ސުވިޑެންގެ ޝާހީ ގަނޑުވަރުގައި ރޫހުތައް އުޅޭ ކަމަށް ރާނީ ވިދާޅުވެއްޖެ

ސުވިޑެންގެ ރާނީ ސިލްވިއާ -- ފޮޓޯ: އެސްވީޓީ

ސްޓޮކްހޯމް (ޖެނުއަރީ 5): ސުވިޑެންގެ ޝާހީ ގަނޑުވަރުގައި ރޫހުތައް އުޅޭ ކަމަށް ރާނީ ސިލްވިއާ ވިދާޅުވެއްޖެ އެވެ.

ސުވިޑެންގެ ޓީވީ ޗެނަލަކުން މިއަދު ދައްކަން ފަށާނެ ޑޮކިއުމެންޓްރީއެއްގައި ވާހަކަ ދައްކަވަމުން، ރާނީ ވަނީ ގަނޑުވަރުގައި އުޅޭ ހުރިހާ ރޫހަކީވެސް ވަރަށް އެކުވެރި ރޫހުތައް ކަމަށް ވިދާޅުވެފައެވެ. އަދި އެރޫހުތައް ދެކެ ބިރުނުގަންނަ ކަމަށްވެސް ވިދާޅުވެފައެވެ.

ވެރިރަށް ސްޓޮކްހޯމް ކައިރީ ހުންނަ އެ ގަނޑުވަރަކީ ރާނީ ސިލްވިއާ އާއި ރަސްގެފާނު ކާލް ގުސްތާފް ދިރިއުޅުއްވާ ގަނޑުވަރެވެ.

"ބައެއް ފަހަރު ހީވޭ (ގަނޑުވަރުގައި) އެކަނި ނޫންހެން ދިރިއުޅެނީ،" ރާނީ ސިލްވިއާ ވިދާޅުވި އެވެ.

ސުވިޑެންގެ ޕަބްލިކް ބްރޯޑްކާސްޓަރެއް ކަމަށްވާ އެސްވީޓީން ހަދާ "ޑްރޮޓްނިންހޯމް ޕެލެސް: އަ ރޯޔަލް ހޯމް"ގެ ނަން ދީފައިވާ އެޑޮކިއުމެންޓްރީގައި ރަސްގެފާނު ކާލްގެ ދައްތަ، ޕްރިންސެސް ކްރިސްޓީނާ ވެސް ވަނީ ރާނީގެ ވާހަކަފުޅަށް ތާއިދުކުރައްވާފައެވެ.

ހަތްދިހަ ތިން އަހަރުގެ ރާނީ ސިލްވިއާ، ރަސްގެފާނު ކާލްއާ ކައިވެނިބައްލައިގެންނެވީ މީގެ 40 އަހަރު ކުރީންނެވެ. (ބީބީސީ)

comment ކޮމެންޓް