Sun Online
މާލޭގައި ބޮޑު ވެހިކަލެއް ދުއްވާފައިދަނީ-- ބޮޑެތި އުޅަނދުފަހަރު ބާރު ސުޕީޑުގައި ދުއްވާތީ ނުރައްކާ ބޮޑު-- ސަން ފޮޓޯ: މުހައްމަދު އަފްރާހް
މާލޭގައި ބޮޑު ވެހިކަލެއް ދުއްވާފައިދަނީ-- ބޮޑެތި އުޅަނދުފަހަރު ބާރު ސުޕީޑުގައި ދުއްވާތީ ނުރައްކާ ބޮޑު-- ސަން ފޮޓޯ: މުހައްމަދު އަފްރާހް...

ބަރު އުޅަނދުގެ ދުވެލި ހަލުވިވެ، ނުރައްކާ ބޮޑުވެފައި!

އަހުމަދު ސާއިލް އަލީ
ލިޔުނީއަހުމަދު ސާއިލް އަލީ

އުނޅަދުތަކާއި މީހުނާ އެކު މަގުމަތި އޮތީ ތޮއްޖެހިފަ އެވެ. އެންމެންގެ ސަމާލުކަން ކުއްލިއަކަށް ހުއްޓިގެން ދިޔައީ ފަތުއަޑުކިޔާފައި ދުއްވާފައިދިޔަ ކޮންޓެއިނާ އުފުލާ ބޮޑު އުޅަނދަކަށެވެ. ކޮންޓެއިނާއެއް ހިފައިގެން އެ އުޅަނދު ދުއްވާފައި ދިޔައީ ރޭހެއްގައި އުޅަނދެއް ދުވާ ދުވެލީގަ އެވެ. އެ ދުވެލީގައި ދަނިކޮށް ކުއްލިއަކަށް މަޑުކުރަން ޖެހުނު ނަމަވެސް ނުވަތަ އަނބުރާލަން ޖެހުނު ނަމަވެސް އެއީ ކުރެވޭނެ ކަމެއްހެން ހިއެއްނުވެ އެވެ.

މީހުންނާއި އުޅަނދުން ތޮއްޖެހިފައިވާ މާލޭގައި އިންތިހާއަށް އުޅަނދު ދުއްވުމަކީ ވަރަށް ބޮޑުވެއްޖެ މައްސަލައެކެވެ. މީގެ ކުރިން މުޅިންހެން އެ މައްސަލަ ދިމާވަނީ ސައިކަލު ދުއްވާ ފަރާތްތަކުގެ ފަރާތުންނެވެ. މަދުމަދުން ކާރު ރޭސް ޖެހުންވެސް ފެނިގެންދެއެވެ. އެކަމުގެ ސަބަބުން ހިތާމަވެރި އެތައް ހާދިސާއެއް ހިނގައި އެތައް ބައެއްގެ ފުރާނަވެސް ގެއްލިފައިވެ އެވެ. މިފަހަކަށް އައިސް އާންމުވެފައި މި ވަނީ މާ ނުރައްކާތެރި ކަމެކެވެ. އެއީ މުދާ އުފުލާ ބަރު އުޅަނދުތައް އިންތިހާއަށް ނުރައްކާކޮށް ދުއްވުން އިތުރުވަނީ އެވެ.

ކޮންޓެއިނާ އުފުލުމަށާއި ސިނާއީ އެކި މަސައްކަތްތަކުގެ ބޭނުމަށް އަދި ތަފާތު މުދާ އުފުލުމަށް ބޭނުންކުރާ ބޮޑެތި އުޅަނދުފަހަރު އިންތިހާއަށް ބާރު ސުޕީޑުގައި ދުއްވާ މަންޒަރު ވަރަށް ގިނައިން މިހާރަކަށް އައިސްފެނެ އެވެ. ގޯޅި އެޅުމުގައިވެސް ބެލުމެއްނެތި ބާރު ސުޕީޑުގައި އައިސް އަނބުރާ ހަދަނީއެވެ.

"ސައިކަލަށް ވުރެ ނުރައްކާކަމެއް މިއީ، އެވާ ހީވެ ކަހާލިޔަސް ނޫނީ އަނބުރާލާ ގޮތަކުންވެސް ގޮސް ޖެހޭނިއްޔޭ، އެކަމަކު މީގެން ޓުރެކެއް ފުރޮޅާލައިފިއްޔާ ނޫނީ ކަހާލައިގެންގޮސްފިއްޔާ މާ ގެއްލުންބޮޑުވާނު، އޭގެން ޖެހޭ ބައެއް ނޫނީ އެޖެހޭ ތަނެއް ހަމަ ފުނޑުފުނޑު ކޮށްލާނެ،" ޓެކްސީ ޑުރައިވަރެއް ކަންބޮޑުވުން ފާޅުކުރަމުން ބުންޏެވެ.

ކޮންމެ އަކަސް ނުރައްކާ ބޮޑެވެ. އެފަދަ އުޅަނދެއް ޖެހިގެން ލިބޭނެ އަނިޔާ ވެސް ބޮޑެވެ. އަދި މާލޭގެ މަގުތަކަކީ ރާޅުބާނިތައް ފަދަ އަޑިގުޑަންބޮޑު މަގުތަކެއްކަމުން އުޅަނދު ކޮންޓުރޯލް ކުރުމަށް ދަތިތައް ކުރިމަތިވާއިރު އުޅަނދު ފުރޮޅާލުމަކީ ވެސް ވުން ގާތް ކަމެކެވެ.

ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުރި!

