މުރަކަ އިންދުމުގައި ރަސް ފުށި ރިސޯޓުން ކާމިޔާބު އެއް އަހަރު!

ސެންތާރާ ރަސް ފުށި ރިސޯޓުން ކުރިއަށްގެންދާ މުރަކަ އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން --- ސަން ފޮތޯ/ މުހައްމަދު އަފްރާހް

އެ މަސައްކަތައިގެން ސެންތާރާ ރަސް ފުށި ރިސޯޓުން އަތުކުރި އޮޅާލީ ތިމާވެށި ރައްކާތެރިކުރުމަށް މިއަދު އެއްވެސް ކަމެއް ނުކޮށްތިބުމަށް ވުރެ ކޮންމެވެސް ކަމެއް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިގެންނެވެ. ތިމާވެއްޓަށް އެކި ގޮތްގޮތުން އަންނަ ބަދަލުތައް ފެނި، އެކަމުގެ ހިޔަނި ދިވެހި ފަރުތަކަށް އެޅެން ބޭނުން ނުވާތީ އެވެ. ކުރިއަށް އޮތް ޖީލުތަކަށް ރަނގަޅު ތިމާވެއްޓެއް ގެންގޮސް ދިނުމުގެ ޒިންމާ ބޮލުގައި އަޅައިގެންނެވެ.

މި އަޒުމާއި ހިތްވަރާ އެކު ރަސް ފުށި ރިސޯޓަކީ މިއަދު ތިމާވެށި ހިމާޔަތްކުރުމުގައި ނަމޫނާ ރިސޯޓެކެވެ. ހާއްސަކޮށް ރާއްޖޭގެ ނާޒުކު ފަރުތައް ހިމާޔަތްކޮށް ދިރިވުމަށް ޓަކައި އެއީ ލާމަސީލެކެވެ.

އިޖްތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ ހަ ރިސޯޓެއްގައި މޫދު ކުޅިވަރު ހިންގާ ބެސްޓް ޑައިވްސް އާއި ޖަރުމަނުގެ އޯޝެނިކް މިއުޒިއަމްގެ ހަތަރު ކޮރަލް ޑޮކްޓަރުންނާ ގުޅިގެން މޫދުގައި މުރަކަ އިންދައި އާލާކުރުމުގެ ޕްރޮގްރާމެއް ރަސް ފުށި ރިސޯޓްގައި ފެށީ މިދިޔަ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ސެންތާރާ ރަސް ފުށި ރިސޯޓުން ކުރިއަށްގެންދާ މުރަކަ އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ބޭސް ތަކަށް މުރަކަ ހަރުކުރަނީ: އެ ހަރަކާތުގައި ރިސޯޓުގެ މުވައްޒަފުންނާއި ފަތުރުވެރިން ބައިވެރިވޭ --- ސަން ފޮޓޯ/ މުހައްމައު އަފްރާހް

މުރަކަ އާލާކުރުމަށް ރަސް ފުށިން ފެށި ޕްރޮގްރާމަށް އެއް އަހަރު ފުރިގެން ދިޔައިރު، އެކަމުގެ ކާމިޔާބު އެ ރިސޯޓުން ފާހަގަކުރަމުން ދަނީ ޝަރަފްވެރިކަމާ އެކު އެވެ.

ރަސް ފުށި ރިސޯޓް އެންޑް ސްޕާގެ ޖެނެރަލް މެނޭޖަރު ޕުރަޕާޖިތް ތޮންމާ ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ މީހުންނާއި މަސައްކަތްކުރާ މީހުން ވެސް އުޅެން ޖެހޭ "ގެ"އަކީ މި ރާއްޖެ ކަމަށާއި މި ގެއަކީ މުސްތަގްބަލުގައި ދިރިއުޅެން ރަނގަޅު ތަނަކަށް ހަދަން ޖެހޭ ކަމަށެވެ.

އެގޮތުން އެ ރިސޯޓުގައި ފެށި މުރަކަ އިންދުމުގެ ޕްރޮޖެކްޓަށް އެ ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ އިރު، އެކަމަށް ގިނަ ބަޔަކު ހޭލުންތެރިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ސެންތާރާ ރަސް ފުށި ރިސޯޓުން ކުރިއަށްގެންދާ މުރަކަ އިންދުމުގެ ޕްރޮގްރާމުގެ ފޮޓޯތައް ބަހައްޓާފައި ހުރި ސްޓޭންޑެއް ކައިރީގައި ފަތުރުވެރިއަކު މަޑުކޮށްލައިގެން: މުރަކަ އިންދުމުގެ ޕްރޮގްރާމަށް ފަތުރުވެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ރިސޯޓުން ބުނޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މުރަކަ އިންދުން ކުރިއަށްދާ ގޮތް

މުރަކަ އިންދުމަކީ ވަރަށް ވެސް އުދަނގޫ އަދި އެކަމުގެ ނަތީޖާ ނުކުންނަން ދިގު މުއްދަތެއް ނަގާ ކަމެކެވެ.

