އިސްރާއީލު ސިފައިންގެ މުއައްސަސާއިން ނެރުނު ރަސްމީ ތަފާސް ހިސާބުތަކަކުން ހާމަވާގޮތުގައި މިދިޔަ އަހަރު އެގައުމުގެ ސިފައިންގެ ތެރެއިން އަމިއްލައަށް 15 މީހުން މަރުވެފައިވެ އެވެ. އޭގެ ކުރީ އަހަރު އަމިއްލައަށް މަރުވެފައި ވަނީ 12 ސިފައިންނެވެ. އިސްރާއީލަކީ އާބާދީ މަދު ގައުމަކަށްވެފައި އިސްރާއީލުގެ ޔަހޫދީ އާބާދީގައި ވިހެއުމުގެ ރޭޓު، ތަބީއީ ގޮތުން މީހުން މަރުވާ ރޭޓަށްވުރެ މަތީގައި އުޅޭތީ ސިފައިންގެ ތެރެއިން އަމިއްލައަށް މަރުވާ މީހުންގެ އަދަދު އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް އެ ގައުމުން ބުނެއެވެ.

މި ތަފާސް ހިސާބުތައް ދައްކާގޮތުން މި 15 މީހުންގެ އިތުރުން އިސްރާއީލު ސިފައިންގެ ތެރެއިން ސާޅީސް މީހުން ތަބީއީ ނޫން ގޮތްގޮތަށް މިދިޔަ އަހަރު މަރުވެފައިވެއެވެ. މީގެތެރޭގައި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންގެ ހަމަލާތަކުގައި މަރުވި ސިފައިންނާއި އަސްކަރީ ތަމްރީންތަކުގައި މަރުވި ސިފައިން ހިމެނެއެވެ.

އިސްރާއީލުގެ ސިފައިންގެ މުއައްސަސާއިން މީގެކުރިން ނެރުނު ރިޕޯޓެއްގައި ސިފައިންގެ ޚިދްމަތުން ވާކިވާ ޒުވާނުންގެ އަދަދު ގިނަވުމުން ދިޔުމާއި ސިފައިންގެ ޚިދުމަތަށް ވަންނަން ބޭނުންނުވާ ޔަހޫދީ ޒުވާނުންގެ އަދަދު އަހަރުން އަހަރަކަށް އިތުރުވާތީ ކަންބޮޑުވާކަން ވެސް ބަޔާންކޮށްފައިވެއެވެ.

އިސްރާއީލަކީ ސިފައިންގެ ތަމްރީންތައް ވަރަށް ވަރުގަދައަށް ދޭ ގައުމެކެވެ. ނަމަވެސް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންގެ ކުރިމަތީގައި އިސްރާއީލުގެ މި ތަމްރީންތައް އެކަށްޗަކަށް ވެސް ނުވެއެވެ. މިކަން އެނގެނީ މުޖާހިދުންނާއި އިސްރާއީލު ސިފައިންނާ އަސްކަރީ ގޮތުން ކުރިމަތިލާންޖެހޭ ދަނޑިވަޅުތަކުގައެވެ. ޣައްޒާގެ ހަނގުރާމަފަދަ ހަނގުރާމަތަކުގައެވެ.

މީގެއިތުރުން ފަލަސްތީނުގެ ވަކި ވަކި ފަރުދުން އިސްރާއީލުގެ އިސްތިއްމާރީ ބާރުތަކަށް ދޭ ޖިހާދުގެ ޙަމަލާތަކުންވެސް ފަލަސްތީނުގެ އާންމުންނާ ކުރިމަތިލުމުގައި އިސްރާއީލުގެ ސިފައިންގެ ބަލިކަށިކަން ހާމަވަމުންދެއެވެ. އިއްޔެ ގުދްސުގައި ފަލަސްތީނުގެ މުޖާހިދަކު އިސްރާއީލު ސިފައިންނަށް ދިން ޖިހާދީ ހަމަލާއިންވެސް އިސްރާއީލު ސިފައިންގެ ބަލިކަށިކަން ހާމަވެފައިވުމުގެ އިތުރުން މިފަދަ ޖިހާދީ ހަމަލާތަކަށް އިސްރާއީލު ސިފައިން ތައްޔާރުވެފައި ނެތްމިންވަރުވެސް ހާމަވެފައިވެއެވެ.

އިސްރާއީލު ގަދަބާރުން ހިފައި ވެރިވެގެންފައިވާ ފަލަސްތީނުގެ ގުދްސުގައި ދުއްވާފައި ދިޔަ ލޮރީއަކުން އިސްރާއީލު ސިފައިންގެ ބައެއްގެ ގައިގައި ޖައްސައި އިސްރާއީލުގެ އިސްތިޢްމާރީ ސިފައިންގެ 4 މީހުންވަނީ މަރާލާފައެވެ. މިއީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުން ދިން ހައްގު ހަމަލާއެއް ކަމަށް އިއްތިރާފް ވުމުގެ ބަދަލުގައި އިސްރާއީލުން ވަނީ މިއީ އައިއެސް ޖަމާއަތަށް ނިސްބަތްވާ މީހަކު ދިން ޓެރަރިސްޓް ހަމަލާއެއްކަމަށް ސިފަކޮށްފައެވެ.

އިސްރާއީލުން އެ ހަމަލާއާއި އައިއެސް ޖަމާއަތާ ގުޅުވުމުގެ ބޭނުމަކީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގެ ހަމްދަރްދީ ހޯދުން ކަމަށް ވަނީ ބެލެވިފައެވެ. ބަދަލު ހިފުމުގެ ރޫހެއްގައި އައިއެސް ވުޖޫދަށް އައިސް އެ ޖަމާއަތުން އިސްލާމީ އެތަށް ގައުމަކާ ދެކޮޅަށް ޓެރަރިސްޓް ހަމަލާތައް ދެމުންގެންދާތާ ހައެއްކަ އަހަރުވެފައިވާއިރު ވެސް އެޖަމާއަތުގެ އެއްވެސް ޓެރަރިސްޓް ހަމަލާއެއް އިސްރާއީލަށް އަމާޒުކޮށްފައެއް ނުވެއެވެ.

އައިއެސް ފަދަ ޓެރަރިސްޓް ޖަމާއަތްތައް މުސްލިމުންގެ ތެރެއިން އުފައްދައި އެފަދަ ޖަމާއަތްތައް މެދުވެރިކޮށް އިސްލާމް ދީނުގެ ނަމުގައި ޓެރަރިޒަމްގެ ހަރަކާތްތައް ހިންގުވުމަށް އިސްރާއީލުގެ ޖާސޫސީ އިދާރާއިން މީގެ އެތަށް އަހަރެއް ކުރިން ރާވާފައިވާކަން އެމެރިކާގެ ކުރީގެ ޖެނެރަލަކު ދާދި ފަހުންވަނީ ފަޅާއަރުވާލާފަ އެވެ. އަދި ސޫރިޔާއާއި އިރާގާއި ލީބިޔާ ފަދަ އިސްލާމީ ބޮޑެތި ގައުމުތަކުގައި މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމަތައް ވުޖޫދަށް ގެނައުމަށް ނޫނީ އެހަނގުރާމަތަކަށް މަގުފަހިކުރުމަށްޓަކައި މީގެއެތަށް އަހަރެއްކުރިން އިސްރާއީލުން މަސައްކަތް ކުރަމުން ގޮސްފައިވާކަންވެސް އެމެރިކާގެ ރިޓަޔަޑް ޖެނެރަލް ދެއްވި ބަޔާނުގައިވެއެވެ. (ނޫސްއެޖެންސީތައް)