ޔުނައިޓެޑަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފަށް ރޫނީ ކެތްމަދުވެފައި

ރޭގެ މެޗުގައި ގޯލު ޖެހުމަށްފަހު ރޫނީ (މ) އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

މެންޗަސްޓާ ޔުނައިޓެޑްގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބްކޮށްދީފައިވާ ބޮބީ ޗާލްޓަންގެ ރިކޯޑާ އަރާ ހަމަކޮށްފައިވާ ވޭން ރޫނީ ހުރީ އެ ރިކޯޑް މުގާރާލަން ކެތްމަދުވެފައި ކަމަށް އެނާ ބުނެފި އެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ ރެޑިން އަތުން 0-4ގެ ނަތީޖާ އިން ޔުނައިޓެޑް މޮޅުވެ ހަތަރުވަނަ ބުރުން ޖާގަ ހޯދިއިރު އެ ޓީމްގެ ފުރަތަމަ ގޯލު ކާމިޔާބްކޮށްދިނީ ރޫނީއެވެ. އަނެއް ތިން ގޯލުގެ ތެރެއިން ދެ ގޯލު ޒުވާން ފޯވާޑް މާކަސް ރަޝްފޯޑް ކާމިޔާބްކޮށްދިންއިރު އަނެއް ގޯލު ކާމިޔަބްކޮށްދިނީ ފްރާންސްގެ ފޯވާޑް އެންތަނީ މާޝިއަލްއެވެ.

ޔުނައިޓެޑްގެ ތާރީހުގައި އެ ޓީމަށް 249 ގޯލު ކާމިޔާބްކޮށްދީގެން ޗާލްޓަން ރިކޯޑް ހެދީ 1956 ވަނަ އަހަރުން ފެށިގެން 1973 ވަނަ އަހަރާއި ހަމައަށް އެޓީމަށް ކުޅެދިން 758 މެޗުންނެވެ. ޗާލްޓަންގެ ރިކޯޑާ ރޫނީ އަރާ ހަމަކުރީ 543 މެޗުންނެވެ.

"އެއީ ވަރަށް ވެސް ފަހަރުވެރިވި ވަގުތުކޮޅެއް. އަމިއްލަ ދަނޑުގައި މިހަފްތާ ތެރޭގައި ކުރިއަށް އެބައޮތް ދެ މެޗު. އުންމީދު ކުރަނީ އެ ދެ މެޗުންކުރެ އެއް މެޗުގައި އަހަރެންނަށް އެ ރިކޯޑް މުގުރާލެވޭނެ ކަމަށް،" ރޭގެ މެޗަށްފަހު ރޫނީ ބުންޏެވެ.

މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވެސް ވަނީ ރޫނީ އަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ.

"ކުރިއަށް އޮތީ އަދި މާ ހާއްސަ ވަގުތުކޮޅެއް. އަހަރެން ވެސް އަދި ޔުނައިޓެޑްގެ ހުރިހާ ސަޕޯޓަރުން ވެސް ވަރަށް ބޭނުން ރޫނީ ރެކޯޑް ހަދާތަން ބަލަން. އެއީ ވަރަށް ވެސް ތަފާތު ކުޅުންތެރިއެއް،" މޮރީނިއޯ ބުންޏެވެ.

ޗާލްޓަންގެ ރިކޯޑާއި ރޫނީ އަރާހަމަކުރި ގޯލު ކާމިޔާބުކުރީ އިރު ޗާލްޓަން ވެސް އުނީ އޯލްޑް ޓްރެފޯޑްގައި މެޗު ބަލާާށެވެ. އަދި ރޫނީގެ ގޯލު ކާމިޔާބްކުރުމާ އެކު ޗާލްޓަން ވަނީ އަތްތިލަބަޑީގެ މަރުހަބާއެއް ކިޔާފައެވެ.

comment ކޮމެންޓް