މުރަކަ އިންދުމުގެ ޕްރޮގްރާމް ކުރިއަށްދާ ގޮތުގެ މައުލޫމާތު ދެއްވަމުން ރަސް ފުށި ރިސޯޓްގައި ބެސްޓް ޑައިވްސް އިން ހިންގަމުން އަންނަ ޑައިވް ސެންޓަރުގެ މެނޭޖަރު އަހުމަދު ޝަހީލް ވިދާޅުވީ، މިއީ ގުދުރަތީ ގޮތުން ވެސް ހިނގަމުންދާ ނިޒާމެއް ކަމަށްވާ "ފްރެގްމެންޓޭޝަން" ނުވަތަ ގުދުރަތީ ނުވަތަ އިންސާނެއްގެ ސަބަބުން މައި މުރަކައިން ވަކިވާ މުރަކަ ކޮޅަކުން މުރަކައެއް ފެޅުމެވެ.

"މެއިން ކޮރަލް ބްރޭކް ޑައުންވީމަ ހުންނަ ކުދިކުދި ޕީސްތައް، އެ އެއްޗެހި އާދައިގެ ގޮތަކަށް ދޫކޮށްލައިފިއްޔާ އެޓޭޗެއް ނުވާނެ. އެޔަށް ބޭނުންވާނެ ސްޓޭބަލް ސާފަސްއެއް އެޓޭޗްވާން. ހަލާކުވެފައި ހުންނަ ކުދިކުދި އެއްޗެހިކޮޅު ނަގާފައި ބޭސްތަކަށް މި އެޓޭޗް ކުރަނީ،" ޝަހީލް ވިދާޅުވި އެވެ.

ސެންތާރާ ރަސް ފުށި ރިސޯޓުން ކުރިއަށްގެންދާ މުރަކަ އިންދުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން އެ ރިސޯޓުގެ ޑައިވް ސެންޓަރުގެ މެނޭޖަރު ޝަހީލް "ސަން" އަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެގޮތުން ކޮންކުރީޓުން ހަދާފައި ހުންނަ ބޭސްއަކަށް މޮހޮރު ޖެހުމަށް ފަހު، އެ މޮހޮރުތަކުގައި މުރަކަ ވަރުގަދައަށް ހިފެހެއްޓުމަށް އައްސަ އެވެ. އެކަމަށް ރަސް ފުށި ރިސޯޓުން ބޭނުންކުރަނީ ޕްލާސްޓިކް ކްލިޕެވެ.

ބައެއް ފަރާތްތަކުން މުރަކަ ހަރުކުރުމުގައި ކޭބަލް ޓައީ ނުވަތަ އަންޑާވޯޓާ ގުލޫ ވެސް ބޭނުންކުރެ އެވެ. އަދި ސިމެންތިން ހަދާފައި ހުންނަ ބޭސްގެ އިތުރުން ދަގަނޑު ހަރެއް ނުވަތަ އެޅި ގާ ފަދަ ތަކެތި މުރަކަ ހަރުކުރުމުގައި ބޭނުންކުރެ އެވެ.

ޝަހީލް ވިދާޅުވީ، މުރަކަ އިންދިމުގައި އެ ރިސޯޓުން އާއްމުކޮށް ބޭނުންކުރަނީ ދެ ވައްތަރެއްގެ މުރަކަ ކަމަށެވެ. އެއީ ފިންގާ ކޮރަލް އަދި މުރަކަ ފަރު ވަރުގަދަ ކޮށްދޭ ޕިލާ ކޮރަލް އެވެ.

ސެންތާރާ ރަސް ފުށި ރިސޯޓުން ކުރިއަށްގެންދާ މުރަކަ އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން މުރަކަ އިންދުމަށް ބޭނުންކުރާ ބޭސްއަށް ޖަހާފައި ހުންނަ މޮހޮރުތަކަށް މުރަކަ ކޮޅުތައް ހަރުކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މުރަކަތައް ކޮންކްރީޓް ބޭސްއަށް ޖަހާފައި ހުންނަ މޮހޮރުތަކަށް ނުވަތަ ދަނގަޑު ހަރަށް އެއްސުމަށް ފަހު ލަސްނުކޮށް މޫދަށް ލާން ޖެހެ އެވެ. އެއީ މުރަކަތައް ހިކި، މަރުވެދާނެތީ އެވެ. އެކަމުން ރައްކާތެރިވުމަށް އެއްގަމަށް އަރުވައި، މޫދަށްލަންދެން މުރަކަ ކޮޅުތަކަށް ފެން ޖަހައި، ތެންމާފައި ބަހައްޓަންޖެހެ އެވެ.

