ހޯދަން ބޭނުންވެފައިވާ ނުރައްކާތެރި ދެ ޓެރަރިސްޓުން މަރާލެވިއްޖެކަން ސައޫދީން ހާމަކޮށްފި

ސައޫދީ ސަލާމަތީ ބާރުތަކުން މަލާލި ދެ މީހުން.

ރިޔާޒް (ޖަނަވަރީ 8) : ސައޫދީ އަރަބިޔާއިން ހޯދަން ބޭނުންވެފައިވާ ނުރައްކާތެރި ދެ ޓެރަރިސްޓުން މަރާލާފައިވާ ކަމަށް އެ ގައުމުން ހާމަކޮށްފި އެވެ.

ސައޫދީ ދާޚިލީ ވުޒާރާ ބުނާ ގޮތުން އެ ދެ މީހުން މަރާލާފައި ވަނީ ވެރިރަށް ރިޔާޒްގެ ޔާސްމީން އަވަށުގައި ފުލުހުން ރޭ ހިންގި އަމަނާ ބެހޭ އޮޕަރޭޝަނެއްގައެވެ. މި ދެ މީހުން މަރާލެވުނީ ފުލުހުންނާއި އެ މީހުންނާ ދެމެދު ބަދަލުކުރި ބަޑީގެ ޙަމަލާތަކެއްގައި ކަމަށް ވެސް ސައޫދީ ދާޚިލީ ވުޒާރާގެ ތަރްޖަމާން ވިދާޅުވި އެވެ.

ސައޫދީ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން އެ ގައުމަށް ވެސް މިހާރު ވަނީ "ސަލަފީ ޖިހާދީ ފިކުރުގެ" ހަނގުރާމަވެރިންގެ ނުރައްކާތައް ވަރަށް ބޮޑުވެފަ އެވެ. މިގޮތުން ހަތިޔާރު އެޅި މި ބާވަތުގެ ބައެއް މީހުން ސައޫދީގައި ފިލައިގެން އުޅޭ ކަމަށާއި އެ މީހުން ތިބެނީ ސައޫދީގެ އެތެރޭގައި ޙަމަލާތައް ދޭނެ އަދި ބޮންގޮއްވާނެ ފުރުސަތަކަށް ބަލަބަލައެވެ. މަރާލެވުނު ދެމީހުންނަކީވެސް ސައޫދީ ރައްޔިތުންނެވެ.

އަތުލި ހަތިޔާރުތައް ސައޫދީ ރަސްމީ ޓީވީން ވަނީ އެމީހުން ގެންގުޅުނު ކަމަށް ބުނާ ހަތިޔާރުތައް ވެސް ދައްކާލާފައެވެ. މިތަކެތި ހުރީ ރިޔާޒްގެ ޔާސްމީން އަވަށުގައިވާ ފަޅު ގެއެއްގައި ކަމަށްވެ އެވެ. އަތުލައިގަތް ތަކެތީގެ ތެރޭގައި އަމިއްލައަށް މަރުވެގެން ޓެރަރިސްޓް ހަމަލާތައް ދިނުމަށް ބޭނުންކުރާ ޖެކެޓާއި ބެލްޓުގެ އިތުރުން ބަޑި އާއި ވަޒަނާ އަދި ގޮވާތަކެތި އުފެއްދުމަށް ބޭނުންވާ ސާމާނާއި ކެމިކަލް މާއްދާތައް ވެސް ހިމެނެއެވެ.

ދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ ހަނގުރާމަވެރިންގެ ނުރައްކާތެރިކަން ސައޫދީ އަށް ބޮޑުވެފައިވާއިރު ސައޫދީގެ އަވަށްޓެރި އިރާގާއި ސޫރިޔާއިން މީގެ އެތަށް އަހަރެއް ކުރި ފެށިގެން ދަނީ މިފަދަ ޖަމާއަތްތަކުގެ ޓެރަރިސްޓް ހަމަލާތަކުގެ ޝިކާރައަކަށްވެ ކޮންމެ ދުވަހަކު އެތަށް ބަޔަކު ފަނާވަމުންނެވެ. މިފަދަ ހަނގުރާމަވެރި ޖަމާއަތްތަކުގެ ޓެރަރިސްޓް ހަމަލާތަކުގެ ޝިކާރައަކަށް އެންމެ ގިނައިން ވަމުންދަނީ އިރާގާއި ސޫރިޔާގެ ކުށެއް ނެތް ރައްޔިތުންނެވެ. އެ ދެ ގައުމުގައި ހަރަކާތްތެރިވާ ސަލަފީ ޖިހާދީ ތަކްފިރީ ފިކުރުގެ މިފަދަ ޖަމާއަތްތަކަށް އެހީތެރިވާކަމުގެ ތުހުމަތު (ސިޔާސީ މަގްސަދުތައް ޙާސިލް ކުރުމަށްޓަކައި) ސައޫދީ އާއި ގަތަރުގެ މައްޗަށް އެ ދެ ގައުމުގެ ސަރުކާރު ތަކުން ކުރަމުން ގެންދެ އެވެ. ނަމަވެސް ސައޫދީ އާއި ގަތަރުން އެކަން ދޮގުކުރެއެވެ.

އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސްފަދަ ނުރައްކާތެރި ޖަމާއަތްތަކުން ބޮމެއް ގޮއްވާލައިގެން ކުށެއް ނެތް އެތަށް ބަޔަކު މަރާނުލާ ދުވަހެއް މަދެވެ. މިފަދަ ޖަމާއަތްތަކުގައި ގިނަ އަދަދެއްގެ ސައޫދީ ޒުވާނުން ހަރަކާތްތެރިވަމުން ދާކަމަށް ސައޫދީ ރަސްމީ ދާއިރާތަކުންވެސް އެއްބަސްވެއެވެ.

ރޭގައި ވެސް ސޫރިޔާގެ ހަލަބަގެ އުތުރުގައިވާ އިޢްޒާޒްގައި މީހަކު އަމިއްލައަށް މަރުވެގެންދިން ބޮމުގެ ޙަމަލާއެއްގައި ސޫރިޔާގެ ކުށެއް ނެތް އާންމުންގެ 60 މީހުން މަރުވެ ސަތޭކައަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު