ބޮޑަށް ބެލެވެނީ ދެމަފިރިން މަރުވެފައިވަނީ ގުދުރަތީގޮތުން ކަމަށް: ފުލުހުން

މ. ލައިޓް ސިގްނަލް ގޭގެއިން މަރުވެފައި ތިބި ދެމަފިރިން ފެނުން: ވިލުފުއްޓަށް ނިސްބަތްވާ އެ ދެ މީހުންގެ ތެރެއިން އަންހެން މީހާގެ އުމުރަކީ 40 އަހަރެ. އަދި ފިރިހެން މީހާގެ އުމުރަކީ 50 އަހަރު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މ. ލައިޓް ސިގްނަލް ގޭގައި މަރުވެފައި ތިއްބައި ފެނުނު ދެމަފިރިންގެ ހަށިގަނޑުގެ ބޭރު ފުށުން އަނިޔާއެއް ލިބިފައިނުވާކަމަށާއި ބޮޑަށް ބެލެވެނީ މަރުވެފައި ވަނީ ގުދުރަތީ ގޮތުން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެދެމަފިރިންގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް ގެއްލުމެއް ފެންނަން ނެތް ކަމަށާއި، އެދެމަފިރިން ތިބި ކޮޓަރިއަށް ބަޔަކު ގަދަކަމުން ވަދެފައިވާކަން ވެސް ފާހަގަވެފައި ނުވާ ކަމަށެވެ.

"މިހާތަނަށް ބެލިބެލުމުން އެދެމަފިރިންތިބި ކޮޓަރިއަށް ބަޔަކު ގަދަކަމުން ވަދެފައި އިން ކަމަށްވެސް ފާހަގައެއް ނުވޭ،" އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަރުވި ދެމަފިރިންގެ ހަށިގަނޑު މިވަގުތު އޮތީ އިތުރު ތަހުގީގު ކުރުމަށްޓަކައި މޯޗަރީގައި ކަމަށާއި، ތަހުގީގާ ގުޅޭ ރަސްމީ ބަހެއް މިވަގުތު ދެވެން ނެތް ކަމަށެވެ.

ފުލުހުން އަންނަނީ އަދިވެސް އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ ވަކިއެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.

މަރުވެފައި ތިއްބާ ފެނުނީ ތ. ވިލުފުށީ، ގާސިމް ޝާހިދު، 50 އަދި ރަޒީނާ އިބްރާހިމް، 40 އެވެ.

އެދެމަފިރިން މަރުވެފައިކަން އެނގުނީ ރޭ ނިދިގޮތަށް ނުހޭލައިގެން ގޮސް ބެލިބެލުމުންނެވެ.

މަރުވިއިރު އެދެމަފިރިންގެ ގްރޭޑް އެކެއްގައި އުޅޭ އަންހެން ކުއްޖަކާއި ގްރޭޑް 10 ނިމިފައި ތިބި ދެ ފިރިހެން ކުދިން ތިއްބެވެ. އެގޭގައި އުޅެނީ އެކުދިންނާއި ދެމަފިރިންނެވެ.

comment ކޮމެންޓް