މުރަކަތައް ބޭސްތަކަށް އެޓޭޗް ކުރުމަށް ފަހު ލަސްނުކޮށް މޫދަށް ލާންޖެހޭ އިރު، މުރަކަ އިންދުމުގެ ޕްރޮޖެކްޓަށް ރަސް ފުށި ރިސޯޓުގެ ދެ ސަރަހައްދެއް ހާއްސަކޮށް މޫދު އަޑީގައި ކޮރަލް ފާމް ނުވަތަ ނާސަރީ ގާއިމްކޮށްފައިވެ އެވެ.

ޝަހީލް ވިދާޅުވީ، ބޭސްގެ މޮހޮރުތަކަށް ނުވަތަ ދަނގަޑު ހަރުގައި މުރަކަ ކޮޅުތައް އެއްސުމަށް ފަހު މޫދަށްލާތާ ތިން މަސް ތެރޭގައި ބޭސްއަށް ނުވަތަ ބޭސްއަށް ޖަހާފަ ހުންނަ މޮހަރަށް މުރަކަކޮޅު ތަތްވާނެ ކަމަށެވެ. އަދި ދެ އަހަރުގެ ތެރޭގައި މުރަކަ ހަރުކުރި ބޭސް އަށް މުރަކަތައް ފެތުރި، އެ ބޭސް ނުވެސް ފެންނާނެ ކަމަށެވެ.

ސެންތާރާ ރަސް ފުށި ރިސޯޓުން ކުރިއަށްގެންދާ މުރަކަ އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން މުރަކަ ކޮޅުތައް ހަރުކުރާ ދަގަނޑު ހަރެއްގައި ފަތުރުވެރިއަކު މުރަކަ ހަރުކުރާއިރު، ސްޓާފަކު އޭނާއަށް އެހީތެރިވެދެނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އިންދި އިރު މުރަކަ ކޮޅެއްގައި ހުރީ ދެ އިންޗި. އެކަމަކު މިހާރު މުރަކަ ކޮޅެއްގައި ހަތް އިންޗި އެބަހުރި. އަދި ކުރިން ވެލިގަނޑެއްގެ ގޮތުގައި އޮތް ތަނެއް މިހާރު އޮތީ އާޓިފިޝަލް ފަރެއް އުފެދިފައި. މިކަމުގެ ސަބަބުން އެތަނުގެ އެކޯސިސްޓަމް ވެސް ރަނގަޅުވެގެންދާނެ،" ވޭތުވެދިޔަ އެއް އަހަރު ހިންގި މުރަކަ އިންދުމުގެ ޕްރޮޖެކްޓުގެ ކާމިޔާބީ ހިއްސާކުރަމުން ޝަހީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވޭތުވެ ދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ދިމާވި އެލްނީނޯގެ ސަބަބުން ލޮނުގެ ފިނިހޫނުމިން މަތިވެ ފުރަތަމަ އިންދި މުރަކަތަކުގެ ތެރެއިން ބައެއް މުރަކަތައް މަރުވެ، ގެއްލުންތަކެއް ލިބުނު ކަމަށެވެ. އެއީ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށާއި ނަމަވެސް މިހާރު ފެންގަނޑުގެ ފިނިހޫނުމިން ރަނގަޅުވަމުންދާ ކަމަށެވެ.

ސެންތާރާ ރަސް ފުށި ރިސޯޓުން ކުރިއަށްގެންދާ މުރަކަ އިންދުމުގެ ޕްރޮގްރާމުގެ ދަށުން އިންދާފައިވާ ބައެއް މުރަކަތައް --- ފޮޓޯ/ ސެންތާރާ ރަސް ފުށި

ޕްރޮޖެކްޓް އިތުރަށް ފުޅާކުރަނީ

ޖެނެރަލް މެނޭޖަރު ތޮންމާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މުރަކަ އިންދުމުގެ ހަރަކާތް ރަށްތަކަށް ވެސް ފުޅާކޮށް، ރަށްތަކުގެ ރައްޔިތުންނަށް މުރަކަ އާލާކުރުމަށް ދަސްކޮށްދޭން ވިސްނަމުންދާ ކަމަށެވެ.

