ހެލިކަޕްޓަރު އެކްސިޑެންޓް: ބުރައިގެން ދިޔަ އެތިކޮޅުތައް ބަނޑަށް ހެރުނީ 400 ފޫޓު ދުރުގައި ހުއްޓާ

ހެލިކޮޕްޓު ސިޑީގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާދިނުމަށް ގެންދަނީ-- ފޮޓޯ: ސުޒާން

އެއީ މިދިޔަ އާދިއްތަ ދުވަހު ހަވީރު 4:00 ޖެހި ވަގުތެވެ. ގއ. ވިލިނގިލިން ބަލި މީހެއް ގޮވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރު ޖެއްސީ އާންމުކޮށް ޖައްސާ އޭޕްރަންގަ އެވެ. އޭޕްރަންއާ އިންވެގެން އޮންނަނީ އެއާޕޯޓަށް ހިދުމަތް ދޭން ބޭނުން ކުރާ އުޅަނދު ދުއްވާ މަގެވެ. ހެލިކޮޕްޓަރުގެ ބުރަފަތީގެ ބައެއް އިނީ އެ މަގާ ދިމާލުގަ އެވެ. ތިރީގައިވާ ފޮޓޯ އިން އެ މަންޒަރު ސިފަ ކުރެވޭނެ އެވެ.

އެއާޕޯޓުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ ކިޔައިދިން ގޮތުގައި ފުލައިޓުން މީހުން ބާލަން ގެންގުޅޭ ސިޑިއެއްގައި ހެލިކަޕްޓަރުގެ ބުރަފަތި ޖެހުމުގެ ކުރިން، ހެލިކޮޕްޓަރު ޖައްސަން އައި ވަގުތު ވެސް އެ ސިޑި އިނީ ޕާކްކޮށްފަ އެވެ. ސިޑި ޕާކުކޮށްފައި އިނީ އާންމުކޮށް ތެޔޮ އެޅުން ފަދަ ކަންކަމަށް އުޅަނދު ޕާކު ކުރާ ސަރަހައްދެއްގައި ކަމަށް އެ މީހުން ބުނެ އެވެ. އުޅަނދު ދުއްވާ މަގަށްވާ ގޮތަށް ނުކުމެފައިވާ ހެލިކޮޕްޓަރުގެ ފިޔަގަނޑުން ޖެހުނީ ޕާކުކޮށްފައި އިން ސިޑީގަ އެވެ. އެ ސިޑިއަކީ ޕްލާސްޓިކާއި ދަގަނޑުން ހަދާފައިވާ އެއްޗެކެވެ. އެކްސިޑެންޓުގައި އެނބުރެމުން ދިޔަ ފިޔަގަނޑުން ޖެހި ސިޑީގެ ބައިތައް، ކުދިކުދިވެ ބުރަބުރައިގެން ދިޔައީ އެވެ.

"ހެލިކޮޕްޓަރު ޖައްސަން އަނބުރާލި ވަގުތު މަގުގައި އިން ސިޑީގައި ޖެހުނީ، ސިޑީގައި އިންނާނެ ގެ ގަނޑެއް، އޭގައި ޖެހި ފުނޑުފުނޑުވެގެންގޮސް އަހަރުންގެ ތެރޭ އުޅޭ އެކަކު ބަނޑަށް ވަދެ އަނެކަކު ފަޔަށް ހެރުނީ، ސީރިއަސްވީ ބަނޑަށް ހެރުނު މީހާ،" އެއާޕޯޓް ރެޕުގައި މަސައްކަތްކުރާ މުވައްޒަފަކު ބުންޏެވެ.

ސީރިއަސް ޒަހަމްތަކެއް ލިބުނު ބ. ހިތާދޫ، މޫސާ ވަޖުދީއަކީ އެ އެކްސިޑެންޓް ހިނގި ސަރަހައްދާ 400 ފޫޓް ދުރުގައި ހުރި މީހެކެވެ. ބާރު މިނުގައި ބުރަބުރައިގެން ދިޔަ އެއްޗެހިތައް ވަނީ އޭނާގެ ބަނޑަށް ހެރިފަ އެވެ.

