އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

އުމަވީ ދައުލަތުގައި އިސްލާމީ ޢުއްމަތުގެ ވެރި ރަށަކީ ސޫރިޔާގެ ދިމިޝްކެވެ. މިއީ ދިމިޝްކްގެ މަސްޖިދް އަލް އުމަވީ އަލްކަބީރި---

ސުލައިމާނު ދެދުވަސްވަންދެން ވިސްނާވަޑައިގެންނެވުމަށްފަހު އޭނާ އައްޔޫބަށް ވަލީޢަހްދުކަން ދެއްވަން ލިޔުއްވި ވަޞިއްޔަތުނާމާ ވީއްދަވައިލެއްވިއެވެ. އަނެއްކާވެސް ރަޖާއު ބުނު ޙަޔަވާތު ރަޙިމަހުﷲ ގެންނަވައި ސުވާލުކުރެއްވިއެވެ. "އަޅުގަނޑުގެ ދަރިފުޅު ދާއޫދާމެދު ކަލޭގެފާނުގެ ޚިޔާލުފުޅާކީ ކޮބައިތޯއެވެ؟" ރަޖާއު ވިދާޅުވިއެވެ. ދާއޫދު ހުންނެވީ ޤުޞްޠަންޠީނިއްޔާއާ ހަނގުރާމަޔަށް ވަޑައިގެންނޫންތޯއެވެ؟ އެމަނިކުފާނު ޝަހީދުވީކަމެއް ނުވަތަ ދުނިޔޭގައި ހުންނެވިކަމެއްވެސް ނޭނގެއެވެ."

ބައިޒެންޓައިން ދައުލަތުގެ ވެރިރަށަށް މުސްލިމުން ދިން ދެވަނަ ޙަމަލައިގައި އިސްލާމީ ލަޝްކަރުގެ ބޮޑުބައިވަނީ ޝަހީދުވެފައެވެ. ޢުމޫރިއްޔާގައި ހުރި ކްރިސްޓިއަން އޮފިސަރެއްގެ(LEON.IIIގެ) ކެހިވެރިކަމާއި، އާދަޔާ ޚިލާފަށް ގަނޑުފެން ފެބުމާއި، ކާބޯތަކެތި މަދުވުމުގެ ސަބަބުންނެވެ.

ރަޖާއު މިނުކުތާ ހަނދާންކޮށްދެއްވުމުން ސުލައިމާނު ސުވާލުކުރެއްވިއެވެ. "އެހެންވީއިރު ކަލޭގެފާނުގެ ޚިޔާލުފުޅުގައި އެންމެ ރަނގަޅުވާނީ ކާކުތޯއެވެ؟" ތާރީޚުގެ ބައެއް ފޮތްތަކުގައިވާ ގޮތުން ސުލައިމާނު މިސުވާލު ކުރެއްވުމުން ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ނަންފުޅު ހުށަހެޅުއްވީ ރަޖާއު ބުނު ޙަޔަވާތެވެ. ނަމަވެސް ގިނަ މުއައްރިޚުން ވިދާޅުވާގޮތުގައި ރަޖާއު އެއްވެސް ނަންފުޅެއް ހުށައެއްނާޅުއްވައެވެ. ސުލައިމާނު ހުށަހަޅުއްވާ ނަންފުޅުތަކާމެދު އެކަލޭގެފާނުގެ ޚިޔާލުފާޅުކުރައްވަމުން ގެންދެވީއެވެ. އުމަރު ބުނު ޢަބްދުލްޢަޒީޒާމެދު ރަޖާއުގެ ޚިޔާލުފުޅަކީ ކޮބައިތޯ ސުލައިމާނު ސުވާލުކުރެއްވުމުން ރަޖާއު އަވަސްއަވަހަށް ވިދާޅުވިއެވެ.

"އެކަލޭގެފާނަކީ ވަރަށް ޤާބިލު، ވަރަށް ތަޤްވާވެރި، ވަރަށް ހެޔޮލަފާ މުސްލިމެކެވެ. ޚަލީފާކަމަށް ވަރަށް އެކަށީގެންވާ ބޭކަލެކެވެ."

