ރޮނާލްޑޯއަށް ޗުއްޓީ އިތުރުކޮށްދީފި

ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ ޕޯޗުގަލްގައި: ރޮނާލްޑޯ ޗުއްޓީ ހޭދަކުރަމުންދަނީ ޕޯޗުގަލްގައި ހުންނަ އޭނާގެ އަމިއްލަ ހޮޓެލްގައި --- ފޮޓޯ/ ޕީއޭ

ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފިނި މޫސުމުގެ ޗުއްޓީ އިތުރުކޮށްދީފި އެވެ.

ކޮޕާ ޑެލްރޭގެ ގަދަ 16ގެ ފުރަތަމަ ލެގުގައި މިރޭ ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ނެގި 19 ކުޅުންތެރިންގެ ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައެއް ނުވެ އެވެ.

ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ ހޮޓެލްއަށް ވަންނަނީ: ރޮނާލްޑޯ ޗުއްޓީ ހޭދަކުރަމުންދަނީ ޕޯޗުގަލްގައި ހުންނަ އޭނާގެ އަމިއްލަ ހޮޓެލްގައި --- ފޮޓޯ/ ޕީއޭ

ރޮނާލްޑޯގެ ފިނިމޫސުމުގެ ޗުއްޓީ ހޭދަކުރަމުން ދަނީ އޭނާގެ ލޯބިވެރިޔާ އަދި ސްޕެނިޝް މޮޑެލް ޖޯޖީނާ ރޮޑްރިގޭޒްއާ އެކު ރޮނާލްޑޯގެ އުފަން ގައުމު ޕޯޗުގަލްގައި ހުންނަ އޭނާގެ އަމިއްލަ ހޮޓެލެއް ކަމަށްވާ 'ޕެސްޓޭނާ ސީއާރް7 ހޮޓެލް'ގައި ކަމަށް ހަބަރުތައް ބުނެ އެވެ.

ރެއާލްގެ ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައި ނުވާ އިރު، ގެރެތު ބޭލް އާއި، ސާޖިއޯ ރާމޯސް އާއި، ޕެޕޭ އާއި، ލޫކަސް ވަޒްކޭޒް އަދި މަޓިއޯ ކޮވަޗިޗް އުޅެނީ އަނިޔާގެ ލިސްޓުގަ އެވެ.

ރޮނާލްޑޯގެ ބައެއް ސަޕޯޓަރުންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: ރޮނާލްޑޯ ޗުއްޓީ ހޭދަކުރަމުންދަނީ ޕޯޗުގަލްގައި ހުންނަ އޭނާގެ އަމިއްލަ ހޮޓެލްގައި --- ފޮޓޯ/ ޕީއޭ

ރެއާލްގެ ސްކޮޑުގައި ރޮނާލްޑޯ ނުހިމެނުމާ އެކު ނޯވޭގެ ޒުވާން ކުޅުންތެރިޔާ މާޓިން އޮޑެގާޑް އަށް ވަނީ ސްކޮޑުން ޖާގަ ލިބިފަ އެވެ. ރޮނާލްޑޯ ވަނީ މި ސީޒަނުގައި ރެއާލް އަށް ކުޅުނު 19 މެޗުން 16 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

މިރޭ ކުޅޭ ފުރަތަމަ ލެގު މެޗަށް ފަހު، ދެވަނަ ލެގު މެޗަށް ސެވިއްޔާއާ ދެކޮޅަށް ރެއާލް ނުކުންނާނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. ގަދަ 16ގެ ފުރަތަމަ ލެގު މެޗު ރެއާލްގެ ދަނޑުގައި ކުޅޭ އިރު، ދެ ވަނަ ލެގު މެޗު ކުޅޭނީ ސެވިއްޔާގެ ދަނޑުގަ އެވެ. ފުރަތަމަ ލެގު މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ 1:05 ގަ އެވެ.

comment ކޮމެންޓް