މަރަދޫފޭދޫގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ މޫނަށް ބޮޑެތި ޒަޚަމްތަކެއް ލިބިއްޖެ

އައްޑޫ ސިޓީގައި މީގެ ކުރިން ހިނގާދިޔަ އެކްސިޑެންޓުގެ ތެރެއިން: ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ މޫނަށް ބޮޑެތި ޒަޚަމްތަކެއް ލިބިއްއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 9:25 ހާއިރު މަރަދޫގައި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ލިބިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެކްސިޑެންޓުވި މަންޒަރު ދުށް މީހަކު "ސަން" އަށް ކިޔައިދިން ގޮތުގައި އެ އެކްސިޑެންޓު ގޯޅިއަކުން ނިކުތް ސައިކަލަކާއި އެހެން ސައިކަލެއް ޖެހިގެންނެވެ. ގޯޅިން ނިކުތް ސައިކަލުގައި ތިބީ ދެމަފިރިންނެވެ. އެ ސައކަލުގައި ތިބި މީހުންގެ ތެރެއިން އަނިޔާވީ އަންހެން މީހާ އަށެވެ. އޭނާގެ ފިރިމީހާ އަށް އަނިޔާއެއް ނުވެއެވެ.

ނަމަވެސް ދެން ޖެހުނު ސައިކަލުގައި އިން މީހާ އަށް ލިބުނު ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާއިރު، އޭނާގެ ނޭފަތުންލާއި އަނގައިން ލޭ އަންނަ ކަމަށް މަންޒަރު ދުށް މީހާ ކިޔައިދިނެވެ. އަދި އެމީހާގެ މޫނު ވަކިކުރަން ނޭނގޭ ވަރަށް ޒަޚަމްވެފައިވާ ކަމަށްވެސް އެމީހާ ކިޔައިދިނެވެ.

މި ހާދިސާއާ ގުޅިގެން ފޭދޫ ސިއްޙީ މަރުކަޒުގެ ބަހެއް ވަނީ ލިބޭ ގޮތްނުވެފައެވެ.

މި ހާދިސާގެ އިތުރުން އައްޑޫގައި މިރޭ ދެ އެކްސިޑެންޓެއް ވެފައިވެއެވެ. އޭގެ ތެރެއިން ހިތަދޫގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު 46 އަހަރުގެ މީހަކަށް މިހާރު ދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އެމީގާ މާލެ ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މީގެ އިތުރުން އައްޑީ ސިޓީ މީދޫގައިވެސް މިރޭ އެކްސިޑެންޓެއް ހިނގާފައިވެއެވެ. އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވި ނަމަވެސް ކުޑަކުއްޖަކަށް އަނިޔާވެފައިވެއެވެ. އެ އެކްސިޑެންޓު ހިނގާފައިވަނީ ހިނގާފައިދިޔަ ހަތް އަހަރުގެ ކުޑަކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ.

comment ކޮމެންޓް