Sun Online
ޓައިޓޭނިކް، ސަައުތުހެމްޕްޓަން ބަނދަރުގައި --
ޓައިޓޭނިކް، ސަައުތުހެމްޕްޓަން ބަނދަރުގައި --

ޓައިޓޭނިކް ފެތުނީ އަލިފާން ރޯވެގެން ކަމަށް ބުނާ އާ ނަޒަރިއްޔާއެއް!

މާހިލް މުހައްމަދު
ލިޔުނީމާހިލް މުހައްމަދު

މީގެ ގަރުނަކަށް ވުރެ ގިނަ ދުވަސް ކުރީން، 1912 ވަނަ އަހަރު އިނގިރޭސި ވިލާތުން އެމެރިކާގެ ނިއު ޔޯކަށް ދިއުމަށް ދަތުރު ފެށި، އޭރު ދުނިޔޭގައި ބަން އެންމެ ބޮޑު ބޯޓު "ޓައިޓޭނިކް" އެޓްލާންޓިކް ކަނޑަށް އަޑިއަށް ދިޔައީ އައިސްބާގެއްގައި ޖެހިގެންނެވެ. ގަރުނަކަށް ފަހު ވެސް، ދުނިޔޭގައި ހިނގި އެންމެ ނުރައްކާތެރި، އަދި އެންމެ ގިނަ ބަޔަކު ދަންނަ ކަނޑުމަތީގެ ހާދިސާއަކީ އެއީއެވެ.

މި ހާދިސާއާ ގުޅިގެން، އެމެރިކާގެ ސެނެޓުން 1912 ވަނަ އަހަރުގެ މޭ މަހު ތަހުގީގުކޮށް، ނިންމި ނިންމުމުގައި ބުނެފައިވަނީ، ޓައިޓޭނިކް އަޑިއަށް ދިޔަ ހާދިސާއަކީ ގުދުރަތީ ހާދިސާއެއް ކަމަށެވެ. އިނގިރޭސި ވިލާތުގެ ބްރިޓިޝް ރެކް ކޮމިޝަނާސް އިންކުއަރީއިން ނިންމީ، ޓައިޓޭނިކް އަޑިއަށް ދިޔައީ އައިސްބާގުގައި ޖެހިގެން ކަމަށާއި، އައިސް ބާގުގައި ޖެހެން މެދުވެރިވީ މާ ބާރަށް ދުއްވާފައި ދިއުމުގެ ސަބަބުން، އައިސްބާގު ފެނުމާ އެކު ބޯޓުގެ މިސްރާބު އަނބުރާލުމަށް އެކަށީގެންވާ ވަގުތު ނުލިބުމުން ކަމަށެވެ.

އިނގިރޭސި ވިލާތުގެ ވައިޓް ސްޓާ ލައިން ކުންފުނިން ބަން "އާރުއެމްއެސް ޓައިޓޭނިކް" އެޓްލާންޓިކް ކަނޑުގައި އޮތް ބޮޑު އައިސްބާގެއްގައި ޖެހި، ބޯޓު ފަޅައިގެން ގޮސް އަޑިއަށް ދިޔަ ހާދިސާގައި، އޭގައި ދަތުރުކުރި 2،200 މީހުންގެ ތެރެއިން 1،500 އަށް ވުރެ ގިނަ މީހުން ކަނޑުވެ، މަރުވިއެވެ.

ބާ، ނަމަވެސް އާ ރައުޔެއް!

ޓައިޓޭނިކް އަޑިއަށް ދިޔަ ހާދިސާއާ ގުޅޭގޮތުން އެކި ފަރާތްތަކުން ގިނަ އަދަދެއްގެ ރައުޔުތައް އުފެއްދި ނަމަވެސް، ޓައިޓޭނިކް އަޑިއަށް ދިޔަ ހާދިސާ، މީގެ 30 އަހަރު ކުރިން ދިރާސާކުރަން ފެށި އަޔަލެންޑްގެ ނޫސްވެރިޔާ ސޭނަން މަލޯނީ، ދިރާސާތަކަށް ފަހު އާންމުކުރި އޭނާގެ ރައުޔުގައި ބުނާ ގޮތުގައި، ޓައިޓޭނިކް އަޑިއަށް ދިޔައީ އޭގައި ރޯވި އަލިފާންގަނޑަކާ ގުޅިގެންނެވެ.