"ބަނޑުން ފޫއަޅައި ބުރަކަށިން ނުނިކުންނަކަން، އެހާ ފުނަށް ވަދެފައި ހުރި،" ވަޖުދީގެ އާއިލާ އިން "ސަން"އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

އާއިލާއިން މައުލޫމާތު ދޭ ގޮތުގައި ހެލިކޮޕްޓަރުގެ ފިޔަގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ކުދިކުދި 22 އެތިކޮޅު ވަނީ ވަޖުދީގެ ބަނޑަށް ވަރަށް ފުންކޮށް ހެރިފައިވެ އެވެ. ގާތްގަނޑަކަށް ހަ ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު އޭނާގެ ބަނޑުން 21 އެތިކޮޅު ނަގާފައިވާ އިރު އަދި ވެސް އެކަތި ކޮޅު ނުނެގޭ ކަމަށް އާއިލާއިން ބުނެ އެވެ.

"މިހާރު ހޭ އަރައިފި، ކުރިއަށް ވުރެ ސްޓޭބަލް، އެކަމަކު އައިސީޔޫގައި އޮތީ، އަދިވެސް އެކަތިކޮޅު އެބައިން ނުނެގޭ،.. އަޅުގަނޑުމެން ބޭނުމީ މިކޮޅުން ދޫކޮށްލުމުން ރާއްޖެ އިން ބޭރަށް ދާން،" އާއިލާއިން ވާހަކަ ދެއްކި ފަރާތުން ބުންޏެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވިގޮތުގައި ވަޖުދީއަށް އައިސީޔޫގައި ފަރުވާދެމުންދާއިރު އޭނާގެ ހާލުު ސީރިއަސްއެވެ.

އެ ހާދިސާގައި ހެލޮކޮޕްޓަރު ބުރަފަތީގެ ތިން ފިޔައިގެ ކޮޅު ވެސް ވަނީ އެއްކޮށް ފުނޑުފުނޑުވެފަ އެވެ. އަދި ފިޔަގަނޑު ޖެހުނު ސިޑި އާއި އެ ވެހިކަލްގެ ބައިތައް ވަނީ ފުނޑުފުނޑުވެފަ އެވެ.

އެ ހާދިސާއާ ގުޅޭ ގޮތުންނާއި ހެލިކޮޕްޓަރަށް ލިބިފައިވާ ގެއްލުންތަކާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމަށް ދެންނެވުމުން ވިދާޅުވީ އެކަން ހިނގި ގޮތް ތަހުގީގް ކުރަމުންދާތީ އެކަމާ ބެހޭ ގޮތުން އެއްވެސް ތަފްސީލެއް ދެއްވެން ނެތް ކަމަށެވެ.

އެމްއެންޑީއެފުން ދެ ހެލިކޮޕްޓަރު ބޭނުން ކުރާއިރު އެދޭތި ވެސް ދުއްވަނީ އިންޑިއާ ސިފައިންނެވެ. އިންޑިއާ ސިފައިން ދުއްވި ނަމަވެސް އެ ހެލިކޮޕްޓަރުގެ ކޮންމެ ދަތުރެއްގައި ވެސް ދިވެހި ސިފައިން ބައިވެރިވެ އެވެ.

އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ ސިފައިންނާއި އޭވިއޭޝަން ގުޅިގެން އެކަންތައް ތަހުގީގު ކުރަމުންދާތީ އެކަމާ ގުޅޭ ގޮތުން ވަކިއެއްޗެއް ބުނެވެން ނެތް ކަމަށެވެ.

އިންޑިއާ ސަރުކާރުން ރާއްޖޭގެ އަސްކަރިއްޔާ އަށް ދެ ހެލިކޮޕްޓަރު ހަދިޔާކޮށްފައިވާ އިރު އެތަކެތި ބޭނުން ކުރަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ގެއްލޭ މީހުން ހޯދުމާއި މީހުން ސަލާމަތްކުރުމުގެ އިތުރުން ބަލި މީހުން ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިއުމަށެވެ.

އެ ހާދިސާގައި ލިބުނު ގެއްލުންތަކާ އެކު ވަޖުދީ އޮތީ ސީރިއަސް ހާލަތުގަ އެވެ. އިހުމާލެއް އޮތްކަން އެނގޭނީ ތަހުގީގަށް ފަހު އެވެ.

comment ކޮމެންޓް