ލަންކާގެ ޓޫރިސްޓް ހޮޓެލްތަކުގެ ފެންވަރު ވަޒަންކުރާ މިންގަނޑެއް ތަންފީޒުކުރަނީ

ސްރީލަންކާގެ އެންމެ ދުވަސްވީ ހޮޓެލް، ކޮލޮމްބޯގެ ގޯލް ފޭސް ހޮޓެލް --

ސްރީލަންކާގެ ޓޫރިސްޓް ހޮޓެލްތަކުގެ ފެންވަރު ވަޒަންކުރުމަށްޓަކައި އެ ގައުމުގެ ސަރުކާރުން އެކުލަވަލާފައިވާ މިންގަނޑު ތަންފީޒުކުރަން ހުށަހެޅުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ސްރީލަންކާގެ ފަތުރުވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ތަރައްގީކޮށްފައިވާ ހޮޓެލްތަކުގައި ހުންނަންޖެހޭ ޚިދުމަތްތަކުގެ ފެންވަރު ފަދަ މިންގަނޑުތައް ހިމެނޭ ރެގިއުލޭޝަން ގަވައިދެއް އެކުލަވަލައިފައެވެ. އެހެން ނަމަވެސް އެ މިންގަނޑު ތަންފީޒުކޮށްފައެއް ނުވެއެވެ.

ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ޖޯން އަމަރަތުންގަ މި ހަފްތާގައި ވަނީ، އެ މިންގަނޑު ތަންފީޒުކުރުމަށްޓަކައި އެގައުމުގެ ވަޒީރުންގެ މަޖިލީހުގެ ޚިޔާލު ހޯދުމަށް ހުށަހަޅައިފައެވެ. ކެބިިނެޓުން ނިންމީ އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމަށެވެ.

މި ރެގިއުލޭޝަން މިންގަނޑުގައި، ހޮޓެލްތައް އެއް ތަރިއާއި ފަސް ތަރީގެ މިންގަނޑުން މިން ކުރެވޭނެ ގޮތްތަކާއި، ކޮންމެ ތަރިއެއްގެ މިންގަނޑަށް ފެތުމަށް ހޮޓެލްގައި ފުރިހަމަވާންޖެހޭ ޚިދުމަތްތަކާއި ސިފަތައް ބަޔާން ކުރެއެވެ.

މީގެ އިތުރުން، އެ ރެގިއުލޭޝަންގައި، ޓޫރިސްޓް ހޮޓެލްތަކަށް ލައިސަންސް ދޫކުރާނެ ފީތަކާއި، ލައިސަންސް ދޫކުރާނެ މިންގަނޑާއި، ޓޫރިސްޓް ހޮޓަލަކަށް ވުމަށްޓަކައި އެތަނުގައި ހުރުން ލާޒިމުވާ ޚިދުމަތްތައް ފަދަ ކަންކަންވެސް ހިމެނެއެވެ.

ސްރީލަންކާއަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ޓޫރިޒަމް ކުރިއަރުވަމުން އަންނަ ގައުމެކެވެ. ދެހާސް ސޯޅަވަނަ އަހަރު އެގައުމަށް ދެ މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރިކަމަށް ރިކޯޑު ކުރެވިފައިވެއެވެ.

comment ކޮމެންޓް