އަލިފާންގަނޑެއް ރޯވެގެން ކަމަށް ބުނެ، 2008 ވަނަ އަހަރު ރޭ ބޮސްޓަން ނަމަކަށް ކިޔާ މީހަކުވެސް ވަނީ އޭނާގެ ނަޒަރިއްޔާ އާންމުކޮށްފައެވެ. އޭނާ ބުނި ގޮތުގައި އެ އަލިފާންގަނޑު ރޯވީ، ނިއުޔޯކަށް ދިއުމަށް ޓައިޓޭނިކް ފުރުމުގެ 10 ދުވަސް ކުރިން، ބޯޓުގެ ސްޕީޑް ޓްރަޔަލްތައް ކުރިޔަށް ގެންދަނިކޮށެވެ.

ނަމަވެސް ދާދި ފަހުން، އަޔަލެންޑްގެ ސޭނަން މަލޯނީ ބުނި ގޮތުގައި، ބެލްފާސްޓްގެ ޝިޕްޔާޑެއްގައި ޓައިޓޭނިކް ބަނުމަށްފަހު، އެ ބޯޓުގެ އިލެކްޓްރިކަލް އިންޖިނިއަރުންނާ އެކު ނަގާފައިވާ ފޮޓޯއެއް ރަނގަޅަށް ބެލި އިރު، އޭނާއަށް ވަނީ ބޯޓުގެ ކަނާތް ފަރާތުގައި ހުރި ލައްތަކެއް ފެނިފައެވެ. 30 ފޫޓުގެ ދިގުމިން ހުރި ލައްތަކެއް އޭނާއަށް ފެނުނީ، ބޯޓުގައި އައިސްބާގު ޖެހުނު ކަމަށް ބުނާ ތަނުގައެވެ.

"މިއީ ހަމަ އައިސްބާގް ޖެހުނު ކަމަށް ބުނާ ތަން. ބޯޓުގެ ހަލްގައި ހަމަ އެތަނުގައި ކޮންމެވެސް ކަހަލަ އުނިކަމެއް ނުވަތަ ފާހަގަކުރެވޭ ކަމެއް ހުރިކަން އެބަ ފެނޭ، ބޯޓު ބެލްފާސްޓުން ފުރުމުގެ ކުރިންވެސް،" މަލޯނީ ބުންޏެވެ.

އަލިފާންގަނޑު ރޯވުން

ޓައިޓޭނިކާ ބެހޭ ބައެއް މާހިރުން ބުނާ ގޮތުގައި، އެ ފޮޓޯއިން ފެންނަ ބޮޑެތި ލައްތައް ބޯޓުގައި އުފެދުނީ، ބޯޓުގެ ބޮއިލަރު ރޫމެއްގެ ފަހަތުގައި ހަދާފައި ހުރި ބޮޑު ބޯޓުދެލި ގުދަނެއްގެ ފަހަތުގައި އަލިފާން ރޯވެގެންނެވެ. އެމީހުން ބުނާ ގޮތުގައި، 12 މީހުންގެ ޓީމަކުން އެ އަލިފާންގަނޑު ނިއްވާލަން މަސައްކަތްކުރިއެވެ. ނަމަވެސް އެ އަލިފާންގަނޑު އިސާހިތަކު ބޮޑުވެ، 1،000 ޑިގްރީ ސެލްސިއަސްއަށް ވުރެ ހޫނުގަދަވިއެވެ.

މި އަލިފާންގަނޑު ތިން ހަފްތާ ވަންދެން ބޯޓުގެ އަޑީގައި އަނދަ އަނދައި ހުރެ، ބޯޓުގެ ދަގަނޑު ހަލްގެ ވަރު ދެރަކޮށްލީ ކަމަށް މާހިރުން ބުނެއެވެ. އައިސްބާގަކުން ޖެހުމުން ބޯޓު ފަޅައިގެންދާ ވަރަށް ބޯޓުގެ ވަރު ދެރަކޮށްލި ކަމަށް އެމީހުން ބުނެއެވެ.

ވެރިޔާއަށް ސީރިއަސް ތުހުމަތުތަކެއް

ޓައިޓޭނިކް ބަނދެ، އޭގެ ފުރަތަމަ ދަތުރުކުރި ދުވަސްވަރު ވައިޓް ސްޓާ ލައިން ކުންފުނީގެ ޗެއާމަން އަދި މެނޭޖިންގް ޑިރެކްޓަރަކަށް ހުރީ، ޖޯސެފް ބްރޫސް އިސްމޭ ނަމަކަށް ކިޔާ ވިޔަފާރިވެރިއެކެވެ. އޭނާވެސް ޓައިޓޭނިކްގެ ފުރަތަމަ ދަތުރުގައި ބައިވެރިވިއެވެ.

މަލޯނީގެ ނަޒަރިއްޔާގައި ބުނާ ގޮތުން، ޓައިޓޭނިކްގައި އަލިފާންގަނޑެއް ރޯވެ، އަނދަމުން ދިޔަކަން އިސްމޭއަށް އެނގެއެވެ. އެހެން ނަމަވެސް އޭނާގެ އަމުރަށް، ބޯޓުގެ އެހެން އޮފިސަރުން ވަނީ އެއްވެސް ފަސިންޖަރަކަށް އެ ޚަބަރު ނުފޯރުވައި، ހަނު ތިބެފައެވެ.

ވައިޓް ސްޓާލައިންގެ ޗެއާމަން ޖޯސެފް ބްރޫސް އިސްމޭގެ ކެރެކްޓަރ، ޓައިޓޭނިކް ފިލްމުގައި --

އިސްމޭއަކީ، 1997 ވަނަ އަހަރުގެ ފިލްމު "ޓައިޓޭނިކް"ގައި ވެސް ދައްކާ ކެރެކްޓާއެކެވެ. މި ކެރެކްޓާ އެންމެ ފާހަގަކުރެވެނީ، އަންހެނުންނާއި ކުޑަކުދިންނާ އެކު ލައިފްބޯޓުތައް ފުރަމުން ދަނިކޮށް އެއިން ލައިފްބޯޓަކަށް އަރާ މަންޒަރުންނެވެ. އޭނާ އެ ހާދިސާގައި ސަލާމަތްވިއެވެ.

މަލޯނީ ބުނީ، ޓައިޓޭނިކް ފެތުމަކީ ގުދުރަތީ ގޮތުން ހިނގި ކަމެއް ކަމަށް ބްރޭންޑް ކުރެވުނު ނަމަވެސް، މިއީ ހަމައެކަނި އައިސްބާގެއްގައި ޖެހި، ފެތުމުގެ ހާދިސާއެއް ނޫން ކަމަށެވެ.

ޓައިޓޭނިކް ބޯޓު ނިސްބަތްވި ވައިޓް ސްޓާ ލައިން ކުންފުނީގެ އޭރުގެ ވެރިޔާ ޖޯސެފް ބްރޫސް އިސްމޭ --

"މިއީ ގިނަ އުންސުރުތަކެއް އެކުވެގެން އަންނަ ހާދިސާއެއް. އަލިފާން، ގަނޑުފެންގަނޑެއް އަދި އިހުމާލު މީގައިވޭ،" އޭނާ ބުންޏެވެ.

"ބޯޓުގެ ފޮޓޯގައި ފާހަގަވި ލައްތައް މީގެ ކުރިން ތަހުގީގުކޮށްފައެއް ނުވޭ. މިކަމުން މުޅި ވާހަކަ އެކުގައި ބަދަލުވޭ. އަޅުގަނޑަށް މައުލޫމާތުދިން، ދަގަނޑާ ބެހޭ މާހިރުން ބުނޭ އެހާ ވަރަށް ހޫނުވުމުން ދަގަނޑުގެ ބާރު 75 ޕަސަންޓުން ދަށްވާ ކަމަށް،" މަލޯނީ ބުންޏެވެ.

infinity loading...
×
DB released 01.