ދެކުނު ކޮރެއާގެ ރައީސާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި މީހަކު އަމިއްލަ ގައިގައި ރޯކޮށްލައިފި

ރައީސާ ޕާކްއާ ދެކޮޅަށް ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ބޭއްވި މުޒާހަރާއެއް -- ފޮޓޯ: އޭއެފްޕީ

ސޯލް (ޖެނުއަރީ 8): ދެކުނު ކޮރެއާގެ ރައީސާ ޕާކް ގުން ހޭ އާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ބުދިސްޓު ދީންވެރިއަކު އަމިއްލަ ގައިގައި ރޯކޮށްލައިފި އެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ބޭއްވި މުޒާހަރާއެއްގައި، އަމިއްލަ ގައިގައި ރޯކުރި ބުދިސްޓު މޮންކް ވަނީ، ގައްދާރުވުމުގެ ކުށުގައި ރައީސާ ޕާކް ހައްޔަރު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ނޯޓެއް ލިޔެފައި ކަމަށް އެގައުމުގެ ނޫސްތަކުން ބުނެ އެވެ. އަދި 64 އަހަރުގެ އެމީހާގެ ގައިގެ ބޮޑުބައެއް އަނދާފައިވާ ކަމަށާއި އޭނާ އަދިވެސް ހޭނާރާ ކަމަށް ފުލުހުން ބުންޏެވެ.

އެމީހާ ލިޔުނު ނޯޓުގައި، ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުގެ ފައުޖުތަކުން ދެކުނު ކޮރެއާގެ އަންހެނުން ޖިންސީ އަޅުންގެ ގޮތުގައި ގެންގުޅުނު މައްސަލައިގައި ޖަޕާނުން ދޭނެ ބަދަލާ ބެހޭ ގޮތުން ދެ ގައުމުން ހެދި އެއްބަސްވުމަށްވެސް އޭނާ ފާޑުކިޔައި، ރައީސް ޕާކް އަކީ ގައުމަށް "ބޭވަފާތެރިއެއް" ކަމަށް ބުނެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެ އެބަސްވުމާ ދެކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ޖަޕާނުން ދެކުނު ކޮރެއާއަށް ދޭން އެއްބަސްވި ބަދަލަކީ އެގައުމުން ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ދިން އަނިޔާއާ އަޅާބަލާއިރު އެކަށީގެންވާ މިންވަރުގެ ބަދަލެއް ނޫނެވެ. އަދި އެއެއްބަސްވުން ހެދި ފަހުން ދެކުނު ކޮރެއާގެ އެކްޓިވިސްޓުންތަކެއް އެގައުމުގައި ހުންނަ ޖަޕާނުގެ ކޮންސިއުލޭޓު ކުރިމަތީގައި ޖިންސީ އަޅުން ރަމްޒުކޮށްދޭ ބުދެއް ބެހެއްޓުމުގެ ސަބަބުން ޖަޕާނުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އަދި އެއީ ދެގައުމުން ހެދި އެއްބަސްވުމާ ހިލާފު އަމަލެއް ކަމަށް ބުނެ ދެކުނު ކޮރެއާގައި ހުންނަ ޖަޕާނުގެ ސަފީރު ވަނީ އަނބުރާ ގައުމަށް ގެންގޮސްފައެވެ. އޭގެ ސަބަބުން ދެގައުމުގެ ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ.

ރައީސާ ޕާކްގެ ގާތް ރަހުމަތްތެރިޔެއް ކަމުގައިވާ ޗޮއި ސޫން ސިލްއަށް ގައުމުގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވުމަށް ފުރުސަތު ދޭ ކަމަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ރައީސާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، އޭނާ މަގާމުން އެކަހެރިކޮށްފައެވެ. ދެކުނު ކޮރެއާގެ ދުސްތޫރީ ކޯޓުން މިހާރު ދަނީ އެމައްސަލަ ބަލަމުންނެވެ.

އެ މައްސަލައިގެ ޝަރީޢަތުގެ ފުރަތަަމަ ދެ އަޑުއެހުމަށް ރައީސާ ޕާކް ހާޒިރުވެވަޑައިނުގަތުމުން، މިިދިޔަ ހަފްތާގައި އޮތް ދެވަނަ އަޑުއެހުން ވަނީ އޭނާގެ ޣައިރު ހާޒިރުގައި ކުރިއަށްގެންގޮސްފައެވެ. ރައީސާ ޕާކްއާ ދެކޮޅަށް ކޯޓުން މައްސަލަ ނިންމައިފި ނަމަ ރަސްމީކޮށް އޭނާ ވެރިކަމުން ވަކިކުރެވޭނެ އެވެ. (އޭއެފްޕީ)

comment ކޮމެންޓް