ދިފާއީ ވަކީލު ހާޒިރު ނުވުމުން ވިސާމްގެ ޝަރީއަތް ކެންސަލް

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިސާމް ކްރިމިނަލް ކޯޓު ކައިރި --- ސަންފައިލް ފޮޓޯ

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދައުވާގެ މިއަދަށް ތާވަލުކުރި އަޑުއެހުން ދިފާއީ ވަކީލު ހާޒިރު ނުވުމުން ކެންސަލް ކޮށްފި އެވެ.

މިއަދު 11:00 އަށް ތާވަލުކުރި އެ އަޑުއެހުން ކެންސަލްކޮށްފައި ވަނީ ތާވަލުކޮށްފައިވާ ގަޑި ހަމަވެ، ގަޑިއެއްހާއިރުވީއިރު ވެސް ދިފާއީ ވަކީލު އަބްދުﷲ ހަސީން ހާޒިރު ނުވުމުންނެވެ.

މައްސަލާގައި މިއަދު ތާވަލުކޮށްފައި އޮތީ ދިފާއުގައި ހުށަހެޅި ހެކިްގެ ހެކިބަސް ނެގުމެވެ.

ހަސީން ވިދާޅުވީ ގަޑިއަށް ހާޒިރު ނުވެވުނީ ސިވިލް ކޯޓުގައި އެ ގަޑީގައި އޮތް އެހެން މައްސަލައަކަށް ދާން ޖެހުމުން ކަމަށެވެ. އެ މައްސަލައިގެ އެހެން އަޑުއެހުމެއް ދެން ތާވަލުކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހަށެވެ.

ވިސާމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައި ވަނީ 25 މާޗް 2015 ވަނަ ދުވަހު މާލޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމެއްގައި ފުލުހުން މީހަކު ހައްޔަރު ކުރަނިކޮށް، އޭނާ ހައްޔަރުކުރީ ކީއްވެތޯ އަހައި ފުލުހުންގެ ދައުރު އަދާކުރުމަށް ވިސާމް ދަތިކޮށްފައިވާ ކަމުގެ ތުހުމަތުގަ އެވެ.

ވިސާމްގެ މައްޗަށް ދައުލަތުން ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ ވެސް އުފުލައިފަ އެވެ. އެ މައްސަލާގައި މިމަހުގެ 26 ވަނަ ދުވަހު ހުކުމް ކުރާނެ އެވެ.

comment ކޮމެންޓް