އެފްއޭއެމްގެ ސީނިއާ ނައިބު ރައީސަކަށް ޝަކީބު

މިދިޔަ މަހު ބޭއްވި އޭއެފްސީ ކޮންގްރެސްގެ ތެރެއިން ޑރ. ޝަކީބް---

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ސީނިއާ ނައިބު ރައީސްގެ މަގާމަށް ގައުމީ ޓީމުގެ ކުރީގެ ފިޒީޝަން އަހުމަދު ޝަކީބް އައްޔަންކޮށްފި އެވެ.

ޝަކީބް އެފްއޭއެމްގެ ސީނިއާ ނައިބް ރައީސްގެ މަގާމަށް އައްޔަން ކުރަން އެކްސްކޯއިން ނިންމީ އެ މަގާމުގައި ހުރި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އިއްޔެ އިސްތިއުފާ ދެއްވާފައިވާތީ އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެކްސްކޯގެ މެޖޯރިޓީ ނުގެއްލޭ އަދަދަކަށް މެމްބަރުން ނުވަތަ މެމްބަރަކު އިސްތިއުފާ ދެއްވައިފިނަމަ އެ މަގާމަށް އެހެން މެމްބަރަކު އައްޔަނު ކުރުމުގެ ބާރު އެކްސްކޯއަށް ލިބިގެންވެ އެވެ.

އެކްސްކޯއިން ހުސައިން މުހައްމަދު އިސްތިއުފާ ދެއްވީ އިންތިހާބު ކާމިޔާބު ކުރެވުމުން އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން ވިދާޅުވެފައި ވާތީ ކަމަށާއި ބައްސާމަށް ތާއީދު ކުރެއްވީ ކުޅިވަރު އާއިލާގެ ވިސްނުން ބަދަލުކޮށްލުމަށް ކަމަށެވެ.

ހުސެންގެ ބަދަލުގައި އެކްސްކޯއަށް ނެގި ޝަކީބަކީ ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން ގައުމީ އިނާމް ހާސިލްކުރައްވާފައިވާ އަދި ދެކުނު އޭޝިއާގައި ވެސް ހުންނެވި އެންމެ ތަޖުރިބާކާރު އެއް ކުޅިވަރު ފިޒީޝަނެވެ.

ޝަކީބްގެ އިތުރުން ބައްސާމްގެ އެކްސްކޯގައި ދެން ތިއްބެވީ މޯލްޑިވްސް ގޭސްގެ ސޭލްސް މެނޭޖަރު މުހައްމަދު ޝިފާއު އާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބުދުﷲ އަހުމަދާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.

ނޮވެމްބަރު މަހު ބޭއްވި އެފްއޭއެމްގެ އިންތިހާބު ބައްސާމް ކާމިޔާބު ކުރެއްވީ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު (ޓޮމް)އާ ވާދަކޮށެވެ.

comment ކޮމެންޓް