ދެކުނު ކޮރެއާގެ ރައީސާ ޝަރީޢަތަށް ހާޒިރެއް ނުވި!

ދެކުނުނ ކޮރެއާގެ ރައީސާ ޕާކް ގުން ހޭ -- ފޮޓޯ/ ރޮއިޓާސް

އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، މަގާމުން އެކަހެރިކޮށްފައިވާ ދެކުނު ކޮރެއާގެ ރައީސާ ޕާކް ގުން ހޭ މަގާމުން ވަކިކުރުމަށްޓަކައި ކުރިޔަށް ގެންދާ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުމަށް އެކަމަނާ ވަޑައިނުގެންނެވުމުގެ ސަބަބުން އެ އަޑުއެހުން ފަސްކޮށްފިއެވެ.

ދެހާސް ސޯޅަ ޑިސެމްބަރު ނުވަވަނަ ދުވަހު ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގައި، ރައީސާ ޕާކް ގުން ހޭގެ އިތުބާރު ނެތްކަމަށް ނިންމައި، ރައީސާގެ މަގާމުން އެކަމަނާ އެކަހެރިކުރީ 234 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ރައީސާއާ އެއްކޮޅަށް ވޯޓު ދިނީ އެންމެ 56 މެމްބަރުންނެވެ.

ރައްޔިތުންގެ 51 ޕަސަންޓު ވޯޓާ އެކު 2012 ވަނަ އަހަރު ދެކުނު ކޮރެއާގެ ފުރަތަމަ އަންހެން ރައީސާކަމަށް އައި ޕާކް ގުން ހޭއާ ދެކޮޅަށް ދެކުނު ކޮރެއާގެ ރައްޔިތުން ތެދުވަން ފެށީ، އެކަމަނާގެ ގާތް ރަހުމަތްތެރިޔާ ކަމުގައިވާ ޗޮއި ސޫން ސިލްއަށް ގައުމުގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވުމަށް ފުރުސަތު ދޭ ކަމަށް ތުހުމަތު ކޮށެވެ. ޗޮއި ސޫން ސިލްއަކީ ރައީސާ ޕާކް ގުން ހޭގެ ކުރީގެ ޗީފް އޮފް ސްޓާފް ޗުންގް ޔޫން ހޮއިގެ ކުރީގެ އަނބިކަނބަލުންނެވެ. ނަމަވެސް ދެކުނު ކޮރެއާގެ ސަރުކާރާއި، ސިޔަސީ އެއްވެސް ހަރަކާތެއްގައި ޗޮއި ސޫން ސިލްއަށް ރަސްމީ ހައިސިއްޔަތެއް ލިބިފައެއް ނުވެއެވެ.

ޗޮއި ސޫން ސިލްއާ ގުޅިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނަޖާއިޒު ފައިދާ ހޯދިކަމުގެ ތުހުމަތުގެ އިތުރުން، ރިޝްވަތު ދިނުމާއި ކޮރަޕްޝަނާއި، ގާނޫނުގެ ވެރިކަމަށް އިހުމާލުވުމުގެ ތުހުމަތުތައް ވެސް ރައީސާ ޕާކް ގުން ހޭގެ މައްޗަށް ދަނީ ކުރަމުންނެވެ.

ޕާކް ގުން ހޭ މަގާމުން އެކަހެރިކޮށްފައިވާ މައްސަލައިގެ ޝަރީޢަތް ދެކުނު ކޮރެއާގެ ދުސްތޫރީ ކޯޓުގައި ފަށާފައި އޮވެ، މިއަދު ފުރަތަމަ އަޑުއެހުން ތާވަލުކުރި ނަމަވެސް، ރައީސާ ޕާކް އެ އަޑުއެހުމަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.

އެހެންކަމުން މިއަދުގެ އަޑުއެހުން ފަށައި، ނުވަ މިނިޓަށް ފަހު ވަނީ، ރައީސާ ކޯޓަށް ހާޒިރުވުމަށް ފުރުސަތު ދިނުމަށްޓަކައި ބުރާސްފަތި ދުވަހަށް އަޑުއެހުން ފަސްކޮށްފައެވެ.

ރައީސާ ޕާކް ގުން ހޭ މަގާމުން އެކަހެރިކުރި މައްސަލަ ބަލާ ދުސްތޫރީ ކޯޓުގައި ތިއްބަވަނީ ނުވަ ފަނޑިޔާރުންގެ ބެންޗެކެވެ. ޕާކް ގުން ހޭ ރައީސާގެ މަގާމުގައި ދެމިހުންނާނީތޯ ނުވަތަ މަގާމުން ވަކިކުރާނީތޯ ނިންމާނީ، އެ ކޯޓުންނެވެ.

ރައީސާ ޕާކް ކޯޓަށް ހާޒިރުވުމަށް ކޯޓުން އެކަމަނާގެ އަރިހުން އެދުނު ނަމަވެސް، އެކަމަނާގެ ވަކީލުން ވިދާޅުވަނީ ވަކި ޚާއްސަ ޝަރުތުތަކެއް ފުރިހަމަ ނުކޮށްދެނީސް އެކަމަނާ ކޯޓަށް ހާޒިރު ނުވާނެއެވެ.

ދެވަނަ އަޑުއެހުމަށް ޝަރީއަތަށް ހާޒިރުނުވެއްޖެ ނަމަ، އެކަމަނާގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިޔަށް ގެންދިއުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެން ވެއެވެ.

comment ކޮމެންޓް