15 އެނދަށް ޖާގަ އިތުރުކޮށް އައިޖީއެމްއެޗްގެ އާ އައިސީޔޫގެ ހިދުމަތް ފަށައިފި

އައިޖީއެމްގައި އަލަށް ހުޅުވި އައިސީޔޫގައި މީހަކަށް ފަރުވާދެނީ-- ފޮޓޯ: އައިޖީއެމްއެޗް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)ގެ ފެންވަރު ރަނގަޅުކޮށް ހިދުމަތްދޭން ފަށައިފިއެވެ.

މީގެ ކުރިން އައިޖީއެމްއެޗްގެ އައިސީޔޫ ހިންގަމުންދިޔައީ ހަ އެނދާއެކު ކުޑަ ތަންކޮޅެއްގައެވެ. ގާޖަގައިގެ ދަތިކަމާއި ތަކެތީގެ ދަތިކަންވެސް އޭރު ދިމާވިއެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް މިއަދު ސަން އަށް ވިދާޅުވީ، ކުރިންވެސް އައިސީޔޫ ހިންގި ތަނުގައި އަލަށް ތަރައްގީކުރި އައިސީޔޫ، މިދިޔަ ހޮނިހިރު ދުވަހު ބޭނުންކުރަން ފަށާފައިވާއިރު މިހާރު އެތަނުގައި ބަލިމީހުން ބައިތިއްބަން 15 އެނދު ބަހައްޓާފައިވާ ކަމަށެވެ.

ބަލިމީހުންގެ އެނދުތައް ހަދާފައިވަނީ ވަކިވަކި މީހުންތިބޭ ސަރަހައްދު ތަޅުލެވޭގޮތަށް އަދި ގައިންގަޔަށް އަރާ ބަލިތައް ޖެހޭ ފަރާތްތަކަށް ހާއްސަ ދެ އެނދެއް ހިމެނޭގޮތަށްކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.

"މިހާރު ޖާގައިގެ ގޮތުން ތަން ބޮޑުވާނެ، ބެޑުގެ އަދަދު އިތުރުވާނެ، ހުރިހާ އިކުއިޕްމެންޓްސް ހަރުކުރެވޭނެ ގޮތްގޮތް ހުންނާނެ،" މައުސޫމް ވިދާޅުވިއެވެ.

ކުރިއާ ހިލާފަށް މިހާރު އައިސީޔޫގައި ޒަމާނީ ވަސީލަތްތައް ގާއިމްކޮށްފައިވާ ކަމަށާއި އެގޮތުން ބަލިމީހާ އެނދުގައި އޮއްވައި ބަރުދަން ބެލުމާއި ފަސޭހަ ކަމާއެކު އުފުލާ ގެންގުޅެވޭނެ ގޮތްތަކަށް އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް މައުސޫލް ވިދާޅުވިއެވެ.

އައިޖީއެމްއެޗް ތަރައްގީ ކުރުމަށް އެތައް މަޝްރޫއެއް ދަނީ ކުރިއަށްގެންދަމުންނެވެ. ކުރިއަށްވުރެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި އާ ހިދުމަތްތައް ދަނީ ތައާރަފް ކުރަމުންނެވެ.

comment ކޮމެންޓް