އޮންލައިންކޮށް ފައިސާ ދެއްކުމުން އެއާޕޯޓުން ޑޮލަރު ދޫކުރަން ބީއެމްއެލްއިން ނިންމައިފި

މީހަކު ޑޮލަރުތަކެއް ގުނަނީ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

އަންނަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ވިއްކުމަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ނިންމައިފިއެވެ.

ކޮންމެ ޓިކެޓަކަށް 500 ޑޮލަރު ވިއްކާއިރު ބީއެމްއެލް ވެބްސައިޓުން އޮންލައިންކޮށް ނުވަތަ ބީއެމްއެލް ބުރާންޗަކަށް ފައިސާ ދެއްކުމުން ބޭރަށް ފުރުމަށް ޗެކިންވުމަށްފަހު އެއާޕޯޓުގައި ހުންނަ ބީއެމްއެލް ކައުންޓަރަކުން ޑޮލަރު ދޫކުރާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ރާއްޖޭގެ އެހެން އިންޓަނޭޝަނަލް އެއާޕޯޓަކުން ދަތުރުކުރާ ނަމަ، އެއާޕޯޓާ އެންމެ ކައިރި ބްރާންޗަކަށް ދިޔުމުން ޑޮލަރު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އޮންލައިންކޮށް ޑޮލަރު ގަތުމަށް ޕޯޓަލް ބޭނުންކުރާނެގޮތް:

  • ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓަށް ވަދެ އޮންލައިން ޕޯޓަލްއަށް ލޮގްއިން ވާށެވެ.
  • ދަތުރުކުރާ ފަރާތްތަކުގެ މައުލޫމާތާއި ޕާސްޕޯޓް ނަންބަރު އަދި ފްލައިޓްގެ މައުލޫމާތު ޕޯޓަލްއަށް އެންޓަރކުރާށެވެ. (އެއް ބުކިންގ އެއްގައި ހިމެނޭނީ ގިނަވެގެން 5 ދަތުރުވެރިން)
  • ބީއެމްއެލްގެ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު ގަތުމަށް ފައިސާ ދައްކާށެވެ.
  • ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޑިޕާޗާރ ޓާމިނަލްގެ ގޭޓް 4ގެ ކުރިމަތީގައި އަލަށް ހަދާފައިވާ ބޭންކްގެ ކައުންޓަރ ތަކަށް ޓްރެވަލް ޑޮކިއުމެންޓްތައް ހުށަހެޅުމުން ޑޮލަރު ލިބޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ އަލަށް ތައާރަފްކުރެވުނު އޮންލައިން ބުކިންގ ސިސްޓަމް އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ގާއިމްކޮށްފައިވާ ޑޮލަރު ދޫކުރާ ކައުންޓަރުތައް ބޭނުންކޮށްގެން ވަރަށް ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ފޯރުކޮށްދެވޭނެކަމަށެވެ.

މިހާރު ދަތުރުވެރިންނަށް ޑޮލަރު ވިއްކަމުންގެންދާ މަރުކަޒީ ބެންކް އެމްއެމްއޭއިން ބުނީ ހޯމަ ދުވަހުގެ ނިޔަލަށް އެމްއެމްއޭއިންވެސް ޑޮލަރު ވިއްކާނެ ކަމަށެވެ.

ބެންކު ތަކުން ދަތުރުވެރިންނަށް ޑޮލަރު ވިއްކި ދުވަސްވަރު ޑޮލަރު ގަތުމަށް ދިގު ކިޔޫތަކެއް ހަދައި އެކަމުގެ ތަކުލީފް ބޮޑުވުމުން އެމްއެމްއޭއިން ވަނީ އެބެންކުން ޑޮލަރި ވިއްކުމަށް ނިންމައި ދަތިތައް ހައްލުކޮށްފައެވެ.

comment ކޮމެންޓް