ސުލައިމާނުގެ ޚިޔާލުފުޅުގައިވެސް ޙަޤީޤަތަކީ އެއީއެވެ. ނަމަވެސް ޢަބްދުލްމަލިކުގެ ބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި ޚަލީފާކަމަކީ އެބޭފުޅުންގެ ޙައްޤެކެވެ. ސުލައިމާނު އެކަން ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު ވަލީއަޙްދުކަމަށް ޢައްޔަންކުރައްވައިފައިނަމަ އެކަން އެނގިވަޑައިގަންނަވާއިރަށް އެބޭފުޅުން ބަޣާވާތް ކުރައްވަން އުޅުއްވާނެ ކަންވެސް ކަށަވަރުވެ ވަޑައިގަންނަވައެވެ. އެހެންކަމުން "އެ އަލިފާންގަނޑު" މައިތިރިކުރައްވަން ސުލައިމާނު ވިސްނައިވަޑައިގެންނެވީ ސުލައިމާނުގެ ކޮއްކޯފުޅު ޔަޒީދަށް ޢުމަރަށްފަހު ޚަލީފާކަން ލިބިވަޑައިގަންނަވާގޮތަށް ވަޞިއްޔަތްކުރެއްވުމަށެވެ.

ސުލައިމާނު ބުނު ޢަބްދުލްމަލިކު އޭނާގެ އަތްޕުޅުން ވަޞިއްޔަތުނާމާ ލިޔުއްވައި ސިއްކަ ޖައްސަވައި އުރަޔަކަށް ލައްވައި އުރައިގައިވެސް ސިއްކަ ޖައްސަވައި ބަންދު ކުރެއްވިއެވެ. ދެން ރަޖާއު ބުނު ޙަޔަވާތާ އެއުރަ ޙަވާލުކުރެއްވުމަށްފަހު ވިދާޅުވިއެވެ. މިއުރައިގައިވާ ވަޞިއްޔަތުނާމާގައި އަޅުގަނޑުގެ ޤާއިމު މަޤާމަކަށް ހަމަޖައްސައިފައިވާ މީހަކަށް އުމައްޔަތުވަންހައިގެ ހުރިހާ ބޭފުޅުންގެ ބައިޢަތު ހޯއްދަވައިގެން ވަޑައިގަންނަވާށެވެ. ރަޖާއު ވަޑައިގެން އުމައްޔަތު ވަންހައިގެ ބޭފުޅުން އެއްކުރައްވައި ސުލައިމާނުގެ އަމުރުފުޅު އޮތްގޮތް ވިދާޅުވެ އެއުރައިގައިވާ ވަޞިއްޔަތު ނާމާގައިވާ ފަރާތަކަށް ބައިޢަތު ހިއްޕަވަން އެންގެވިއެވެ. އެބޭފުޅުން ވިދާޅުވިއެވެ. ވަޞިއްޔަތުނާމާގައިވަނީ ކާކުގެ ނަމެއްކަން ނޭނގެނީހެއް އަޅުގަނޑުމެން ބައިޢަތެއް ނުހިފާނޫއެވެ.

ސުލައިމާނުގެ އަރިހުގައި އެވާހަކަ ވިދާޅުވުމުން ސުލައިމާނު ވިދާޅުވިއެވެ. ބޮޑީގާޑުންނާއި ސިފައިންގެވެރީން ގެންނަވާށެވެ. އެބައިމީހުންގެ ކުރިމައްޗަށް އުމައްޔަތު ވަންހައިގެ އެންމެ ބޭފުޅުން ގެންނަވައި އެބޭފުޅުންގެ ބައިޢަތު ހޯއްދަވާށެވެ. ބައިޢަތު ހިއްޕަވަން އިންކާރުކުރައްވައިފި ކޮންމެ ބޭފުޅަކު ވަގުތުން ޤަތުލުކޮށްލައްވާށެވެ. ރަޖާއު ވަޑައިގެން ސުލައިމާނު އެންގެވި ފަދައިން އުމައްޔަތު ވަންހައިގެ ބޭފުޅުންގެ ބައިޢަތު ހޯއްދެވިއެވެ. އެއަށްފަހު އެނބުރިވަޑައިގެން ސުލައިމާނާ ވަޞިއްޔަތު ނާމާ ހަވާލުކުރެއްވިއެވެ. އުމައްޔަތު ވަންހައިގެ ސުލައިމާނުގެ ޙާލުކޮލު ބައްލަވައި އޭނާއަށް ވިދާޅުވެލައްވަން ވަޑައިގަތުމުން ސުލައިމާނު އަމިއްލަފުޅަށް ދެވަނަ ފަހަރަށް އެބޭފުޅުން ލައްވައި ބަޢިއަތު ހިއްޕެވިއެވެ. ސުލައިމާނު އުމައްޔަތު ވަންހައިގެ ބޭފުޅުންނަށް އޭނާގެ ވަޞިއްޔަތު ނާމާ ނުދައްކަވައި ނުހަނު ޙިކްމަތްތެރިކަމާއެކު އެވަޞިއްޔަތު ނާމާއަށް އެބޭފުޅުންގެ ބަޢިއަތު ހޯއްދެވީއެވެ. ސުލައިމާނު އަވަހާރަވީ އެބަޢިއަތު ހިއްޕެވުނުތާ ތިންދުވަސް ފަހުންނެވެ.

ޚަލީފާކަމުގެ ބަޢިއަތު

ރަޖާއު ބުނު ޙަޔަވާތު ރަހިމަހުﷲ އަކީ ވަރަށް ތަޖްރިބާކާރު ވިސްނުންތެރި ބޭކަލެކެވެ. ސުލައިމާނު އަވަހާރަވިކަން ވަންހަނާކުރެއްވުމަށްފަހު ޝާހީ ޢާއިލާގެ މެމްބަރުން ހާޒިރުކުރައްވައި އަނެއްކާވެސް ވަޞިއްޔަތުގައިވާ ފަރާތަށް ބައިޢަތު ހިއްޕުވިއެވެ. އެކި ބޭފުޅުން ވަކިވަކީން ބައިޢަތު ހިއްޕަވައި ނިމިވަޑައިގެންނެވުމުން ސުލައިމާނު އަވަހާރަވިކަން ޢިއުލާންކުރެއްވުމަށްފަހު ސިޓީއުރަ ކަނޑުއްވައި ވަޞިއްޔަތު ނާމާ ވިދާޅުވެ ދެއްވިއެވެ. އެންމެ ބޭފުޅުންގެ ތެރެޔަށް ވެރިވެގެންދިޔައީ ހަމަހިމޭންކަމެވެ. ޚާއްޞަކޮށް އަބްދުލްމަލިކުގެ ބޭފުޅުންގެ މޫނުފުޅުމަތި ދިޔައީ މިލައިގެންނެވެ. ނަމަވެސް ޢުމަރަށްފަހު ޚަލީފާކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް ޔަޒީދުބުނު ޢަބްދުލްމަލިކު ހަމަޖައްސަވައިފައިވާތީ އެބޭފުޅުންނަށް ހިސާބެއްގެ ހިތްޕުޅުހަމަޖެހިވަޑައިގަތުމެއްވެސް ލިބިވަޑައިގެންނެވިއެވެ. އެވަގުތު ދެބޭފުޅަކު އިންނާﷲ އޭ ވިދާޅުވި އަޑު އިވުނެވެ. އެއް އަޑުފުޅުގެވެރިޔަކީ ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އެވެ. ދެވަނަ އަޑުފުޅަކީ ހުޝާމު ބުނު ޢަބްދުލްމަލިކުގެ އަޑުފުޅެވެ. ޢުމަރު އިންނާﷲއެވެ ވިދާޅުވީ ޚަލީފާކަމުގެ މަސްއޫލިއްޔަތު ބޮޑުކަމާހުރެ ބިރުފުޅުންނެވެ. ހުޝާމު ޚަލީފާކަމުން މަޙްރޫމްވެ ވަޑައިގެންނެވީތީ އެކަމާ މޮޅިފުޅުންނެވެ. ހުޝާމު ކުއްލިޔަކަށް ތެދުވެ ވަޑައިގެން ވިދާޅުވިއެވެ.

"އަހަރެން ޤިޔާމަތާ ހަމައަށްވެސް ޢުމަރުބުނު ޢަބްދުލްޢަޒީޒަކަށް ބައިޢަތެއް ނުހިފާނަމެވެ." ރަޖާއު ބުނު ޙަޔަވާތު އެދަނޑިވަޅުގައިވަނީ އިންތިހާ ދަރަޖައިގެ ކެރިވަޑައިގަތުމާއި ސާބިތުކަން ދައްކަވައިފައެވެ. ގުގުރިއެއްގެ އަޑުފަދަ އަޑުފުޅަކުން ރަޖާއު ވިދާޅުވިއެވެ. "މާތްﷲ ގަންދެމެވެ. ބައިޢަތު ނުހިއްޕަވައިފިނަމަ އިސްތަށިފުޅު އުދުއްސައިލާނަމެވެ. އެހެން ވިދާޅުވުމާއެކު ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ އަތްތިލަފުޅުގައި ހިއްޕަވައިގެން ގެންދަވައި މިންބަރުކޮޅުގެ މަތީގައި ބައިންދަވައިފިއެވެ. ޝާހީއާއިލާގެ ހުރިހާ މެމްބަރުން ޢުމަރު ބުނު ޢަބްދުލްޢަޒީޒަށް ބައިޢަތު ހިއްޕަވައިފިއެވެ.

ޚަލީފާކަން ލިބިވަޑައިގެންފާނެކަމަކަށް ޢުމަރު ދުވަހަކުވެސް ވިސްނައިވަޑައިގެންފައެއް ނުވެއެވެ. އެހައިތަނުން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ހިންގެވިދާނެ ދެމަގެއް އޮތްކަމުގައި ފެނިވަޑައިގެންނެވިއެވެ. އެއްމަގަކީ އެކަލޭގެފާނު އެބައެއްގެ ތެރޭގައި ދިރިއުޅުއްވަމުން ގެންދަވާ، ބައްޕާފުޅުގެ ޢާއިލާގެ ޚަލީފާއިން ދިރިއުޅުއްވަމުން ގެންދަވާގޮތާއި ހިންގަވަމުން ގެންދަވާ މަގެވެ. ދެވަނަޔަށް އޮތީ މުނިމާފާފުޅު ޢުމަރުލްފާރޫޤު ރަޟިޔަﷲ ޢަންހު ދައްކަވައިފައިވާ މަގެވެ. އެޢާއިލާއެއްގެ ތެރޭގައި ތުއްޕުޅުއިރު ހޭދަކުރެއްވި ފާރޫޤީ ޚާންދާނާއި އެދުވަސްވަރުގެ މުރައްބީންކަމުގައިވާ ޢަބްދުﷲ ބުނު ޢުމަރު ރަޟިޔަﷲ ޢަންހު އާއި ޞާލިޙު ބުނު ކައިސާނު ރަޙިމަހުﷲ ދަސްކޮށްދެއްވައި ފަރިތަކޮށް ދެއްވި މަގެވެ. ޢުމަރު ޤަޞްދުކުރެއްވީ ދެވަނަޔަށް މިދެންނެވި މަގުގައި ކުރިޔަށް ވަޑައިގެންނެވުމަށެވެ. އަމިއްލަފުޅު ޒާތުފުޅު ތައްޔާރުކުރެއްވީ މުނިމާފާފުޅުގެ ނަމޫނާއެއް ދުނިޔެއަށް ދައްކަވައިދެއްވުމަށެވެ.

ސުލައިމާނު ބުނު ޢަބްދުލްމަލިކު ފަސްދާނުލައި ނިމުމާއެކު ޝާހީ ހަށިފާރަވެރީން ޢުމަރު ވަށައިލިއެވެ. ގަނޑުވަރަށް ވަޑައިގެންނެވުމަށް ޝާހީ އަސްކޮޅުތައް ގެނެވުނެވެ. އެހިނދު ހަށިފާރަވެރިންނާ މުޚާޠަބުކުރައްވައި ޢުމަރު ވިދާޅުވިއެވެ. "ތިޔަބައިމީހުންނަށް އަހަރެންގެ އަޖަލު އެންމެ ދުވަހަކަށްވެސް އިތުރުކޮށް ދެވިދާނެ ހެއްޔެވެ؟ އެހެންވީއިރު ތިޔަބައިމީހުން ދާށެވެ!" ޝާހީ އަސްތަބީލާގެ ބަނޑޭރި ގާތު ވިދާޅުވިއެވެ. "ތިޔަ އަސްތަކާއި އޭގައިހުރި ސާމާނު ވިއްކައިލާށެވެ. ލިބޭ ފައިސާ ސަރުކާރުގެ ބައިތުލްމާލަށް ޖަމާކުރާށެވެ. އަހަންނަށް އަހަރެންގެ ބާރަށްދުވާ ބަޣަލުފުދެއެވެ." ފުލުހުންގެ ވެރިޔާ ލޮންސިހިއްޕަވައިގެން ކުރިފުޅުމަތީން އަސްމަތީގައި ވަޑައިގަންނަވަން ފެއްޓެމުން ވިދާޅުވިއެވެ. "އަހަންނަކީ އެހެންވެސް މުސްލިމުންފަދަ ޢާއްމު މުސްލިމަކީމެވެ. އަހަރެންގެ ކުރިމަތީން މީހުން ދުރުކުރަމުންދިޔުމުގެ ބޭނުމެއް ނެތެވެ."

ރަސްކަން ޚަލީފާކަމަށް ބަދަލުކުރެއްވުމުގެ ވިސްނުންފުޅު

ޢުމަރުބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ގަނޑުވަރަށް ވަޑައިގަތުމަށްފަހު ސީދާ ވަޑައިގެންނެވީ މިސްކިތަށެވެ. މީސްތަކުން މިސްކިތަށް އެއްވަން ގޮވައިލާނެ ބަޔަކު ފޮނުއްވިއެވެ. މީސްތަކުން އެއްވުމުން އެބައިމީހުނާ މުޚާތަބުކުރައްވައި ވިދާޅުވިއެވެ. "އޭ މީސްތަކުންނޭވެ! ޚިލާފަތުގެ މަސްއޫލިއްޔަތު އަހަންނާ ޙަވާލުކުރެވުނީ އަހަރެން ރުހޭކަމެއްތޯ ނުވަތަ ނޫންތޯ ބެލުމެއްނެތިއެވެ. ޢާއްމު މުސްލިމުންނާ މަޝްވަރާ ކުރުމަކާވެސް ނުލައެވެ. އެހެންކަމުން ތިޔަބައިމީހުންގެ ކަނދުރާތަކުގައި އެޅުވިފައިވާ އަހަރެންގެ ބައިޢަތުގެ ކަސްތޮޅުން އަހަރެން އަމިއްލަޔަށް ތިޔަބައިމީހުން މިނިވަންކޮށްދީފީމެވެ. ތިޔަބައިމީހުން ބޭނުންމީހަކު ތިޔަބައިމިހުން ޚަލީފާކަމަށް ޢައްޔަންކުރާށެވެ."

އެބަސްފުޅުގެ އަޑުއިވުމާއެކު އެންމެންތައް ނުހަނު އުފަލާއި ޖޯޝާއެކު ގޮވާން ފަށައިފިއެވެ. "އަމީރުލްމުއުމިނީންގެ މަޤާމަށް އަޅުގަނޑުމެން ކަލޭގެފާނު ޢައްޔަންކޮށްފީމުއެވެ. ކަލޭގެފާނުގެ ޚަލީފާކަމާ އަޅުގަނޑުމެން ރުހެމުއެވެ." މިއަޑު އެއްއަޑަކަށްވެ އިތުރު އަޑެއްނެތި އެންމެން ހަމަހިމޭންވުމުން ޢުމަރު ބުނު ޢަބްދުލްޢަޒީޒަށް ކަށަވަރުވެވަޑައިގަތީ މުސްލިމުން އެކަލޭގެފާނުގެ ޚަލީފާކަމާ ޤަބޫލުކަމެވެ. އެކަމާ ނުރުހޭ އެކަކުވެސް ނެތްކަމެވެ. އެހައިތަނުން ނުހަނު ހިތްޕުޅުހަމަޖެހިވަޑައިގަތުމާއެކު މަޤާމާ ޙަވާލުވެ ވަޑައިގެންނެވިއެވެ. އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުމުﷲއަށް ޚަލީފާކަމުގެ ބައިޢަތު ހިފެވުނީ ހިޖްރައިން ނުވަދިހަ ނުވަވަނަ އަހަރުގެ ޞަފަރު މަހުއެވެ. ޢުމަރު ރައްޔިތުންނާ މުޚާޠަބުކުރައްވައި އެކަލޭގެފާނުގެ އެންމެ ފުރަތަމަ އިފްތިޠާޙީ ތަޤްރީރު ދެއްވިއެވެ. އެތަޤްރީރުގައި ޙަމްދުޘަނާއަށްފަހު ވިދާޅުވިއެވެ.

"އޭ މީސްތަކުންނޭވެ! ޤުރްއާން ކަރީމަށްފަހު އެފަދަ އެހެން ފޮތެއް ބާއްވައެއް ނުލައްވާނެއެވެ. އަހަރެމެންގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްފަހު އެހެން ނަބީބޭކަލަކުވެސް ވަޑައެއްނުގަންނަވާނެއެވެ. އަހަންނަކީ އެއްވެސްކަމެއް އަލަށްފަށައިގަންނާން އުޅޭ މީހެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އަހަންނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވެ އެމާތް ސާހިބާ ހިންގެވި މަގުން ހިނގޭތޯ އުޅޭ މީހަކީމެވެ. އަރަހުށި މާތްﷲ ޙަލާލުކުރެއްވި ކޮންމެ އެއްޗެއް ޤިޔާމަތާ ހަމައަށްވެސް ވާނީ ޙަލާލު އެއްޗެއްކަމުގައެވެ. އެކަލާނގެ ޙަރާމު ކުރެއްވި ކޮންމެ އެއްޗެއް އަބަދަށްޓަކައިވާނީ ހަރާމްވެގެންނެވެ. އަރަހުށި މާތްﷲ އަށް އުރެދުމުގެ ޒަރީޢާއިން އެއްވެސް ބަޔަކު ތިމާއަށް ކިޔަމަންތެރި ކުރުވުމަކީ އެކަކަށްވެސް އޮތް ޙައްޤެއް ނޫނެވެ. އެކަމަކު ދަންނައެ! މާތްﷲ އަށް ކިޔަމަންވެ ބޯލަނބާވެރިޔާއަށް ކިޔަމަންވުމަކީ މީސްތަކުންގެ މައްޗަށް އޮތް ވާޖިބެކެވެ. އަހުރެންނަކީ އެއްވެސް ޙާލެއްގައި ތިޔަބައިމީހުންނަށްވުރެ ރަނގަޅު މީހެއް ނޫނެވެ. ނަމަވެސް މާތްﷲ ތިޔަބައިމިހުންނަށްވުރެ ގިނަ ޒިންމާތަކެއް އަހަރެންގެ ބޮލުގައި އެޅުއްވިއެވެ." (ޙަވާލާ: ޠަބަޤާތު އިބްނު ޞަޢުދު)

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ މި އިފްތިޠާޙީ ތަޤްރީރަކީ އަމީރުލްމުއުމިނީން އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހުގެ އިފްތިތާޙީ ތަޤްރީރާ ދާދި އެއް މަފްހޫމެއްގެ ތަޤްރީރެކެވެ. މިތަޤްރީރުގައި އެވަނީ އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ދައުލަތް ހިންގެވުމުގައި ގެންގުޅުއްވާނެ ސިޔާސަތަށް އިޖްމާލީގޮތެއްގައި ފުރިހަމަޔަށް އަލިއަޅުއްވައިލައްވައިފައެވެ. މިތަޤްރީރުން ފުރިހަމަޔަށް މޭރުންވަނި ޢުމަރުގެ މަޤްޞަދަކީ އުމަވީ ރަސްކަން އަލްޚިލާފަތުއްރާޝިދާއަށް ބަދަލުކޮށްލެއްވުން ކަމެވެ.

އަމީރުލްމުއުމިނީން މިތަޤްރީރަށްފަހު ވަޑައިގެންނެވީ އެކަލޭގެފާނުގެ ގަނޑުވަރަށެވެ. ސުލައިމާނުގެ ކަށުކަމާކެމީގެ ކަންތަކާއި އުމައްޔަތުވަންހައިގެ ބޭފުޅުންގެ ބައިޢަތު ހިއްޕެވުމާއި ރައްޔިތުންނާ ބައްދަލު.........

(ނުނިމޭ)

comment ކޮމެންޓް