ކުޅަދާނަ އެކްޓަރު އޯމް ޕޫރީ ހިތްހުއްޓިގެން މަރުވެއްޖެ

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އޯމް ޕޫރީ، 66. ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ހިތްހުއްޓިގެން މަރުވެފައި -- ފޮޓޯ: އެންޑީޓީވީ

އިންޑިއާގެ ފިލްމު ސިނާއަތުގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކުޅަދާނަ އަދި ކާމިޔާބު އެކްޓަރު އޯމް ޕޫރީ، ހާޓް އެޓޭކް ޖެހިގެން މަރުވެއްޖެއެވެ.

އުމުރުން 66 އަހަރުގެ އޯމް ޕޫރީ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައި، މުމްބާއީގައި ހުންނަ އޭނާގެ އަމިއްލަ ގޭގައެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ސިނާއަތުގައި 40 އަހަރަށްވުރެ ގިނަ ދުވަހު ހަރަކާތްތެރިވި އޯމް ޕޫރީ ވަނީ، 250އަށް ވުރެ ގިނަ ފިލްމުގައި، ތަފާތު ރޯލުތަކެއް ކުޅެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައެވެ.

ހިންދީ ފިލްމުގެ އިތުރުން ހޮލީވުޑްގެ ފިލްތަކުގައި ވެސް ހަރަކާތްތެރިވެފައިވާ އޯމް ޕޫރީ މަރުވެދިއުމާ ގުޅިގެން، އޭނާއާއެކު ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި، އަނޫޕަމް ކޭރް ބުނީ، ޕޫރީ ފަދަ ހަރުދަނާ ޝަހުސިއްޔަތެއް ނެދިގެން ދިއުމަކީ، ފިލްމީ ދާއިރާއަށް ލިބުނު، ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

އޯމް ޕޫރީ މަރުވުމާ ގުޅިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ، އެ ހިތާމައިގައި ބައިވެރިވެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ހަރްޔަނާ ސްޓޭޓްގެ އަމްބަލާއަށް އުފަން ޕޫރީ ތައުލީމު ހާސިލްކުރީ، ޕޫނާގެ މަޝްހޫރު ފިލް އެންޑް ޓެލެވިޜަން އިންސްޓިޓިއުޓް އޮފް އިންޑިއާގައެވެ. އޭނާ 1973 ވަނަ އަހަރު ނޭޝަނަލް ސްކޫލް އޮފް ޑްރާމާގައި ތައުލީމު ހާސިލްކުރި އިރު، އެކުގައި ކިޔެވި ފަންނާނުންގެ ތެރޭގައި މަޝްހޫރު ތަރި، ނަސީރުއްދީން ޝާޚް ހިމެނެއެވެ.

އިންޑިއާގައި އާންމުންނަށް ދެވޭ، ހަތަރުވަނައަށް އެންމެ ޝަރަފް ވެރި އެވޯޑް ކަމަށްވާ، ޕަދްމާ ޝްރީ އެވޯޑް 1990 ވަނަ އަހަރު ހާސިލްކޮށްފައިވާ އޯމް ޕޫރީ އެންމެ ފުރަތަމަ ފިލްމެއްގައި ހަރަކާތްތެރިވީ، 1976 ވަނަ އަހަރު، މަރާތީ ފިލްމެއް ކަމަށްވާ "ޣަޝިރަމް ކޮޓްވަލް"ގައެވެ.

ބޮލީވުޑްގެ އެންމެ މަގުބޫލް ފިލްމުތަކުގެ ތެރޭގައި ހިމެނޭ، ''އަރްދާ ސަތްޔާ''، އާކްރޯޝް، އަދި ''ޕާރ'' ފަދަ ފިލްތަކުގައި އޯމް ޕޫރީ ހަރަކާތްތެރިވެފައި ވެއެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 1980ގެ އަހަރު ތަކުގެ ތެރޭގައެވެ. އޭރު ކުޅުނު ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ''ޖާނޭބީ ދޯ ޔާރޯން'' އަދި ''މާޗިސް'' ފަދަ ފިލްމުތައް ހިމެނެއެވެ.

ނަސީރުއްދިން ޝާޚް، ޝަބާނާ އަޒްނީ، ސްމިތާ ޕާޓިލް ފަދަ ތަރީންނާއެކު، އޯމް ޕޫރީ ހަރަކާތްތެރިވެފައިވާ އެވޯޑް ވިނިން ފިލްމުތަކުގެ ތެރޭގައި، ''ބަވްނީ ބަވާއި'' (1980)، ''ސަދުގަތީ'' (1981)، ''އަރްދު ސަތްޔާ'' (1982)، ''މިރްޗު މަސާލާ'' (1986)، އަދި ''ދަރާވީ'' (1992) ހިމެނެއެވެ.

އޯމް ޕޫރީގެ ފިލްމީ ހަޔާތުގައި އޭނާ ހަރަކާތްތެރިވެފައިވާ، އެމެރިކަން އަދި ބްރިޓިޝް ފިލްމުތަކުގެ ތެރޭގައި، "ސިޓީ އޮފް ޖޯއީ" (1992)، "ވުލްފް" (1994)، "ދަ ގޯސްޓް އެންޑް ދަ ޑާކްނަސް" (1996)، އަދި މީގެ އިތުރުން ޕޫރީ ވަނީ، ޓޮމް ހެންކްސް އަދި ޖޫލިއާ ރޮބަޓާއެކު ޗާލީ ވިލްސަންގެ "ވާރ"ގައި ޖެނެރަލް ޒިއާއުލް ހައްގުގެ ރޯލް އަދާކޮށްފައެވެ.

comment ކޮމެންޓް