ކަބަޑު ދަށުވި ކޮއްކޮ ސަލާމަތްކުރީ ދެ އަހަރުގެ ބޭބެ

ކަބަޑު ދަށުވި ކޮއްކޮ ސަލާމަތްކުރުމަށް ބޭބެ މަސައްކަތްކުރަނީ--

ކުޑަކުދިންނަކީ ސިޔާސަ ބައެކެވެ. މަޖާ ކުރުމާއި ކުޅެ އުޅުމުގައި އެ ކުދިންގެ ހައްދެއް ނޯންނާނެ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އެ ކުދިންނަކީ ކަންކަން ނިންމުމުގައި ވިސްނުންތޫނު ބައެކެވެ.

ކުޅެން އުޅުމުގެ ތެރޭގައި ކަބަޑެއް ވެއްޓި، އޭގެ ދަށުވި އެއްބަނޑު އެއްބަފާ ކޮއްކޮ ސަލާމަތް ކުރަން އުމުރުން އެންމެ ދެ އަހަރުގެ ބޭބެގެ ގެންގުޅުނު އަވަސް ވިސްނުމާއި އުކުޅަކީ އޭގެ ހެއްކެކެވެ. މިއީ އެމެރިކާގައި ޔުޓާ ސްޓޭޓްގައި ހުންނަ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި ދެ ކުޑަކުދިން ކުޅެން އުޅެނިކޮށް ހިނގި، އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެކެވެ.

ކޮޓަރި ތެރޭގައި ހަރުކޮށްފައި އިން ކެމެރާއިން ނަގާފައިވާ އެ ފުޓޫޖެން ފެންނަ ގޮތުގައި، ދެ ކުދިން ވެސް ފާރެއްގެ ކައިރީގައި ބަހައްޓާފައި ހުރި ކަނބަޑެއްގެ ވަތްގަނޑު ތެރެއަށް ވަންނަން އުޅެއެވެ. ނަމަވެސް ކަބަޑު އަރި އަޅާލައިގެން ވެއްޓި އޭގެން އެއް ކުއްޖެއް ކަބަޑު ދަށުވާތަން ފެނެއެވެ.

ކަބަޑު ގައިމައްޗަށް ވެއްޓިފައި އޮތް ކުއްޖާ ރޮމުން ސަލާމަތް ވާންވެގެން މަސައްކަތްކުރާ އިރު، ސަލާމަތްވި އެ ކުއްޖާގެ ބޭބެ، ކޮއްކޮ ސަލާމަތްކުރާނެ ގޮތެއް ވިސްނުމުގައި އުޅޭތަން ފެނެއެވެ. އެގޮތުން އެކި ދިމަ ދިމާލުން ކަބަޑު އުފުލަން މަސައްކަތްކުރުމަށްފަހު، ކޮއްކޮ ސަލާމަތްކުރެއެވެ.

މި ހާދިސާގެ ވީޑިއޯ ފޭސްބުކް އަށް ޝެއާކުރި ދެ ކުދިންގެ ބައްޕަ، ރިކީ ޝޮފް ބުނި ގޮތުގައި، އެ ވީޑިއޯ ސޯޝަލް މީޑިއާއަށް ލުމަށް އޭނާ ފުރަތަމަ ޖެހުލުންވިއެވެ.

ނަމަވެސް ފަރުނީޗަރުތައް ފާރުގައި ހަރުކޮށްފައި ނުބެހެއްޓުމުގެ ސަބަބުން އޭނާގެ ދެ ކުދިންނަށް ދިމާވި ކަހަލަ ހާދިސާއެއް އެހެން ކުދިންތަކަކަށް ނުވުމަށް އެދޭތީ އާއި އެކަހަލަ ކަންތައްތަކަށް ބެލެނިވެރިން ވިސްނައި ދިނުމަށް އެ ވީޑިއޯ ސޯޝަލް މީޑިއާ ހިއްސާކުރުމަށް ނިންމީ ކަމަށް ބުނެފައިވެއެވެ.

ޝޮފް ބުނީ، ހާދިސާ ހިނގިއިރު، އޭނާގެ އަންހެނުން ގޭގައި އުޅުނު ނަމަވެސް ކަބަޑު ދަށުވި ކުއްޖާގެ ރުއިމުގެ އަޑެއް ނީވޭ ކަމަށެވެ. އަދި ހާދިސާ ހިނގި ވަގުތަށްފަހު އެކުދިންގެ ކޮބައިތޯ ބަލާލުމަށް ކޮޓަރި ތެރެއަށް ވަތްއިރު ދެ ކުދިން ވެސް ކުޅެން އުޅުނު ކަމަށް ބުނެފައިވެއެވެ.

ނަމަވެސް އެކަހަލަ ކަމެއް ހިނގިކަން އެނގުނީ، ކޮޓަރި ތެރެއަށް ވަތްއިރު ކަބަޑު ބިންމައްޗަށް ވެއްޓިފައި އޮތްތަން ފެނުމުން، އެއީ ކިހިނެތް ވީ ކަމެއްތޯ ބެލުމަށް އެކޮޓަރީގެ ތެރޭގައި ހުރި ކެމެރާ ފުޓޭޖްތައް ބެލުމުން ކަމަށް ޝޮފް ބުންޏެވެ.

އެމެރިކާގެ ކޮންސިއުމާ ޕްރޮޑަކްޓް ސޭފްޓީ ކޮމިޝަން (ސީޕީއެސްސީ) އިން ބުނާ ގޮތުގައި، ޓީވީއެއް ނުވަތަ ކޮންމެވެސް ކަހަލަ ފަރުނީޗަރެއް ވެއްޓިގެން އެމެރިކާގައި ކޮންމެ ދެ ހަފްތާއަކުން ކުއްޖަކު މަރުވެއެވެ.

comment ކޮމެންޓް