ބީއެމްއެލްގެ، އޮންލަިއންކޮށް ޑޮލަރު ގަންނަ ޕޯޓަލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ބީއެމްއެލްގެ، އޮންލަިއންކޮށް ޑޮލަރު ގަންނަ ޕޯޓަލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޑޮލަރު ކިިއުގެ ސަގާފަތަށް ނިމުމެއް، މިހާރު އޮންލައިންކޮށް ޑޮލަރު ގަނެވޭނެ

މާހިލް މުހައްމަދު
ލިޔުނީމާހިލް މުހައްމަދު

ރާއްޖެއިން ބޭރަށް ފުރާ ދިވެހީންނަށް ޑޮލަރު ލިބުމުގެ ދަތިކަން ބޮޑުވެ، ބޭންކުތައް ދޮށުގައި ދަމާލާ ކިއުތައް ދިގުވެ، އެކަމުގެ އުނދަގޫ ރައްޔިތުން ތަހައްމަލު ކުރަން ފެށުމާ އެކު، މަރުކަޒީ ބޭންކުން މިދިޔަ އަހަރުގެ ނޮވެމްބަރ ވަނީ ޑޮލަރު ވިއްކުމުގެ ކަންކަމާ ވަގުތީ ގޮތުން ހަވާލުވެފަ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އެކަމާ ހަވާލުވެ، ނިންމީ 2017 ގެ ޖެނުއަރީ އަށަކުން ފެށިގެން، ފުރާ މީހުންނަށް ޑޮލަރު ދޫކުރުމުގެ ކަންކަން ބީއެމްއެލް މެދުވެރިކޮށް އެއާޕޯޓުން ކުރުމަށެވެ.

މި ޚިދުމަތް ދޭ އިރު، އެ ބޭންކުން ވަނީ ޚިދުމަތް ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ފައިސާ ދޫކުރުމަށް ޓެކްނޮލޮޖީގެ ކުރިއެރުންތައް ބޭނުންކޮށް، އެއާޕޯޓުގައި ވިޔަސް، ޑޮލަރު ހޯދުމަށް ކިއު ހެދުމުގެ ސަގާފަތަށް ނިމުމެއް ގެންނާނެ ނިޒާމެއް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ތައާރަފު ކޮށްފައެވެ.

މީގެ ކުރިން ޑޮލަރު ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކު ކިއު ހަދައިގެން---ސަން ފޮޓޯ// މުހައްމަދު އަފްރާހް

އަދި މިކަން ކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ކައުންޓަރުތައް ގާއިމުކޮށްފައިވެއެވެ.

ޓިކެޓަށް ޑޮލަރު ގަތުން ފަސޭހަވެއްޖެ

މީގެ ކުރިން ޑޮލަރު ލިބެނީ، ވަކި ވަގުތަކު ވަކި ތަނަކަށް ގޮސްގެންނެވެ. ފުރާ މީހުންނަށް މީގެ ކުރިން ބޭންކުތަކުން ޑޮލަރު ވިއްކީ ބްރާންޗުތަކުން، އެތަންތަން ހުޅުވާފައި ހުންނަ ވަގުތުތަކުގައެވެ. އެމްއެމްއޭއިން ވެސް ޑޮލަރު ވިއްކަމުން ދިޔައީ އެހެނެވެ. ބޭންކު ބަންދު ދުވަހެއްގައި ޑޮލަރެއް ނުލިބެއެވެ.

ނަމަވެސް ބޭންކް އޮފް މޯލްޑިވްސްގެ، އޮންލައިންކޮށް ޑޮލަރު ގަންނަ ޚިދުމަތާ އެކު، 24/7 ގަޑިއިރު، ކޮންމެ ތަނެއްގައި ހުރެގެން ވެސް ޑޮލަރު ގަނެވޭނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓަށް ވަނުމުން، ވެބް ޕޭޖުގެ ކަނާތް ފަރާތުގައި މަތިން، "ޔޫއެސް ޑޮލަރ ބުކިންގް" އޮޕްޝަން ފެންނާނެ އެވެ.

އެ އޮޕްޝަން ޚިޔާރު ކުރުމުން، ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރޫ ބުކިންގް ޕޯޓަލް ހުޅުވޭނެ އެވެ. ފުރަތަމަ ޕޭޖުގައި، އެ ޚިދުމަތާ ގުޅޭ މައުލޫމާތު ހިމެނިފައި ހުރި އިރު، އެ މައުލޫމާތާއި ޝަރުތުތައް ކިޔާލުމަށްފަހު، ޑޮލަރު ބުކް ކުރުމަށްޓަކައި ބޭންކަށް ބޭނުންވާ މައުލޫމާތުތައް ހިއްސާކުރާ ޕޭޖަށް ދިއުމުގެ ދަތުރު ފަށަންވީއެވެ.

"ޕްރޮސީޑް"އަށް ފިއްތާލުމުން، ކަސްޓަމަރުގެ ފޯނު ނަމްބަރު ޖެހުމަށް ރިކުއެސްޓެއް ފެންނާނެއެވެ. ބޭންކުން ކަސްޓަމަރުގެ މޯބައިލް ފޯނަށް "ވަން ޓައިމް ޕާސްވޯޑް"އެއް ފޮނުވާނެއެވެ. އެ ޕާސްވޯޑާ އެކު، ދަތުރުކުރާ ފަސިންޖަރުންގެ އަދަދު ވެސް ބަޔާންކުރަން ޖެހެއެވެ. ކޮންމެ ކަސްޓަމަރަކަށްވެސް، ފަސް މީހުންނަށް ވާ ވަރަށް ޑޮލަރު ގަނެވޭނެއެވެ. އެއީ ކޮންމެ މީހަކަށް 500 ޑޮލަރުގެ އުސޫލުންނެވެ.

