ލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް އަށެއްގައި ބާއްވަން ނިންމައިފި

މީގެކުރިން ބޭއްވި އިންތިހާބެއްގައި މީހަކު ވޯޓު ލަނީ ---- ސަންފައިލް ފޮޓޯ

ިލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި އޭޕްރީލް މަހުގެ އަށް ވަނަ ދުވަސް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފި އެވެ.

އިލެކްޝަނުން އަދި ރަސްމީކޮށް ތާރީހު އިއުލާނު ނުކުރި ނަމަވެސް އޭޕްރީލް އަަށް ވަނަ ދުވަހު އިންތިހާބު ބާއްވަން ނިންމާފައިވާކަން 'ސަން' އަށް ވަނީ ކަށަވަރުވެފަ އެވެ.

މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ، އޭޕްރީލް އަށެއްގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ޕާޓީތަކަށް އަންގާފައިވާ ކަމަށް ވެސް އަލީ ނިޔާޒު ވިދާޅުވި އެވެ.

"އެބޭފުޅުން [އިލެކްޝަންސް ކޮމިޝަނުން] އަޅުގަނޑުމެންނާ އެކު އެއްބަސްވެފައި އޮތީ، އަދި މިއަދު ހެނދުނު ޕާޓީ ތަކާ އެކު ބޭއްވުނު ބައްދަލުވުމެއްގައިވެސް އެއްބަސްވެ ވަޑައިގަތް އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުމުގައި ތާރީހަކަށް އެއްބަސް ވެވުނު ކަމަށް. އެ ތާރީހަކީ އޭޕްރީލް މަހުގެ އަށް ވަނަ ދުވަސް. އޭޕްރީލް މަހުގެ އަށްވަނަ ދުވަހަކީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހު ކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައި،" ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމާފައި އޮތް ކަމުގައި ވިޔަސް ރައްޔިތުންނާއި ހިސާބަށް އިންތިހާބު ބާއްވާނެ ތާރީހު ހިއްސާ ނުކުރެވިގެން އުޅޭ ސަބަބު ސާފުވެފައި ނުވާ ކަމަށެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ނިޔާޒު ވަނީ އެކަން ރައްޔިތުންނަށް ހިއްސާ ކުރައްވައި އަދި އެތާރީހުގައި އިންތިހާބު ބޭއްވުމަށް ހުރި ދަތިތަކަކީ ކޮބައިކަން އޮޅުންފިލުވައިދިނުމަށް އެދިވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ދެއްކެވި ޓައިމްލައިނެއްގައި މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިތުރު ކެންޑިޑޭޓުންނަށް ވާދަ ކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އަދި ރީރެޖިސްޓްރޭޝަން ކުރުމަށްވެސް އިތުރަށް ހުޅުވައިލާނެ ކަމަށާއި، އެ ހުޅުވައިލާ މުއްދަތަކީ މިހާރު ރީރެޖިސްޓްރޭޝަން ކުރެވިފައިވާ މީހުން އެހެން ތަންތަނަށް ބަދަލުވީމައި އަންނަ ބަދަލެއްގެ ރީރެޖިސްޓްރޭޝަން އެކަނި ކަމަށެވެ.

ނިޔާޒު ވިދާޅުވީ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު އިންތިހާބު ބާއްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން މިހާރު ގަބޫލުކޮށްފައިވާ 900 އަށްވުރެ ގިނަ ކެންޑިޑޭޓުންގެ ކެންޑިޑެންސީ ބާތިލްކޮށް އަލުން އާ އިންތިޚާބެއްގެ ގޮތުގައި އެ އިންތިހާބު ކުރިއަށް ގެންދެވޭނެ ކަމަށް އެޕާޓީން ގަބޫލު ނުކުރައްވާ ކަމަށެވެ.

comment ކޮމެންޓް