ހާލުގައިޖެހިފައި ވަނިކޮށް ފެނުނީ ލަންކާގެ ދެ މަސްވެރިން

ހާލުގައިޖެހިފައިވަނިކޮށް ފެނުނު ދެ މަސްވެރިން-- އެމީހުން މިހާރު ތިބީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައި: ސަން ފޮޓޯ

ދެ މީހުންނާއެކު ހާލުގައި ޖެހިފައިވަނިކޮށް ފެނުނީ ސްރީލަންކާގެ މަސް ބޯޓެއް ކަމަށް ފުލުހުން ބުނެފިއެވެ.

އެ ދެމީހުން މިވަގުތު ތިބީ ހއ. އުލިގަމުގައި ސިފައިންގެ ބެލުމުގެ ދަށުގައެވެ. ސަން އަށް އެނގިފައިވާގޮތުގައި ދެމީހުންގެ ހާލު ރަނގަޅެވެ.

އެނގިފައިވާގޮތުގައި އެދެމީހުން ބެހެން މެދުވެރިވީ ބޯޓުން ޑީސަލް ހުސްވެގެންނެވެ. މިހާތަނަށް ބެލިބެލުމުން، މަހަށް ފުރައިގެންވެސް އުޅުނީ އެ ދެމީހުން އެކަންޏެވެ.

"ޑީސަލް ހުސްވެގެން ދެވޭނެ ގޮތް ނެތީމަ އެމީހުން ތިބީ ކަމަށް ވަނީ ދޫކޮށްލައިގެން،" ކަމާބެހޭ މަސްދަރަކުން މައުލޫމާތުދިން ފަރާތަކުން ވިދާޅުވިއެވެ.

އެ ދެމީހުން އެހާލުގައި ތިބީ ކިތައް ދުވަހުކަމެއް އަދި ސާފުވާގޮތެއްނުވެއެވެ.

ސިފައިން ބުނީ އެމީހުން އަނބުރާ ސްރީލަންކާއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކަނޑު ރޯދި" ނަމަކަށް ކިޔާ ދިވެހިކަންނެލި މަސް ދޯންޏަކަށް ލަންކާގެ އެ ބޯޓް ފެނިފައި ވަނީ އިއްޔެ 3:45 ހާއިރު ހއ. ތުރާކުނުން 30 މޭލު ބޭރުންނެވެ. އެ ބޯޓަކީ މަސްވެރިކަމަށް ބޭނުން ކުރާ 25 ފޫޓުގެ އުޅަނދެކެވެ.

comment ކޮމެންޓް