ބީއެމްއެލްގެ، އޮންލަިއންކޮށް ޑޮލަރު ގަންނަ ޕޯޓަލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ދެން އޮތީ ދަތުރުވެރިޔާއާއި ދަތުރުގެ މައުލޫމާތު ބޭންކަށް ފޯރުކޮށްދިނުމެވެ. ކަސްޓަމަރުން ދަތުރުކުރާ ފްލައިޓުގެ ނަމްބަރާއި، ފްލައިޓު އޮންނަ ތާރީޚާއި ގަޑި ޖަހަން ޖެހެއެވެ. އެއަށް ފަހު، ކޮންމެ ފަސިންޖަރެއްގެ ނަމާއި ޕާސްޕޯޓު ނަމްބަރު، އަދި ބޭނުންވާ ޑޮލަރުގެ އަދަދު ޖަހަން ޖެހެއެވެ. ކޮންމެ މީހަކަށް ވެސް އެންމެ ގިނަވެގެން ގަނެވޭނީ 500 ޑޮލަރެވެ.

ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރުމުން، އޮންލައިންކޮށް ޑޮލަރަށް ފައިސާ ދައްކާ ޕޭމެންޓް ގޭޓްވޭ ހުޅުވޭނެއެވެ. އޭގައިވާ އިރުޝާދުގެ ދަށުން ކަންކަން ފުރިހަމަކޮށް، ފައިސާ ދެއްކުމުން ޑޮލަރު ބުކް ކުރެވުނީއެވެ.

އޮންލައިންކޮށް ޑޮލަރު ގަތުމުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސްގެ ބްރަންޗުތަކުން ވެސް ޑޮލަރު ގަނެވޭނެއެވެ. ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށް ގޮސް ވެސް، މައުލޫމާތުތައް ފުރިހަމަކޮށްފައި ފައިސާ ދައްކާލުމުން ނިމުނީއެވެ. ދެން ޖެހޭނީ، ފުރާ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރުކޮޅު ނެގުމެވެ.

ފައިސާ ލިބޭނީ ވެލާނާ އެއާޕޯޓުގެ ޑިޕާޗަރ ޓާމިނަލުން

ބޭންކް އޮފް މޯލްޑިވްސްގެ ޕޯޓަލް ބޭނުންކޮށްގެން ޑޮލަރަށް ފައިސާ ދެއްކުމުން، ކިއުގައި ނުޖެހި ޑޮލަރު ގަނެވުނީއެވެ. ދެން އޮތީ، ފުރުމުގެ ކުރިން ޑޮލަރު ހޯދުމެވެ. ޑޮލަރު ހޯދުމަށްޓަކައި ކުރަން ޖެހޭނެ ކަމަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗަރ ހޯލްގައި މިހާރު ގާއިމުކޮށްފައިވާ، ބީއެމްއެލްގެ ކައުންޓަރަށް ޕާސްޕޯޓާއި ބޯޑިންގް ޕާސް ހުށަހެޅުމެވެ.

ހުށަހެޅި މައުލޫމާތާއި، ޕާސްޕޯޓާއި ބޯޑިންގް ޕާސްގައި ހުރި މައުލޫމާތާ ގުޅޭތޯ ބެލުމަށްފަހު، އެ ކައުންޓަރުން ވަގުތުން ޑޮލަރު ދޫކުރާނެއެވެ. ކިއުގައި ހުންނާން ނުޖެހި، ވަރަށް ހަލުއިކަމާ އެކު މިކަން ހިނގާނެއެވެ.

ބީއެމްއެލޫން އެއާޕޯޓުގައި ޑޮލަރު ދޫކުރާ ކައުންޓަރުތައް ހުންނާނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލްގެ ގޭޓު ހަތަރެއް ކުރިމަތީގައެވެ.

ޑޮލަރު---ސަން ފޮޓޯ// މުހައްމަދު އަފްރާހް

ބީއެމްއެލޫން ބުނާ ގޮތުގައި، ޓިކެޓު ބުކް ކުރަން ޖެހޭނީ، ފްލައިޓު ފުރަން ތާވަލުވެފައި އޮތް ވަގުތުގެ ކުރިން، އަށް ގަޑިއިރާއި 120 ގަޑިއިރާއި (ފަސް ދުވަސް) އަށް ގަޑިއިރު ކުރިންނެވެ. ބުކިންގް ހަދާ އިރު، ޕޭމެންޓް ހެދޭނީ ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓު ކާޑަކުންނެވެ. އަދި ބުކިންގް ހައްދައި، ކޮންފާމް ވާ ފަހުން އެ ބުކިންގްއަށް ބަދަލެއް ނުގެނެވެނެއެވެ.

ބުކިންގް ހައްދައި، ޑޮލަރު ހޯދުމަށް ފައިސާ ދެއްކުމަށްފަހު، ދަތުރުކުރާ ދުވަހު އެއާޕޯޓުން ޑޮލަރު ކަލެކްޓް ނުކޮށްފި ނަމަ، ފްލައިޓު ފުރާ ވަގުތުގެ 72 ގަޑިއިރު ފަހުން އެ ބުކިންގް ކެންސަލް ކުރެވޭނެއެވެ. އަދި އެ ބުކިންގްއަށް ދެއްކި ފައިސާ، ހަތް ދުވަސް ތެރޭގައި ރީފަންޑް ކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެއެވެ.

ބީއެމްއެލްގެ މި ނިޒާމާ ގުޅިގެން، ޓިކެޓަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުމަކަށް އައިސް، ޑޮލަރު ލިބެނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދަތުރުވެރިޔާއަށް ކަމުގެ ޔަގީންކަން ލިބޭނެއެވެ.

DB released.