދަތުރުކުރުމުގެ އާދަކާދަ އޮތްގޮތެވެ. މިއަދު އިއްޒުއްދީން ފާލަން ސަރަހައްދުން ފެނުނު މަންޒަރު އުފާވެރިވެފައި ހިތްގައިމީ އެހެންވެ އެވެ.

އަޅުގަނޑުމެން ދިވެހިންނަކީ "ކަނޑުގެ ދަރިން" ނެވެ. މި ރިވެތި ސަގާފަތް އަޅުގަނޑުމެން ދިރުވަން އެބަޖެހެ އެވެ. ދިވެއްސަކަށް ވީތީ ފަހުރުވެރިވާ ފަދައިން ދިވެއްސަކަށް ވީތީ ރިޔަލު ދޯންޏެއް ދުއްވާލައި ފަލިޖަހަން ވަކި ޖިންސަކަށް ނުބަލައި އެނގެން އެބަޖެހެ އެވެ. މިއަދު އިއްޒުއްދީން ފާލަން ސަރަހައްދުން ފެނުނީ ދިވެހިން ސިފައިންގެ ކަނބަލުންނާއި ފިރިހެން ބޭފުޅުން އެ ސަގާފަތް ފެނު މައްޗަށް ތިލަކޮށްދިން މަންޒަރެވެ.

ޖެނުއަރީ 9، 2017: މާލެ އުތުރު ފަރާތު އިއްޒުންދީން ފާލަމާ ދިމާލުން ފަލި ޖަހާފައި ދޯނި ދުއްވަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިއަދު ފެނިގެން ދިޔައީ ސިފައިންނަކީ ހަމައެކަނި ހަތިޔާރާ އެކު އަންނަ ދުޝްމަނުންނާ ކުރިމަތިލާން ތިބޭ ބައެއްކަން ނޫނެކެވެ. އެއީ ސަގާފަތް ދިރުވައި އާލާކޮށް ދިވެހިންގެ ދިވެހިވަންތަކަން އާލާކޮށްދޭން ތިބި ބައެކެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް މިއަދުގެ މުބާރާތް ސިފަ ކޮށްދެއްވީ އެފަދައިންނެވެ. ޝިޔާމް ވިދާޅުވީ ސިފައިންގެ ތެރެއިން ދިވެހިންގެ މިފަދަ ސަގާފަތް ނެތި ދިޔަސް ނުދާނެ ކަމަށެވެ.

"ރާއްޖޭގެ ދިފާއީ ކަންކަމާ ޒިންމާވެގެން ތިބޭ ބަޔަކަށް ވީ ހިނދު، އަޅުގަނޑުމެން ހަމައެކަނި މަސައްކަތް ކުރަންވީކީ ބަޑި ހިފައިގެން ނޫނީ ހަތިޔާރާއެކު އަޅުގަނޑުމެންނާ ކުރިމަތިލާ ބަޔަކަށް ކުރިމަތިލާން ދަސްކުރާކަށް ނޫން. އަޅުގަނޑުމެންގެ ޓްރެޑިޝަން، އަޅުގަނޑުމެންގެ ކަލްޗާ، މި ހުރިހާ އެއްޗެއް ދިރުވުން މިއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އެފަދަ ސަގާފަތްތައް ދިރުވައި އާލާކުރުމުގެ ގޮތުން އާންމުންނަށް ހުޅުވާލައިގެން ވެސް ވަރަށް އަވަހަށް އެފަދަ މުބާރާތެއް ބާއްވަން ގަސްތު ކުރައްވާ ކަމަށެވެ.

ޖެނުއަރީ 9، 2017: މާލެ އުތުރު ފަރާތު އިއްޒުންދީން ފާލަމާ ދިމާލުން ރިޔަލުގައި ދޯނި ދުއްވަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ގައުމީ އަރުޝީފުގެ ޑިރެކްޓާ ޖެނެރަލް އަދި ރާއްޖޭގެ ތާރީޚު ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ މުހައްމަދު ޝާތިރު ވެސް މިއަދު ބޭއްވި މުބާރާތް ފާހަގަކުރެއްވީ ކުރުން ވަރަށް ރަނގަޅު ކަމެއް ގޮތުގަ އެވެ. ޝާތިރު ވިދާޅުވީ ދުނިޔޭގެ އެކި ކަރަކަރައަށް ދިވެހިން ދަތުރުކޮށްފައި ވަނީ އެފަދަ އުޅަނދުތަކުގައި ކަމަށެވެ. އެހެންކަމުން މިފަދަ ޒަމާނެއްގައި ރިޔަލު ދޯނި އަދި ފަލީގައި ބަޔަކު ނުކުތުމަކީ މުޅި ދުނިޔެއިން ވެސް އެކަން ބަލައިގަންނާނެ ކަމެއް ކަމުގައި ޝާތިރު ފާހަގަކުރެއްވި އެވެ.

"ދިވެހިންނަކީ މިފަދަ ކަންކަމުގައި ފާހަގަކޮށްލެވޭ ބައެއް. ޗައިނާ ފަދަ ތަންތަނުގެ ދަތުރުވެރިން ވެސް ދިވެހިން ކައިރިން އަހައިގެން ނިޔަމިކުރުން ނުވަތަ ނެވިގޭޝަން ދެނެގަތުން ފަދަ ކަންކަން ކޮށްފައިވާކަން ތާރީހުން ސާބިތުވޭ،" ޝާތިރު ވިދާޅުވި އެވެ.

ދިވެހިންގެ ކަނޑު އުޅަނދު ފަހަރަށް އިންޖީނުތައް އައީ 1975 ހިސާބުގަ އެވެ. ނަމަވެސް 2000 އާއި ޖެހެންދެން ވެސް ދިވެހިން ވަނީ އިންޖީނު ހުއްޓަސް ރިޔަލުގައި ދަތުރުކޮށްފަ އެވެ. އެކަން ދިރުވަމާ ހިނގާށެވެ. ދިވެހި ސަގާފަތުގެ އުޅަނދުގެ ރިޔަލުގައި ހެޔޮވަރު ވައެއް އަޅުވާލައިގެން، ބާރަށް ފަލި ޖަހަމުން ދަމާ ހިނގާށެވެ. މިއީ ފަތުރުވެރިންނަށް ވިއްކޭނެ ފަންނެކެވެ.

comment ކޮމެންޓް