ޔޫއޭއީގެ ރައީސް ކުއްލި ހާލަތުގައި ގައުމުން ބޭރަށް ގެންދެވިއްޖެ

ޔޫއޭއީގެ ރައީސް އައްޝައިޚް ޚަލީފާ ބިން ޒާޔިދު

އަބޫދަބީ (ޖަނަވަރީ 6) : ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ ރައީސް އައްޝައިޚް ޚަލީފާ ބިން ޒާޔިދު އަށް ކުރިމަތިވެ ވަޑައިގެންނެވި ކުއްލި އާލާސްކަންފުޅަކާ ގުޅިގެން ކުއްލި ހާލަތުގައި އޭނާ ގައުމުން ބޭރަށް ގެންދެވިއްޖެ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

ޔޫއޭއީގެ ރަސްމީ ނޫސްއެޖެންސީ ކަމަށްވާ އިމަރޭޓްސް ނޫސް އެޖެންސީ ބުނާ ގޮތުން އަމިއްލަފުޅު ދަތުރެއްގައި ރައީސް ޝައިޚް ޚަލީފާ ބިން ޒާޔިދު އިއްޔެ ގައުމުން ބޭރަށް ފުރާވަޑައިގެންނެވީ ކުއްލި ގޮތަކަށެވެ. އޭނާ ވަޑައިގެންނެވި ގައުމަކާއި އޭނާ ބޭރަށް ވަޑައިގެންނެވި ސަބަބެއް ޔޫއޭއީގެ ސަރުކާރުން ވެސް އަދި އެ ގައުމުގެ ރަސްމީ މީޑިޔާއިން ވެސް ހާމައެއް ނުކުރެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޝައިޚް ޚަލީފާ އަށް ޖެހިވަޑައިގެންފައި ވަނީ ސިކުނޑީގެ ސްޓްރޯކެވެ. ސްޓްރޯކާ އެކު އޭނާގެ އެއްފަޅީގައި ވާގިނެތްކަމަށާއި ފަރުވާއަށް ވަޑައިގެންނެވީ އެމެރިކާ އަށް ކަމަށް ނުރަސްމީ ޚަބަރުތައް ބުނެ އެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ޖަނަވަރީ މަހު ވެސް ޝައިޚް ޚަލީފާއަށް ސިކުނޑީގެ ސްޓްރޯކެއް ޖެހިވަޑައިގެން އެމެރިކާގައި ފަރުވާ ހޯއްދަވާފައިވެ އެވެ. އެފަހަރުގެ ސްޓްރޯކުން ޝިފާލިބިވަޑައިގެންނެވި ނަމަވެސް ވާހަކަ ދެއްކެވުމުގައްޔާއި ހިންގެވުމުގައި އުނދަނގޫ ކަމަކާއި ލަސްކަމެއް ޝައިޚް ޚަލީފާއަށް ކުރިމަތިވެ ވަޑައިގެންފައިވެ އެވެ.

އުމުރުފުޅުން 70 އަހަރުގެ ޝައިޚް ޚަލީފާއަކީ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ)ގެ ބާނީ އަދި ޔޫއޭއީގެ އިއްތިޙާދުގެ އެންމެ ފުރަތަމަ ރައީސް ޝައިޚް ޒާޔިދު ބިން ސުލްތާން އާލް ނިހްޔާންގެ ދޮށީ ފިރިހެން ދަރިކަލުންނެވެ.

ޝައިޚް ޒާޔިދުގެ ޒައާމަތުގެ ދަށުން ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ އިއްތިޙާދީ ދައުލަތް (ޔޫއޭއީ) އުފެއްދީ 2 ޑިސެމްބަރު 1972 ގައެވެ. ޝައިޚް ޒާޔިދުގެ 32 އަހަރުގެ ވެރިކަމުގައި ވަލީއުލްއަހްދުގެ މަގާމުގައި ހުންނެވި އޭނާގެ ދޮށީ ދަރިކަލުން ޝައިޚް ޚަލީފާ ބިން ޒާޔިދު އެވެ.

ބައްޕާފުޅު އަވަހާރަވުމާ އެކު ވިރާސީ ރަސްކަމުގެ އުސޫލުން ޔޫއޭއީގެ ވެރިކަމަށް ޝައިޚް ޚަލީފާ ބިން ޒާޔިދު އިސްވެ ވަޑައިގެންނެވީ 2 ނޮވެމްބަރު 2004 ވަނަ އަހަރު އެވެ. ޔުނައިޓެޑް އަރަބް އިމަރޭޓްސް އަކީ ދުނިޔޭގެ އެންމެ މުއްސަނދި ހަތަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގައުމަށް ލިބޭ އާމްދަނީން ރައްޔިތެއްގެ ބޮލަށް (ޖީޑީޕީ ޕާކެޕިޓާ) އަހަރަކު 75 ހާސް އެމެރިކާ ޑޮލަރު ޖެހެ އެވެ.

ގަލްފުގެ އަރަބި ހަތް އިމަރޭޓްސް (އިމާރާތް) އެއްކޮށްލައިގެން އުފެއްދި ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ އިއްތިޙާދީ ދައުލަތް (ޔޫއޭއީ)ގެ އެންމެ މުއްސަނދި އިމަރޭޓަކީ ދުބާއި އެވެ. ދެން އަބޫދަބީ އެވެ. އިއްތިޙާދީ ދައުލަތުގެ ވެރިރަށަކީ ވެސް އަބޫދަބީއެވެ. ޔޫއޭއީ ގައި ހިމެނޭ އެހެން އިމާރާތްތަކަކީ އަޖްމާން، އަލްފުޖައިރާ، އައްޝާރިޤާ، ރައުސުލްޚައިމާ، އަދި އުއްމުލްގުވައިން އެވެ.

ޔޫއޭއީގެ އިގްތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ތެލާއި ވިޔަފާރިއާއި އެކިބާވަތްތަކުގެ ސިނާއަތްތަކުގެ މައްޗަށެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް