ހުރިހާ ސްކޫލެއްގައި އަލިފާން ނިވި ހަރުކޮށްފި

ސްކޫލްތަކުގައި އަލިފާން ނިވާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ސްކޫލެއްގައި އަލިފާން ނިއްވުމުގެ ނިޒާމް ގާއިމް ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއާއި އެމްއެންޑީއެފްގެ ވެލްފެއާ ކުންފުނި (ސިވެކް) އާއި ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮޖެކްޓްގެ ދަށުން 215 ސްކޫލެއްގައި ވަނީ އަލިފާން ނިވި ހަރުކޮށްފަ އެވެ. އަލިފާން ނިވި ހަރުކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ ސާވިސް އިން ކޮށްފައިވާ އިރު، އަލިފާން ނިވި ބެލެހެއްޓުމުގެ މަސައްކަތް ފަސް އަހަރު ވަންދެން ސިވެކް އިން ކުރާނެ އެވެ.

އެ މަޝްރޫއަށް 3.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިއްވުމުގެ ނިޒާމް ބޭނުންކުރަންވީ ގޮތުގެ މައުލޫމާތާއި ތަމްރީނު ސްކޫލްތަކުގެ މުވައްޒަފުންނަށް ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. އަދި އޭގެ އިތުރުން ސްކޫލްގެ އެމަޖެންސީ އޮޕަރޭޝަން ޕްލޭންގެ ދަށުން އެފަދަ ހާދިސާ ދިމާވެއްޖެ ނަމަ ކަންތައް ކުރަންވީ ގޮތާއި ބެހޭ ގޮތުން ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސްކޫލްތަކުގެ މުވައްޒަފުންނަށް ވަނީ ތަމްރީނު ދީފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް އަލިފާން ނިވި ހަރުކޮށް އޭގެ އެސްއޯޕީ ތައްޔާރުކޮށް، އެކަމުގެ ފަންނީ ތަޖުރިބާ ލިބިފައިވާ މުވައްޒަފުން ސްކޫލުތަކުގައި ތިބޭނެ ކަމަށެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.

comment ކޮމެންޓް