ޖޭމްސް ރެއާލްގައި މަޑުކުރަން ނިންމައިފި

ރޭގެ މެޗުގައި ގޯލު ޖެހުމަށްފަހު ޖޭމްސް އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ޖޭމްސް ރޮޑްރިގޭޒްގެ ދެ ގޯލާއި އެކު 3-0ގެ ނަތީޖާ އަކުން ސެވިއްޔާގެ މައްޗަށް ކުރި ހޯދި މެޗަށް ފަހު ރެއާލް މެޑްރިޑްގައި މަޑުކުރާނެ ކަމަށް އޭނާ ބުނެފިއެވެ.

ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުމެޗަށް ފަހު ރެއާލް ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ކޮށްފައިވާ ޖޭމްސް ރޭގެ މެޗަށް ފަހު ބުނީ ކޮންމެ ކުޅުންތެރިއަކަށް ވެސް އުދަނގޫ ހާލަތްތަށް ކުރިމަތި ވާނެ ކަމަށާއި މިހާރު އޭނާގެ ނިންމުން ވަރަށް ސާފު ކަމަށެވެ

"އާ އަހަރާ އެކު އަހަރެންގެ އުންމީދުތަށް ވެސް މިވަނީ ބަދަލުވެފައި. އަހަރެން މިވަނީ ރެއާލްގައި މަޑުކުރުމަށް ނިންމާފައި. ރެއާލްގައި މިހުރީ ވެސް އުފަލުން ހިތްހަމެ ޖެހިގެން،" ޖޭމްސް ބުންޏެވެ.

އޭނާ ބުނީ ޓީމްގައި ތިބި ހުރިހާ ކުޅުންތެރިން ވެސް މެޗުތަކުގައި ކުޅެން ބޭނުން ވާނެ ކަމަށާއި ނަމަވެސް ފުލް ޓީމުން ފުރުސަތު ހޯދަން ކުރަންޖެހޭ މަސަތްކަތްތައް ވެސް ވަރަށް ގިނަ ކަމަށެވެ.

ސެވިއްޔާއާ ދެކޮޅަށް ރެއާލުން ރޭ ކުޅުނު މެޗުގެ ފުރަތަމަ 11ގައި ހިމެނިގެން ޖޭމްސް ކުޅެފައިވީ ނަމަވެސް ދެވަނަ ހާފްގެ 79 ވަނަ މިނެޓްގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

ރެއާލްގެ ބާނަބިއު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެޓީމްގެ ތިން ގޯލު ވެސް ފުރަތަަމަ ހާފްގައި ފެނިގެންދިޔައިރު ޖޭމްސް ވަނީ ދެ ގޯލު ކާމިޔާބްކޮށްފިއެވެ. އަނެއް ގޯލު ކާމިޔާބްކޮށްދިނީ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން އެވެ.

ޗުއްޓީއެއްގައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަރިމް ބެންޒެމާގެ އިތުރުން އަނިޔާގައި ހުރި ގަރެތު ބޭލް ނުލައި ރެއާލުން ފަސޭހަ މޮޅެއް ލިބުމުން ކޯޗު ޒައިނުއްދީން ޒިދާން ވަނީ ޓީމުގެ ކުޅުންތެރިނަށް ތައުރީފްކޮށްފަ އެވެ.

ސެވިއްޔާ ދަނޑުގައި ކުޅޭ ދެ ވަަނަ ލެގުގެ މެޗު އޮންނާނީ މި މަހު 12 ވަނަ ދުވަހު އެވެ.

comment ކޮމެންޓް