ވިޔަފާރިއާ ގުޅޭ މުއައްސަސާތައް އެއް ނިޒާމަކުން ގުޅާލައި، 31 ޑޮކިއުމެންޓެއް އުވާލަނީ

އެމްޕީއެލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެމްޕީއެލް

އިކޮނޮމިކް މިނިސްޓްރީއާ ގުޅުން ހުރި ހުރިހާ މުއައްސަސާއަކާ އިދާރާއެއް ސިންގަަލް ވިންޑޯ ނިޒާމަކުން ގުޅާލައި، އެކިއެކި ވުޒާރާތަކުގައި ހުރި، ވިޔަފާރިއާ ގުޅުން ހުރި 31 ޑޮކިއުމެންޓް މިއަހަރު ތެރޭގައި އުވާލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް އަލަށް ގެނައި އިކުއިޕްމެންޓްތަކާ އުޅަނދުތައް ތައާރަފު ކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން، އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، އެމްޕީއެލްގެ ބަނދަރުތަކާއި، ކަސްޓަމްސް އާއި، ބޯޑާ ކްލިއަރަންސާއި އެއާޕޯޓުތައް ފަދަ ހުރިހާ ތަނެއް އެއް ވިންޑޯއިން ގުޅާލެވޭ ވިއުގައެއް ގާއިމު ކުރަމުންދާ ކަމާށެވެ.

"މިހާރު ކަސްޓަމްސްގައި ސިންގަލް ވިންޑޯ ސިސްޓަމް ވަނީ އިމްޕްލިމެންޓު ކުރެވިފައި. އެކަން ކޮމިޝަނާ ޖެނެރަލް ވަނީ އިއުލާން ވެސް ކުރައްވާފައި،" ސައީދު ވިދާޅުވިއެވެ.

ނޭޝަނަލް ސިންގަލް ވިންޑޯއެއް ގާއިމުކުރުމުގެ މަސައްކަތް ކުރާކަން ކަސްޓަމްސްއިން އިއުލާންކުރީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، ސަރުކާރުގައި އެކިއެކި ވުޒާރާތަކުގެ ތެރޭގައި މިވަގުތު ހުރި، ވިޔަފާރިއާ ގުޅުންހުރި ގާތްގަނޑަކަށް 31 ޑޮކިއުމެންޓެއް މިއަހަރު ނިމުމުގެ ކުރިން އުވާލާނެ ކަމަށެވެ.

"ވިޔަފާރިއާ ގުޅުން ހުރި ގާތްގަނޑަކަށް 31 ޑޮކިއުމެންޓްސް އިރާދަކުރެއްވިއްޔާ މިއަހަރު ނިމެން ވާއިރަށް އުވާލާނަން. މާނައަކީ، ރައްޔިތުންނާއި ވިޔަފާރިވެރީންނަށް ފަސޭހަ ވާނެ އެތައް ކަމެއް، މި ބިއުރޯކްރަސީ ނެތިގެން ދިއުމުން ލިބިގެން ދާނެއޭ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް، އުވާލަން ނިންމާފައި ވަނީ ކޮންކޮން ޑޮކިއުމެންޓްތަކެއް ކަމެއް ސައީދު ހާމައެއް ނުކުރައްވައެވެ.

comment ކޮމެންޓް