ކޮންމެ މީހަކު ވެސް ނަގާނީ ވަގުތާ އެންމެ އެކަށޭނަ ޑިޒިޝަން: ދުންޔާ

ދުންޔާ މައުމޫން: ސިއްހީ ދާއިރާއިން ކުރިއެރުން ހޯދައި ދޭން ބޭނުންވާ ކަމަށް ވިދާޅުވި -- ފޮޓޯ/ އޭޕީ

ސިޔާސީ ހަޔާތުގައި އެކި ކަހަލަ ދުވަސްވަރުތަކެއް އަންނާނެ ކަމަށާއި، އެއިން ކޮންމެ ވަގުތަކު، ކޮންމެ މީހަކު ވެސް ހިޔާރު ކުރާނީ އެ ވަގުތަކާ އެންމެ އެކަށޭނަ ޑިޒިޝަނެއް ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް މިއަދު އައްޔަން ކުރެއްވި ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަމުގައި ހުންނެވި ދުންޔާ މައުމޫން، އެ މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ހިތްހަމަޖެހިވަޑައިނުގެން ކަމަށް އެކަމަނާ ވިދާޅުވެ އެވެ. އެ މަގާމުން ދުންޔާ އިސްތިއުފާ ދެއްވީ 2016 ޖޫން ހަ ވަނަ ދުވަހުއެވެ. އެއަށްފަހު ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަރިހުގައި ޕީޕީއެމްގެ ސިޔާސީ މަސައްކަތުގައި އުޅުއްވުމަށްފަހު، މިއަދު ކުއްލި ގޮތަކަށް ދުންޔާ ވަނީ ސަރުކާރާ އަލުން ގުޅިވަޑައިގެންފައެވެ.

ދުންޔާ "ސަން" އަށް މިރޭ ވިދާޅުވީ، ފޮރިން މިނިސްޓަރުކަމުގައި ހުންނެވި އިރު، ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ޚިޔާލު ތަފާތުވެވަޑައިގެން، އިސްތިއުފާ ދެއްވި ނަމަވެސް ސަރުކާރާ ގުޅުމަށް އަލުން ފުރުސަތެއް ލިބުމުން އެ ފުރުސަތުގެ ބޭނުން ހިފައި، ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް ނިންމެވީ ކަމަށެވެ.

އެކަމަނާ ވިދާޅުވީ ސިއްހީ ދާއިރާއަކީ ރާއްޖެއަށް ވަރަށް މުހިންމު ދާއިރާއެއް ކަމަށާއި، މަގާމު ގަބޫލުފުޅު ކުރެއްވީ އެ ފުރުސަތު ލިބުމުން، ރައްޔިތުންނަށް އެ ދާއިރާއިން ވެސް ޚިދުމަތް ކޮށްދޭން ބޭނުންވާތީ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ، ސިއްހީ ދާއިރާއަކީ ވަރަށް މުހިންމު ދާއިރާއެއް، ރައީސް ޔާމީންގެ ސަރުކާރުގައި ވެސް. އުންމީދަކީ އަޅުގަނޑުގެ ވެސް މަސައްކަތާއި ޚިދުމަތުން ދިވެހި ރައްޔިތުންނަށް މި ދާއިރާއިން ކުރިއެރުންތަކެއް ހޯދައިދިނުން،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ގާބިލުކަން ހުރި މިންވަރަކުން ލިބޭ ފުރުސަތުތަކުގައި ފުދުންތެރި ހިދުމަތްތަކެއް ދިނުމަށް ބޭނުންވާ ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ އަޅުގަނޑަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ އަލީގައި، ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ފުދުންތެރި ޚިދުމަތްތަކެއް ދިނުމަށް. އެގޮތުގެ މަތިން ނިންމި ނިންމުމެއް މިއީ،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ މިކަމާ ބެހޭގޮތުން އިތުރު މައުލޫމާތު މީޑިއާއަށް ފަހުން ދެއްވާނެ ކަމަށެވެ. ދުންޔާ އަލުން ސަރުކާރާ ގުޅިވަޑައިގެންނެވި ނަމަވެސް، ދުންޔާގެ ބައްޕާފުޅު، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވީ، އެކަމަށް އެމަނިކުފާނު ތާއީދު ނުކުރާ ކަމަށެވެ. "ދުންޔާ އަނބުރާ ސަރުކާރަށް ދިއުމަކީ އޭނާގެ އަމިއްލަ ނިންމުމެއް. އަޅުގަނޑު އެކަމަށް ތާއީދެއް ނުކުރަން،" މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

comment ކޮމެންޓް