Sun Online

ބެލުންތެރިންގެ އެދުމަށް "ބައިވެރިޔާ" އެނބުރި އޮލިމްޕަހަށް!

މުހައްމަދު ސިމާއު
ލިޔުނީމުހައްމަދު ސިމާއު

މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގެ ޕްރިމިއާ ކުރި ފިލްމު، "ބައިވެރިޔާ"ގެ އާ ޝޯތަކެއް އޮލިމްޕަހުގައި އަޅުވަން ނިންމައިފިއެވެ.

އިސްމާއީލް ޝަފީގު އަދި ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް، ޔޫސުފް ޝަފީއު ޑައިރެކްޓްކޮށްފައިވާ ހެއްވާ މަޖާ ގިނަ ކަންތައްތަކެއް އެކުލެވޭ ފިލްމު، ބައިވެރިޔާގެ ވަދާއީ ޝޯ ތަކުގެ ގޮތުގައި މިދިޔަ މަހުގެ 29 އަދި 30 ވަނަ ދުވަހުގެ ރޭ ވެސް އޮލިމްޕަހުގައި ޝޯތަކެއް ވަނީ ދައްކާފައެވެ.

ބައިވެރިޔާގެ އެއް ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ބުނީ، ފިލްމުގެ ވަދާއީ ޝޯތަކަށްފަހު ވެސް ގިނަ ބަޔަކު އެ ފިލްމު ބަލާލުމަށް އެދެމުންދިޔަ ކަމަށެވެ. އެގޮތުން، އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ އިތުރު ދެ ޝޯ އަޅުވަން ނިންމައި، ޓިކެޓް ވިއްކަމުންދާ ކަމަށް އޭނާ ބުންޏެވެ.

ބައިވެރިޔާގެ ޖުމްލަ 17 ޝޯއެއް މިހާތަނަށް އޮލިމްޕަހުގައި ދައްކާފައިވާއިރު، ކޮންމެ ޝޯ އަކަށްވެސް ބޮޑު ތަރުހީބެއް ލިބިގެންވަނީ ގޮސްފައެވެ.

ޝަފީގު ބުނީ، އަތޮޅު ތެރޭގައިވެސް ފިލްމު ދައްކަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރ. އަތޮޅުގައި މިހާރު އެ ފިލްމު ދައްކަމުންދާއިރު ތަރުހީބު ވަރަށް ރަނގަޅު ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން ކުރިއަށް އޮތް ހަފްތާ ތެރޭގައި ލ. ނ އަދި ށ. އަތޮޅުގައި ފިލްމު ދައްކަން ނިންމާފައިވާއިރު، މާލެ އަތޮޅުގެ ހަތަރު ރަށެއްގައި ވެސް ފިލްމު ދައްކަން ވަނީ ނިންމާފައެވެ.

ތިން ރަހުމަތްތެރިންގެ ދިރިއުޅުމުގައި ދިމާވާ ތަފާތު ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ "ބައިވެރިޔާ"ގައި އެންމެ މުހިއްމު ރޯލްތަކުން ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު އެކްޓަރު އަދި ފިލްމުގެ ޑައިރެކްޓަރު ޔޫސުފް ޝަފީއު އާއި ޝީލާ ނަޖީބާއި އަހްމަދު ސައީދުގެ އިތުރަށް ނާޝިދާ މުހައްމަދު (ނާއްކޮ)ގެ އިތުރުން އަހްމަދު އަޒުމީލް (އަޒޭ) އާއި މުހައްމަދު ފައިސަލް ހިމެނެއެެވެ.

އޭގެ އިތުރުން ދާދިފަހުން ފިލްމީ ދާއިރާއިން ނުކުތް ޒުވާން ތަރި، މަލީހާ ވަހީދާއި ހުސައިން ޝިބާއުގެ އިތުރަށް އަހްމަދު ސުނީވެސް އެ ފިލްމުން ފެނިގެންދެއެވެ.

×
DB released.