ސެންތާރާ ރަސް ފުށި ރިސޯޓުން ކުރިއަށްގެންދާ މުރަކަ އިންދުމުގެ ޕްރޮގްރާމާ ގުޅޭގޮތުން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޕުރަޕާޖިތް ތޮންމާ "ސަން" އަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަދި އެކަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ރިސޯޓްގެ ފަރާތުން މަރުހަބާ ކިޔާ ކަމަށާއި ރަށްތަކުން ވެސް އެކަމަށް ތަރުހީބު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށްތަކުގައި އުޅޭ ރައްޔިތުންނަށް މިކަމަކީ މުހިއްމު ކަމެއް. އެއީ އެމީހުންނަކީ އެ ރަށުގައި ތިބޭނެ ބައެއް. އެހެންވީމާ ތިމާވެށި ރައްކާތެރިކުރަން ޖެހޭނެ. އަހަރެންގެ އުއްމީދަކީ ރިސޯޓްތަކާއި ހޮޓާތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އިތުރު ފަރާތްތަކުން ވެސް މިކަމުގައި ބައިވެރިވެ ފަރުތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރުމަަށް،" ޖެނެރަލް މެނޭޖަރު ތޮންމާ ވިދާޅުވި އެވެ.

ތިމާވެށީގެ ގޮތުން ރަނގަޅު ނަމޫނާއެއް

ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން މުރަކަ އިންދާ އާލާ ކުރުމަކީ ރަސް ފުށި ރިސޯޓުން ކުރިއަށްގެންދާ އެއް ހަރަކާތެވެ. އޭގެ އިތުރުން ވެސް ތިމާވެއްޓާއި ރަހުމަތްތެރި ތަނަކަށް ހެދުމަކީ އެ ރިސޯޓުގެ އަމާޒެވެ. އެކަން ހާސިލް ކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް އެ ރިސޯޓުން ދަނީ ކުރަމުންނެވެ.

ތިމާވެއްޓާ ރަހްމަތްތެރި ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވަމުން އެ ރިސޯޓުގެ ޗީފް އިންޖިނިއަރު ޖެރޯމް މެނުއަލް ވިދާޅުވީ، ރިސޯޓް ތެރޭގައި ޖަހާފައި ހުރި ބޮކިތައް މަދުކޮށް ސޯލާ ލައިޓް އަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން 45 ކިލޯވޮޓްގެ ހަކަތަ މަދުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެންތާރާ ރަސް ފުށި ރިސޯޓުގެ ޗީފް އިންޖިނިއަރު ޖެރޯމް މެނުއަލް "ސަން" އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭގެ އިތުރުން ރަސް ފުށި ރިސޯޓަކީ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލާފައިވާ ރިސޯޓެކެވެ. އޭގެ ބަދަލުގައި ބޭނުންކުރަނީ ރިސޯޓުގައި އުފައްދާ ޕިއުރިފައިކޮށްގެން ބޭނުންކުރާ ފެން އަޅާފައި ހުންނަ ބިއްލޫރި ފުޅި އެވެ. ޕްލާސްޓިކް ފެންފުޅި ހަމައެކަނި ބޭނުންކުރަނީ ރިސޯޓަށް އަންނަ ފަތުރުވެރިންނަށް ލޯންޗު މަތީގައި ދިނުމަށް އެކަންޏެވެ.

ޖެރޯމް ވިދާޅުވީ، މިއަހަރުގެ ތެރޭގައި ހައިޑުރޯފޯނިކްސް ނިޒާމް ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރިސޯޓުގައި ބަޔޯ ޑީސަލް ތައާރަފްކުރުމަށް ތަހުގީގުތައް މިހާރު ތައިލެންޑުގައި ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަންތާރާ ރަސް ފުށި ރިސޯޓުން ކުރިއަށް މިގެންދަނީ ގައުމީ ހަރަކާތެކެވެ. އެ ހަރަކާތަކީ ދިވެހިން ޝުކުރުވެރިވުން ހައްގު މަސައްކަތެކެވެ. އެއީ ރާއްޖޭގެ އިގްތިސާދު އެކަމަކަށް ބަރޯސާވެފައިވާ ފަތުރުވެރިކަމަށް އެ ރިސޯޓުން ކޮށްދޭ އަގުހުރި ހިދުމަތެކެވެ.

އެ ރިސޯޓުގެ ފަރާތުން ރިސޯޓުގެ ޖެނެރަލް މެނޭޖަރު ތޮންމާ ދެއްވީ މި މެސެޖެކެވެ.

"ފަށައިގަންނަން ހިނގާށޭ. އޭރުން އަމާޒު އަވަހަށް ހާސިލްވާނޭ. އަހަރެމެން އަހަރެމެންގެ ތިމާވެއްޓާއި މޫދު ދެކެ ލޯބިވޭ. އަހަރެމެން ދިރިއުޅެނީ މިތަނުގައި. މިއީ އަހަރެމެންގެ ގެއަކީ. ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ އެންމެންގެ ވެސް ގެއަކީ މިއީ. އެހެންކަމުން އަހަރެމެންގެ ގެއަކީ ކުރިއަށް އޮތް މުސްތަގްބަލަށް ރަނގަޅު ދިރިއުޅުމަކަށް ހަދަން ހިނގާށޭ،"

comment ކޮމެންޓް