ނުވަ ކުޅުންތެރިންނާ އެކު ކުޅުނު ބިލްބާއޯއިން ބާސެލޯނާ ބަލިކޮށްފި

ސްޕެނިޝް ކަޕްގައި ރޭ ބިލްބާއޯ އާއި ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ސްޕެނިޝް ކަޕްގައި ނުވަ ކުޅުންތެރިންނާ އެކު ކުޅުނު އެތުލެޓިކް ބިލްބާއޯ އިން 2-1ގެ ނަތީޖާ އަކުން ބާސެލޯނާ ބަލިކޮށްފިއެވެ.

އެތުލެޓިކް ކްލަބްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެމެޗުގެ އެޓީމްގެ ދެ ގޯލު ވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފްގައެވެ. ތިން މިނެޓް ތެރޭގައި ދެ ގޯލު ކާމިޔާބުކޮށް ބިލްބާއޯއިން ވަނީ ބާސެލޯނާ ހާސްކޮށްލާފައެވެ.

ފުރަތަމަ ގޯލު 25 ވަނަ މިނެޓްގައި އަރިޓްޒް އަޑުރިޒް ކާމިޔާބުކުރިއިރު އޭގެ ތިިން މިނެޓް ފަހުން އިނާކީ ވިލިއަމްސް ވަނީ ބިލްބާއޯގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ބާސެލޯނާއަށް ސުން ކަނޑުވާލަ ދިން ގޯލު، 52 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީއެވެ.

ސްޕެނިޝް ކަޕްގައި ރޭ ބިލްބާއޯ އާއި ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

މެޗުގެ 74 ވަނަ މިނެޓްގައި ބިލްބާއޯގެ ރައުލް ގާސިއާއަށް އަދި 80 ވަނަ މިނެޓްގައި އިޓުރާސްޕޭއަށް ދެވަނަ ރީނދޫ ކާޑާއި އެކު ރެފްރީ ރަތް ކާޑުދައްކައި ދަނޑުން ފޮނުވާލި ނަމަވެސް ބާސެލޯނާއަށް ވަނީ އިތުރު ގޯލެއް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ ބުނީ މެޗުން ބަލިވީ ފެށުމުގައި ގޯސްތަކެއް ހެދުމުން ކަމަށާއި ނަމަވެސް ފަހު ހާފުގައި ކުޅުންތެރިން ވަނީ މޮޅުވުން ހައްގުވާވަރަށް މަސަތްކަތް ކޮށްފައި ކަމަށެވެ.

"ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފްގައި އަހަރެމެން ވާނީ ވަރަށް ރަނގަޅަށް ކުޅެފައި. ނަމަވެސް ނަސީބުވެސް އެހީ ނުވުމުން އަހަރެން ބަލިވީ،" އެންރިކޭ ބުންޏެވެ.

މި ދެޓީމް ބައްދަލުކުރާ ދެވަނަ ލެގްގެ މެޗު ބާސެލޯނާގެ ދަނޑުގައި އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭގައެވެ.

comment ކޮމެންޓް