ބާސެލޯނާގެ ރެކޯޑް މުގާރާލަން ރެއާލަށް ބޭނުން ވަނީ އެންމެ މެޗެއް

ރޭގެ މެޗުގައި ރެއާލްގެ ބެންޒެމާގެ ގޯލަށް ފަހު އެޓީމްގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ސްޕެނިޝް ލީގްގައި ރޭ ގްރަނަޑާ އަތުން 0-5ގެ ނަތީޖާ އަކުން މޮޅުވެ ރެއާލް މެޑްރިޑުން ބާސެލޯނާއިން ބަލިނުވެ، 39 މެޗު ފުރިހަމަކޮށްފައިވާ ރެކޯޑާ އަރާ ހަމަކޮށްފި އެވެ.

ރޭގެ މެޗުން މޮޅުވި ރެއާލް އޮތީ ލީގްގައި އެޓީމް ކުޅުނު 16 މެޗުން 40 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނާގައި ސެވިއްޔާ އޮތީ ތިން ވަނާގައި އޮތް ބާސެލޯނާއަށްވުރެން އެއްމެޗު އިތުރަށް ކުޅެ 36 ޕޮއިންޓާއި އެކު އެވެ. ބާސެލޯނާއަށް ލިބެނީ 34 ޕޮއިންޓެވެ.

ރެއާލްގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗު ފެށުމުގެ ކުރިން ވަނީ މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު ބެލެންޑިއޯ އެވޯޑާއި މީގެ ކުރިން އޭނާއަށް ލިބުނު ތިން ބެލެންޑިއޯ އެވޯޑް ދައްކާލައިފަ އެވެ. އެ ރަސްމިއްޔާތުގައި ރެއާލަށް ކުރިން ކުޅުނު ބްރެޒިލްގެ ރޮނާލްޑޯއާއި ލުއިސް ފީގޯގެ އިތުރުން މައިކަލް އޮވެން ވެސް ބައިވެރިވެފަ އެވެ.

މިދިޔަ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރޮނާލްޑޯ ބެލޮންޑިއޯ އެވޯޑް ދައްކާލަނީ --- ފޮޓޯ: އޭޕީ

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ރެއާލް އިން ވަނީ ހަތަރު ގޯލު ކާމިޔާބްކޮށް ބޮޑު ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ގޯލު 12 ވަނަ މިނެޓްގައި އިސްކޯ ކާމިޔާބްކޮށްދިން އިރު ދެވަނަ ގޯލު 20 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާ އެވެ. އޭގެ ހަތް މިނެޓްފަހުން ރޮނާލްޑޯ ސްކޯކުރި އިރު އިސްކޯ ވަނީ އޭނާގެ ދެވަނަ ގޯލު 31 ވަނަ މިނެޓްގައި ކާމިޔާބްކޮށްފަ އެވެ. ރެއާލްގެ ފަސް ވަނަ ގޯލު 58 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކަސަމީރޯ އެވެ.

މިދިޔަ އަހަރުގެ އޭޕްރިލްގެ ފަހުން ރެއާލް މެޑްރިޑް މެޗަކުން ބަލިވެފައިނުވާ އިރު އަންނަ ހުކުރު ދުވަހުގެ ރޭ ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުން ރެއާލް ބަލިނުވެއްޖެ ނަމަ ވާދަވެރި ބާސެލޯނާގެ ރިކޯޑް މުގުރާލެވޭނެ އެވެ.

comment ކޮމެންޓް