ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ބިން ވިއްކުމަށް އަލުން ހުޅުވާލައިފި

އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ސައިމަން -- ސަން ފޮޓޮ/ މުހައްމަދު އަފްރާހު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ބިމުން އަމިއްލަ ފަރާތްތަކަށް ބިން ވިއްކުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއުލާން ކޮށްފިއެވެ.

ނިމިދިޔަ އަހަރުގެ އޯގަސްޓް މަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް ހުޅުވާލި ނަމަވެސް، އެކަން ކުރަން އުޅުނު އުސޫލަށް ބަދަލުތަކެއް ގެނައުމަށްޓަކައި އެކަން މަޑުޖައްސައިލި އެވެ.

އެޗްޑީސީން އިއްޔެ ވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ވިއްކާ ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުތައް އެ ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކޮށްފަ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިއަދު ވިދާޅުވީ، ބީޗުފްރަންޓަކީ އެންމެ ލަގްޒަރީ ސަރަހައްދު ކަމަށާއި، އެ ބިންތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުތައް ކަނޑައަޅާނީ އޯޕަން މާކެޓަކުން ކަމަށެވެ.

ހުޅުމާލޭގެ މޮޑެލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އެހެން ނަމަވެސް، އެންމެ ދަށް އަގެއްގެ ގޮތުގައި ވަނީ، އަކަފޫޓަކަށް 3،000 ރުފިޔާގެ ބޭސް ޕްރައިސެއް ކަނޑައަޅައިފައެވެ.

މިފަހަރު ހުޅުވާލާފައި ވަނީ 101،954.33 އަކަފޫޓު ވިއްކުމަށެވެ. ސައިމަން ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި 1،100 އަކަފޫޓާއި 1،200 ފޫޓަށް ނަމަވެސް، މިފަހަރު ފުރުސަތު ހުޅުވާލީ 2،000 އަކަފޫޓުން ފެށިގެން 6،000 އަކަފޫޓާ ހަމައަށް ބިން ވިއްކުމަށެވެ. އަދި ކޮންމެ 1،000 އަކަފޫޓަކުން ބިމުގެ ބޮޑުމިން އިތުރުކުރެވޭނެ ކަމަށް ވެސް ސައިމަން ވިދާޅުވިއެވެ.

"ބިމުގެ ބޮޑުމިނާ އަގާ އެކު ބިޑު ކުރަން ޖެހޭނީ. އަގު ކަނޑައަޅާނީ މާކެޓް ފޯސެސްއިން. އަޅުގަނޑުމެން ވެސް މިތިބީ ކެއް މަދުވެފައި، މާކެޓުން ކަނޑައަޅާނެ އަގުތައް ބެލުމަށް،" ސައިމަން ވިދާޅުވި އެވެ.

comment ކޮމެންޓް