މާލެއިން ފުރައިގެން ދިޔަ މުދާ އުފުލާ ދޯންޏެއް ފަރަށް އަރައިފި

މީގެ ކުރިން ފަރަށް އެރި ދޯންޏެއް -- : ފޮޓޯ/ އެމްއެންޑީއެފް

މުދާ އުފުލާ ދޯންޏެއް ކ. ގުޅި ކައިރީގައި އޮތް ފަރަކަށް އަރައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވި ގޮތުގައި އެ ދޯނި ފަރަށް އަރާފައިވަނީ މާލެއިން މުދާ ބަރުކޮށްގެން ތ. މަޑިފުއްޓަށް ދަތުރުކުރަމުން ދަނިކޮށެވެ. އަދި އެ ދޯނު ފަރަށް އެރި އިރު އަށް މީހުން ދޯނީގައި ތިބި ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ދޯނި ފުން ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ސަރަހައްދުގައި ސިފައިންގެ ޑައިވަރުންނާއި ކޯސްޓް ގާޑު ހަރަކާތްތެރިވަމުންދާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އެ ހާދިސާގައި ދޯނީގައި ހުރި މުދަލުގެ ތަފްސީލެއް ނުލިބެ އެވެ. ނަމަވެސް އެ ދޯންޏަކީ 80 ފޫޓުގެ ދޯންޏެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް