ފެނަށް ޖެހޭ ނަމަ ރަށްރަށަށް ފެންފޮނުވަން ދެ ހަފްތާ ކުުރިން ފެނަކައަށް އަންގަން ޖެހޭ

ފެން އުފުލުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ-- ސަން ފައިލް ފޮޓޯ/ ޔޫސުފް ސޮފްވާން

ހޫނު މޫސުމުގައި ފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުން ކުރަމުން ދިޔަ ފެން ފޯރުކޮށްދިނުމުގެ މަސައްކަތް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީން ބަލަހައްޓާ ގޮތަށް ރައީސް އޮފީހުން ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތަށް ހަމަޖެއްސެވުމުން ރަށްރަށުގައި ބޯފެން ރައްކާކުރެވޭ މިންވަރާއި ބޯފެން ރައްކާކުރާ ވަސީލަތްތަކުގެ ހާލަތު ދެނެގަނެ އެފަދަ ވަސީލަތްތައް ރަށްރަށުގައި ގާއިމް ކުރުމާއި، ފެންފޯރުކޮށްދިނުމުގެ މަސައްކަތް ބަލަހައްޓާނީ އެންވަޔަރަންމަންޓް މިނިސްޓްރީންނެވެ.

އެ މިނިސްޓްރީން ބުނީ، ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އެ މިނިސްޓްރީން ބެލެހެއްޓުމަށް ހަމަޖެހުނު ކަމުގައި ވިޔަސް، ރަށްރަށުގައި ބޯފެން ހުރި މިންވަރު ބަލަހައްޓަމުން ގެންދާނީ އެ ރަށެއްގެެ ކައުންސިލުން ކަމަށެވެ. އަދި ފެން ހުރި މިންވަރު ގަވާއިދުން މޮނިޓާކޮށް ފެނަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ނަމަ މަދުވެގެން ދެ ހަފްތާ ކުރިން އަންގަން ޖެހޭނެ ކަމަށެެވެ. އަދި އެރަށެއް ފެނަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ނަމަ ކައުންސިލްތަކުން އަންގާނީ އެ ރަށެއްގައި ހުންނަ ފެނަކައިގެ ބްރާންޗަށް ކަމަށާއި އެ ރަށެއްގައި ފެނަކައިގެ ބްރާންޗެއް ނެތް ނަމަ ފެނަކަ ހެޑް އޮފީހަށް ބޯފެނަށް އެދި ހުށަހަޅާ ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ފެނަށް އެދި ހުށަހެޅުމުން އެ ފޯމުތަކުގައިވާ މައުލޫމާތުތައް ބަލައި ޗެކްކުރުމަށް ފަހު އެރަށަކާއި އެންމެ ކައިރީގައިވާ ފެނުގެ ނިޒާމް ގާއިމް ކޮށްފައިވާ ރަށަކުން ފެން އުފައްދައި، ފެނަށް ޖެހޭ ރަށަކަށް ފެންއުފުލައި އަދި އެ ރަށެއްގެ ބަނދަރުން ފެށިގެން 4000 ފޫޓު ތެރޭގައި ހުރި އިޖުތިމާއި ސަރަހައްދުތަކުގައި ގާއިމު ކޮށްފައިވާ ފެން ރައްކާކުރާ ހަންތަކަށް ފެންފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކައިން ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

comment ކޮމެންޓް