ހުޅުމާލޭގައި ބާރު ސުޕީޑުގައި ދުއްވާފައިދިޔަ ޕިކަޕަކުންޖެހި ބިދޭސީއެއްގެ ބޮލަށް ލިބުނު ޒަހަމްތަކަށް މިހާރު ވެސް ހޮސްޕިޓަލުގައި އެދަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު ވަރަށް ވެސް ދެރަ އެވެ. އަދި މީގެ ދުވަސްކޮޅެއްކުރިންވަނީ މާލޭގައި ގަވައިދާ ހިލާފަށް ދުއްވި ޕިކަޕަކުން ޖެހި ބައްޕަޔާ އެކު ސައިކަލް ދުއްވާލަން ނުކުމެ އުޅުނު ތުއްތު ކުއްޖަކު މަރުވެ އެކުއްޖާ ބައްޕައަށް އެތައް އަނިޔާއެއްވެފަ އެވެ. އަދި ގދ. ތިނަދޫގައި ދަރިފުޅު ބަލައި ސުކޫލު ދަށަށް ދިޔަ އަންހެނެއްގެ ގައިގަ ބާރަށް ދުއްވާފަ ދިޔަ ޕިކަޕަކުންޖެހި ވެސް އެއަންހެން މީހާ މަރުވުން ފަދަ ހިތާމަވެރި ހާދިސާތައް ވަނީ ހިންގައިފަ އެވެ.

ފާހަގަ ކުރެވިގެން އެބަފިޔަވަޅު އަޅަން!

ފުލުހުންގެ ސެންޓަރަލް އޮޕަރޭޝަން ކޮމާންޑަރު ހަމްދޫން ރަޝީދު ވިދާޅުވީ، ގަވައިދާ ހިލާފަށް ބާރު ސުޕީޑުގައި ބޮޑެތި އުޅަނދު ފަހަރު ދުއްވާކަން ފުލުހުންނަށް ފާހަގަ ކުރެވޭތީ އެކަންކަން ހުއްޓުވުމަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. ބިދޭސީ ޑުރައިވަރުންގެ ފަރާތުން ބޮޑަށް އެކަން ފާހަގަވާއިރު ލައިސެންސް ހިފަހައިޓައި ކުންފުނިތަކަށް އެކަންއެގޮތަށް ނުކުރަން އަންގަމުން އަންނަ ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.

"ކުންފުނިތަކުގެ ސަމާލުކަމަށް ވެސް އަޅުގަނޑުމެން އެކަން ގެނެސްފިން، އެހެން ދުއްވާ ފަރާތްތަކުގެ ލައިސެންސް އާއި ދޭތެރޭ ފިޔަވަޅު އަޅަމުން މިދަނީ،" ހަމްދޫން ވިދާޅުވި އެވެ.

ހަމްދޫން ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެފަދަ އުޅަނދުތައް ދުއްވުމުގައި ފުލުހުން އެހީތެރިވަމުންވެސް ދާ ކަމަށެވެ. އެގޮތުން ބޮޑެތި ވެހިކަލްތަކަށް އެސްކޮޓް ކޮށްދީގެން މާލޭގެ އެކި ސަރަހައްދުތަކަށް ގެންގޮސް ހަދާކަމަށް އޭނާ ވިދާޅުވި އެވެ.

ވަކި އުސޫލެއް އޮންނަން ނުޖެހޭތަ؟

ދުނިޔޭގެ ތަރައްގީ ގައުމުތަކަށް ބަލާއިރު އާންމުކޮށް މީހުން އުޅޭ ސަރަހައްދުތަކުގައި ބަރުމުދާ އުފުލާ އުޅަނދުތަކަށް ދުއްވޭނީ ވަކިވަގުތުތަކެއްގަ އެވެ. އަދި ވަކި ދުވެއްޔެއްގަ އެވެ. ނަމަވެސް ރާއްޖެއަށް ބަލާއިރު އެކަމުގައި ހަމައެއްލަމައެއްނެތެވެ. އެންމެ ޓުރެފިކް ބާރު ބޮޑުވާ ވަގުތުތަކުގައި ވެސް ދުއްވަނީ އެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ ތަރައްގީގެ މަޝްރޫތައް ބާރު ސުޕީޑުގައި ކުރިއަށްދާ އިރު އެފަދަ އުޅަނދު ދުއްވަން ވަކި ވަގުތުތަކެއް ކަނޑައަޅަން ދަތި ކަމަށެވެ. އޭގެ ބަދަލުގައި އެފަދަ އުޅަނދުތަކުން ގަވައިދަށް ފެއްތުމަށް މަސައްކަތްކުރާކަމަށް ވިދާޅުވި އެވެ.

ކޮންމެ އަކަސް އާންމުވެފައި މިވަނީ ވަރަށް ވެސް ބޮޑު ނުރައްކަލެކެވެ. ހަމައެއް ލަހަމައެއްނެތި ދުއްވާ ސައިކަލްތައް ނުހުއްޓުވި ހާދިސާއަކަށް ފަހު ހާދިސާއެއް ހިނގަމުންދަނިކޮށް އަނެއްކާ ވެސް އެފަދަ ކަންކަން ހިނގަން އެއަށްވުރެ ބޮޑަށް މަގުފަހިވާ ކަމެއް މިވަނީ ފެންމަތިވެފަ އެވެ. ބޮޑު ގެއްލުންތަކެއް ނުލިބެނީސް އަވަހަށް ހުއްޓުވަންޖެހެއެވެ. ނުރައްކާ ވަރަށްވެސް ބޮޑެވެ.

×
DB released.