ހާލުގައި ޖެހުނު ލަންކާގެ ދެ މަސްވެރިން ދިއްދުއަށް ގެންގޮސްފި

ހާލުގައިޖެހިފައިވަނިކޮށް ފެނުނު ދެ މަސްވެރިން --- އެމީހުން މިހާރު ތިބީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައި: ސަން ފޮޓޯ

ހާލުގައި ޖެހިފައި ވަނިކޮށް ރާއްޖޭގެ މަސްދޯންޏަކަށް ފެނުނު ލަންކާގެ ދެ މަސްވެރިން ދިއްދުއަށް ގެންގޮސްފި އެވެ.

އެ ދެމީހުން ދިއްދޫއަށް ގެންގޮސްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

ދެ މީހުންނާއެކު އެބޯޓް ފެނިފައި ވަނީ މިމަހުގެ ތިން ވަނަ ދުވަހުގެ ރޭ މެންދަމު 3:45 ހާއިރު ހއ. ތުރާކުނުން 30 މޭލު ބޭރުން ރާއްޖޭގެ "ކަނޑު ރޯދި" ނަމަކަށް ކިޔާ ދޯންޏަކަށެވެ. އެ ބޯޓަކީ 25 ފޫޓުގެ، މަސްވެރިކަމަށް ބޭނުން ކުރާ ބޯޓެކެވެ.

އެ ދެމީހުން މީގެކުރިން ތިބީ ސިފައިންގެ ބެލުމުގެ ދަށުގައި ހއ. އުލިގަމުގަ އެވެ. އެމީހުން ދިއްދުއަށް ގެންދިޔައީ ސީދާ ކޮން ސަބަބަކާ ހުރެކަމެއް ރަސްމީ ފަރާތަކުން އަދި ސާފުވާގޮތެއް ނުވެ އެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ދިއްދުއަށް ގެންދިޔައީ އެމީހުން ބެލުމަށް ފުލުހުންނަށް ފަސޭހަވާނެތީ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމީހުން މިހާރު ތިބީ ދިއްދޫގައި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. ދެމީހުންގެ ވެސް ހާލު ރަނގަޅު ކަމަށާއި އެމީހުން ފުރުވާލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާގޮތުގައި އެދެމީހުން ބެހެން މެދުވެރިވީ އެމީހުން މަހަށް ނިކުމެ އުޅުނު ބޯޓުން ޑީސަލް ހުސްވެގެންނެވެ. މަހަށް ފުރައިގެންވެސް އުޅުނީ އެ ދެމީހުން އެކަންޏެވެ.

"ޑީސަލް ހުސްވެގެން ދެވޭނެ ގޮތް ނެތީމަ އެމީހުން ތިބީ ކަމަށް ވަނީ ދޫކޮށްލައިގެން،" ކަމާބެހޭ މަސްދަރަކުން މައުލޫމާތުދިން ފަރާތަކުން ވިދާޅުވިއެވެ.

އެ ދެމީހުން އެހާލުގައި ކަނޑުމަތީގައި ހޭދަކުރީ ކިތައް ދުވަހުކަމެއް އަދި ސާފުވާގޮތެއްނުވެއެވެ. އެމީހުން ފެނުނުއިރު ވެސް އެމީހުންގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް