ހިމާޔަތެއް ނެތިފައި

)19ޖޫން 2011އިގެ ނޫހާ ގުޅޭ( ކޮންމެ ދުވަހެއްގެ އިރުއޮއްސޭ އިރަށް އަތިރިމައްޗާ ދިމާ އޮންނަ ވަލަށް ޔަޒާން އޭނަގެ ދެ ރަޙުމަތްތެރިން ކަމަށްވާ ފައިޒަން އާއި ނަޒްމީ އާއިއެކު ދެއެވެ. މީހުން ނޫޅޭ ހިމޭން ހިސާބަށް ދެވުމާއިއެކު ޔަޒާން އޭނަގެ މަސައްކަތް ފަށައެވެ. އޭނަ ކަންކުރަނީ އަޝްހަރުގެ ފަރާތުން އެނގިފައިވާ ގޮތަކަށެވެ. އަލަށް ދަސްވަމުން އައި ކަންތައްތަކަށް ފައިޒަން އާއި ނަޒްމީވެސް ޝައުގުވެރިވި އެވެ. ޔަޒާން އެމީހުންނަށް އިތުރު ވާހަކަވެސް ހިއްސާކުރިއެވެ. ޔަޒާން އެމީހުންނަށް ކިޔާދެމުންދަނީ ފަރިތަކަމާއިއެކުވެ. ޔަޒާން ހުރިހާ ވާހަކައެއްވެސް ދައްކަމުން ދިޔައީ ތަޖުރިބާ ކުރެވިފައިވާ މީހަކުފަދައިންކަން ފައިޒަން އާއި ނަޒްމީއަށްވެސް ނަގައިގަނެވުނެވެ. އެކަމަށް ޔަޒާން އެއްބަސްވިއެއް ކަމަކު އެއީ ކޮންބަޔަކާއިއެކު ކަމެއް އޭނަ ނުބުނެ އެވެ. އުމުރުން އެހިސާބަށް އައިއިރު މިހާރު ޔަޒާންއަށްވެސް މިކުރެވެނީ ކީއްކަން އެނގެއެވެ. ކޮންމެ ދުވަހަކުވެސް ވަލުން ނުކުންނަނީ އިރުއޮއްސި އެއްކޮށް އަނދިރިނުވަނީހެވެ. އަދި ގެއަށް ދަނީ އަތިރިމަތީ ހުންނަ ޖޯލިފަތީގައި ތިބެފައެވެ.

އެކަނިވެރި އުޅުމެއް އުޅެމުންއަންނަ ލައިބާއަށް ގޭތެރެއިން ނޫނީ ބަދިގެއިން ބޭރުގައި ހުންނައިރު ގޮތްނޭގޭ މީހަކު ގޮވާކަން އޭނައަށް ފާހަގަކުރެވުނެވެ. އެވާހަކަ ޔަޒާން ގާތު އޭނަ ބުންޏެވެ. ނަމަވެސް އެކަމަށް ޔަޒާންގެ ސަމާލުކަމެއް ނުހޯދުނެވެ. އޭނަދެކުނީ ލައިބާ މާއެކަނިވަނީކަމުގަ އެވެ. ރޭގަނޑުގެ އެއްދަން ހުސްވަންދެން ލައިބާއާއެކު އުޅުމަށްފަހު ޔަޒާން ނުކުންނަނީ މަޖަލުގައި ބައިވެރިވާށެވެ. ފަހަކަށް އައިސް ޔަޒާންގެ ކޮޓަރީގައި ތަންޑުއަޅުވާލެއް މަދުވެސްވީމަ އާއިއެކުއެވެ. ތަންޑު ނާޅުވަނީ އަޒުރާއަށް ފައިދާ ފެންނަން ފެށީމައެވެ.

* *

އިސްކޫލު ނިމުނުވަގުތެވެ. އެކި ކުދިން ބަލާ އެކުދިންގެ ގޭމީހުން އައިއިރު މިއަދުވެސް ލައިބާ ބަލާ ޔަޒާންއަށް އަދިވެސް ނާދެވެއެވެ. އެންމެފަހުން ހުރިހާ ކުދިން ގޮސް ލައިބާ އެކަނިވުމުން ކުލާސް ޓީޗަރު އޭނަ ގޮވައިގެން ވަނީ އޮފީހަށެވެ. ދޮރުންވަންނައިރު ހުންނަ ގޮނޑިބަރިން ގޮނޑިއެއްގައި ލައިބާ ގާތު އިށިންނަން ބުނެފައި ޓީޗަރު ހިނގައިގަތީ އެތެރެއަށެވެ. ދުރުގައި ހުރި މޭޒެއްގެ ކައިރީ އެހެން ޓީޗަރުންތަކެއްވެސް ތިބިތަން ލައިބާއަށް ފެނުނެވެ. ލައިބާގެ ޓީޗަރު އަޝްފާ ވެސް ގޮސް ހުއްޓުނީ އެމޭޒުކައިރީ އެވެ. އަދި އަތުގައި އޮތް ރެޖިސްޓާ އާއި ފޮތްތަށް މޭޒުމަތީ ބެހެއްޓިއެވެ. އޭރު ލައިބާއަށް ފެންނަނީ އަޝްފާގެ ފުރަގަހެވެ. އޭނަ ދެންތިބި ޓީޗަރުންނާއި ކޮންމެވެސް ވާހަކައެއް ދައްކާއަޑުއިވުނެވެ. އަޑު ސާފުކޮށް ނީވުނަސް އަޝްފާގެ ކައިރީ ތިބި ޓީޗަރުން ލައިބާއަށް ބަލަން ފެށުމުން އޭނަ އަވަސް އަވަހަށް އިސް ޖަހާލިއެވެ. އަދި ކަންބޮޑުވުމާއިއެކު ދެފައި ތަޅުވަންފެށިއެވެ.

"ދޮންބޭ..." ކުއްލިއަކަށް އޮފީހަށް ބޯދިއްކޮއްލި ޔަޒާން ފެނުމުން ލައިބާ ބުނެލި އެވެ. އަދި އަވަސް އަވަހަށް ގޮނޑިން ތެދުވިއެވެ.
"ލައިބާ... މަޑުކޮއްލަބަލަ؟" ލައިބާ ދާން އުޅެންފެށުމުން އަޝްފާ ބުނެލި އެވެ.
"އަން، މިގަނޑުކޮޅު ލައިބާގެ މަންމަގެ އަތަށް ދޭތި، ގެއްލުވާނުލާ ހަނދާންކޮށް ދެއްޗޭ،" އަޝްފާ ކަރުދާސްކޮޅު ލައިބާގެ އަތަށް ދެމުން ބުނެލި އެވެ. އަދި ސަލާމްކޮށްލުމަށްފަހު ހިނިތުންވެލީ ލައިބާ ދެންދިޔަޔަސް އެންމެ ރަނގަޅޭ ބުނާފަދަ ގޮތަކަށެވެ. ލައިބާ ޔަޒާންގެ އަތުގައި ހިފައިގެން ހިނި އައިސްފައި ދިޔަ މަންޒަރު ބަލަން އޮފީސް ދޮރުމަތީ އިރުކޮޅަކު ހުރެފައި އަޝްފާ އަނެއްކާވެސް ހިނގައިގަތީ އެތެރެއަށެވެ.
"އަޝްފާ، އެކުއްޖާ ހާދަ މަޑުމަޑުންނޭ ދޯ ހުންނަނީ، މަށެއް ނުދެކެން ދުވަހަކުވެސް ސަކަރާތްޖަހާތަނެއް ވެސް، އަނެއްކާ ހީވަނީ ބޭރުކުއްޖެއްހެން ދޯ، ލޯބިވަރަށް،" އަޝްފާ ކިޔަވަދޭ ކުލާހާ ޖެހިގެން ހުރި ކުލާހަށް ކިޔަވަދޭ ޓީޗަރު ލަތީފާ ބުނެލިއެވެ.
"ކިތަންމެ ލޯތްބަސް ކީއްކުރާނީ، އަހަރު ފެށިގެން މިހާތަނަށް އައިއިރު އަދި އަހަރެން އެކުއްޖާގެ މަންމައެއް ނުދެކެން،" އަޝްފާ އެހެން ޓީޗަރުންނާއިއެކު އޮފީހުން ނުކުންނަން ހިނގައިގަތެވެ.
"ކީއްވެ ތިހެންތިބުނީ، ބުނިގޮތުން ހީވަނީ އެއީ މައްސަލައެއްހެން..." އެމީހުންނާއިއެކު ހުރި ލަމްހާ އެހެންއަހާލީ ހައިރާންވެފަ އެވެ.
"ދަރިފުޅު ސްކޫލަށް ލާން ނޫނީ ބަލާވިޔަސް މައިން އަންނާނެދޯ، އަހަރެންގެ ހިތެއް ނުބުނޭ އެކުއްޖާއަށް އޭނަގެ މަންމަ އެހާ އަޅާލައެކޭ، އޭނަ ހުންނަނީވެސް ވަރަށް މަޑުމަޑުން، އާދަޔާ ހިލާފަށް ހިމޭންވެފަ ހުންނަނީ، ދުވަހަކުވެސް އެއްވެސް ކަމަކަށް އިސްނުނަގާނެ... އަހަރެން ބައެއްފަހަރު ވަރަށް ކަންބޮޑުވޭ އެކުއްޖާއާއިމެދު، އެކުއްޖާ ބަލާ ކޮންމެ ދުވަހަކު އަންނާނީ އެފިރިހެން ސޮރު، އެއީ އޭނަގެ ދޮންބެޔޯ، އެކަމަކު މަށަކަށް އެދެމީހުން ވައްތަރެއްނޫން، އަދި އެނގޭތަ... ކޮންމެ ދުވަހަކުވެސް އެންމެ ލަހުން ބަލާއަންނަ ކުއްޖާއަށް އޭނަވާނެ، މާދަމާ އޭނަގެ މަންމަ އާއި ބައްދަލު ކުރަން ޗިޓު ދިނީވެސް، މަށަށް ހަމަ ހީވާތީ ކަމެއް..." އަޝްފާ ކުރިއަށް އަޅަމުންދިޔަ ފިޔަވަޅާ ދިމާ ވެލިގަނޑަށް ގެއްލިހުރެ ވާހަކަދެއްކިއެވެ.
"އަނެއްކާ ކޮންކަހަލަ ކަމެއްތަ؟" ލަތީފާ އަހާލި އެވެ.
"ގޭތެރޭން ކަމެއް އޭނައާއި ކުރިމަތިވަނީ ބާއޭ... އަހަރުމެންނަށް އިހަށްދުވަހު ރެޑްކުރޮސް މީހުންދިން ތަމްރީނުގަވެސް ކިޔާދިނެއްނު، އެކިއެކި މައްސަލަތަށް ޅައުމުރުގައި ދިމާވާ ކުދިން ދެނެގަނެވޭނެ ބައެއް ކަންތައްތައް ހުންނާނެއޭ... އެހެންވެ އެފަދަ އެއްޗެއް ހިތަށް އެރީ، ދެން އެނގިދާނެ އެއްނު އޭނަގެ މަންމަ ގެނެސް ވާހަކަ ދައްކާލީމަ، ޔަގީނުންވެސް މަދަމާ އޭނައާއި ބައްދަލު ވާނެކަމަށް ނިންމައިގެން މިހުރީ، ފަހަރެއްގަ މަށަށް ގޯސްކޮށް ވެސް ހީކުރެވުން އެކަށީގެންވޭ،" އަޝްފާ ހިނިތުންވެލި އެވެ.
"އާނ ތިވެސް ތެދެއް... އެކަމަކު މިހާރު ކުޑަކުދިންނަށް ހާދަ ގިނަ ހުރަސްތަކެއް ދިމާވެއޭ،" ލަމްހާ ވިސްނާލަމުން ބުނެލިއެވެ. ލަތީފާވެސް ލަމްހާ އާއި އެއްބައިވި އެވެ.

* *

ބަނޑުހައިވެފައި ހުރިވަރުން ލައިބާ އަވަސް އަވަހަށް ޔުނީފޯމް ބަދަލުކޮއްލި އެވެ. އަދި އަލަމާރި ކައިރީ އިން ޔަޒާންގެ އެނދުގެ ފައިލާކޮޅު ފަޑީގައި ޔުނީފޯމް އަޅުވާލީ ސައިބޮއެގެން އައިސް ކޮނޑުގައި އެޅުވުމަށްފަހު އަލަމާރިއަށް ލުމުގެ ނިޔަތުގައެވެ. އޭރު ގޯތިތެރޭ ހުސްބައިގައި ހުރި ޔަޒާން އާއި ޖެހިގެން ހުރިގޭ ހައްވަދައިތަ ވާހަކަދައްކާ އަޑުއިވެއެވެ. ހައްވަދައިތަ އާމުކޮށް ގޭގައި ހުރެ ފާރުބުރި މަތިން އެހެން މީހަކާއި ވާހަކަދައްކާއިރު ދެއްކެނީ ނިކަން ބާރަށެވެ. ހީވަނީ ކަންނޭގެއެވެ. މަޑުން ވާހަކަދައްކައިފިނަމަ އެއްގޭ ތެރެއިން އަނެއްގޭގައި ހުންނަ މީހާއަށް ގެ ޖެހިގެން ހުއްޓަސް އަޑެއް ނުފޯރާނެއެވެ. ނޫނީ ދެގެ ދޭތެރޭގައި އިންނަ ފާރުބުރިއަކީ ބޮޑު ހުރަހަކަށްވަނީ އެވެ. ލައިބާވެސް ކޮޓަރިން ނުކުމެ ޔަޒާންއަށް ގޮވާލީ ސައިބޯން ދިއުމަށެވެ. އެވަގުތު ކޮޓަރިން ނުކުތް އަޒުރާ ފެނުމުން ލައިބާ އޭނަގެ ކުލާސްޓިޗަރު ދިން ކަރުދާސްކޮޅު މަތިން ހަނދާންވިއެވެ. ނިކުތް ބާރުމިނުގަ އަނެއްކާވެސް ލައިބާ ކޮޓަރިއަށްވަނީ ކުލާސް ޓީޗަރު ދިން ގަނޑުކޮޅު ނެގުމަށެވެ. އޭނަ އެކަރުދާސްކޮޅު ގެނެސް ބޮޑުއަށިމަތީ އިށިން އަޒުރާއަށް ދިއްކޮއްލި އެވެ.

"ތިކީއްކުރާ އެއްޗެއް، މަށަކަށް ނުހޯދޭނެ އެމީހުން ބުނާހާ އެއްޗެއް، ލާރިއެއްނެތް..." އަޒުރާ ލައިބާ ދިއްކޮއްގެން ހުރި ކަރުދާސްކޮޅުގައި ނުހިފިއެވެ.
"މަންމާ މީގަ އޮތްއެއްޗެއް ލައި ކިޔާދީފާނަމޭ، މިސް ނުބުނޭ އެއްވެސް އެއްޗެއް ގަންނަން ޖެހޭވާހަކެއް.... މީގަ އޮތީ... ލައިބާގެ ބެލެނިވެރިޔާ އާއި ބައްދަލުކޮއްލަން ބޭނުންވާތީ ބުރާސްފަތި ދުވަހަކުގެ ހަވީރު ފަސްގަޑި ފަނަރައަށް އައިސްދިނުމަށް... ދެން މިއޮތީ މިސްގެ ނަންބަރު ޖަހާފަ،" ލައިބާ ބަނޑުހައި ވެފައި ހުއްޓެއްކަމަކު އަޒުރާއަށް އެ ކަރުދާސްކޮޅުގައިވާ އެއްޗެއް އޮޅުންފިލުވާ ދެމުންދިޔައީ މަޑުމައިތިރިކަމާއި ކެތްތެރިކަމާއިއެކު އެވެ.
"މަދާވަރުގެ ކޮންކަމެއް މިހާރު ލައިބާ ކުރީ،" އަޒުރާ ހިތްހަމަނުޖެހުމާއިއެކު ބުނެލި އެވެ.
"މަންމާ ލައި ބަސްއަހައިގެންނޭ ކުލާހުގައުޅެނީ، ލައި ކިޔަވަންވެސް ކިޔަވަމެއްނު... ދެން ނޭގެ މިސް މަންމަ އާއި ބައްދުކުރަން އެއުޅެނީ ކީއްވެކަމެއް،" ލައިބާ ހަމަ ހުރިފިޔަވަޅުމަތީ ހުރެ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"މަނުގޮސް ނުވާނެތަ... ޔަޒާން ފޮނުވަންތަ؟" އަޒުރާ އެއްގޮތަކަށްވެސް ދާކަށް ބޭނުންނުވާކަން ލައިބާއަށް އެނގުނެވެ. އޭނަ ދެރަވިއެއްކަމަކު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"އެކަމަކު މީގަ މިސް ބުނެފަ އެއޮތީ މަންމަގެ ވާހަކައެއްނު، އަޅެ މަންމާ ޕްލީޒް، ލައިގެ މިސް އާއި ބައްދަލުކުރަން މަންމަ ގޮސްދީބަލަ،" ލައިބާ އާދޭހުގެ ރާގުގައި ބުނެލި އެވެ.
"ދެން މަންމަ ދިޔައްޔާ ކީއްތަވަނީ، ލައިބާގެ ބެލެނިވެރިޔާ އަންނާށޭ އެއޮތީ، އިސްކޫލުން އެކަހަލަ ކަންތައްތައް ފާހަގަ ކުރާނެ،" ޔަޒާން ލައިބާއާއި އެއްބައިވިއެވެ. އަދި އަޒުރާއަށް ލައިބާގެ ޓީޗަރާއި ބައްދަލުކުރުމަށް ދާން ބާރުއެޅިއެވެ.
"ހޫން... ކަލޭ އަދި މިކަމަށް އެއްޗެއް ބުނާކަށް ނުވޭ، މަށަށް ފެންނަ ގޮތަކަށް ކަންތައްކުރާނީ، ދެން ކަލޭމެން ދެމީހުން ދޭ މިތަނުން،" އަޒުރާ ލައިބާގެ އަތުގައި އޮތް ކަރުދާސްކޮޅު ދަމައިގަންނަމުން ބުނެލިއެވެ.
"މިއޮތީ ދެންމެ ހައްވަދައިތަ ދިން ގުޅަ ކޮތަޅެއް" ޔަޒާން ދާން ހިނގައިގަންނަމުން ބުނެލި އެވެ.
"ތީގެން ޒާން ކައިފަ މަށަށްވެސް ބަހައްޓާ،" އަޒުރާ އެހެން ބުނެލިއިރު އެތަނުގައި އޭނަގެ ހަގު ދަރިފުޅު ލައިބާ ހުރިކަން ހަނދާންވެސް ނެތްކަހަލައެވެ.
ޔަޒާން ލައިބާ އާއިއެކު ބަދިގެ ފަރާތަށް ދިޔައެވެ. އަދި ސައިބުއިމަށް ތައްޔާރުވިއެވެ. ލައިބާ މިހާރު ބޮޑުވެއްޖެއޭ އެއީ އަޒުރާގެ ދުލުކުރީގައި އޮންނަ ބަހެވެ. އެހެންވެ ލައިބާއަށް އެއްވެސް ކަމެއް ކޮއްދޭން އޭނައަށް ނުޖެހޭ ކަހަލައެވެ. ސައިހެދީވެސް ލައިބާ އަމިއްލައަށެވެ. އޭރު ޔަޒާންއަށް ސައި ހަދާފައިހުއްޓެވެ. އެފަދަ ކަމަކާ ލައިބާ ޝަކުވާކޮއްފިނަމަ ބުނާނީ ފިރިހެންކުދިންނަށް ކަންތައްތައް ކޮއްދޭން ތިބޭނީ މައިންކަމުގަ އެވެ. އެހެންވެ އެފަދަ ކުދިކުދި ކަންތައްތަކާއި ޝަކުވާކުރުން ވެސް ލައިބާ ދޫކޮއްލައިފި އެވެ. ޔަޒާން ގުޅަކޮތަޅުން އޭނަ އަށާއި ލައިބާއަށް އެއްވަރަށް ބައިއަޅާލުމަށްފަހު ވަކިވަރެއް އަޒުރާއަށް ބާކީކުރި އެވެ. ދެން އެކުދިން ކެއީ އެތަނުގައި ކަނޑާފައި އޮތް ކްރީމްކޭކަރު ބިސްކޯދު އުރައިން ބިސްކޯދެވެ. ކާންއިންއިރު ޔަޒާން ޖައްސާވައްތަރުތަކުން ލައިބާ ހޭންއިނެވެ. އެހެނަސް ޔަޒާން މާގިނަ ވަގުތެއް ސައިބޯކަށް ހޭދައެއް ނުކުރެއެވެ. އޭނަ ލައިބާ ގާތު އަވަސް ކުރުމަށް ބުންޏެވެ.
"ދޮންބެ ކޮންމެ ދުވަހަކު އަތިރިމައްޗަށް ދަނީތަ؟ އަޅެ ލައިވެސް ގޮވައިގެން އެއްދުވަހު ދޭބަލަ؟" ލައިބާ ބުނި އެއްޗަކުން ޔަޒާން ހައިރާންވި އެވެ.
"ގޮވައި... ގޮވައިގެންނޭ... އަތިރިމައްޗަކަށް ނޫނޭ ދޮންބެ ދަނީ، އެގޯތި ނަޒްމީ އާއި އޭނަގެ ބޭބެ އާއިއެކު ދަނީ ކުއްޅަށް ހޮވަން،" ޔަޒާން އަވަހަށް ހަމަޖައްސާލި އެވެ.
"ލައިއަށްވެސް ކުއްޅަށް ހޮވޭނެއެއްނު، ވަރަށް ފޫހިވޭ އަބަދު ގޭގަ އިންނަން ޖެހޭތީ، އެކަކުވެސް ލައީ އާއި ވާހަކައެއް ނުދައްކާ،" ލައިބާ ޔަޒާން އާއިއެކު އޭނަ ދާހާތަނަކަށް ދާން ބޭނުންވެ އެވެ.
"އެތަން ވަރަށް ހަޑިވާނެ، އަނެއްކާ ބައިވަރު ގަސް އޮންނާނެ، ވަރަށް ބިރުވެރިވާނެ... ލައި ޔަގީން ބިރުގަންނާނެ އެތަންފެނިފަ، ދެން ކޮންމެވެސް ދުވަހަކުން މޫދުކައިރިއަށް ދާނީދޯ، ހިނގާ ހުކުރު ދުވަހު ދަމާދޯ،" ޔަޒާން އަނެއްކާވެސް ލައިބާ ހައްދާލި އެވެ.

ސައިބުއި ތަށިތައް ދޮވެފައި ލައިބާވެސް ޔަޒާން އާއިއެކު ބަދިގެއިން ނުކުމެގެން އައިސް ގޭތެރެއަށްވަނެވެ. ލައިބާ މަޑުމަޑުން ޔަޒާންގެ ފަހަތުން ނުކުތީ ގޯތިތެރޭ އޮތް ހުސްތަނަށެވެ. އެލުވާފައިވާ އުނދޯލި ފެނުމުން ހެއްލާލާ ހިތްވިއެވެ. އެހެންނަމަވެސް ޔަޒާން ދާތަން ބަލަން ބޭރު ދޮރުކައިރީ ފާރުގައި ލެނގިލައިގެން ހުއްޓެވެ. އެރަށުގައި އާމުކޮށް ހުރިހާ ގެއެއްގަވެސް ބޭރު ދޮރާއްޓެއް ނުހުރެއެވެ. ގިނައިން ހުންނަނީ ވަށާފާރުން ގެނެސް ދޮރެއްގޮތަށް ކަނޑާލާފައެވެ.
ދަންނަ އަޑަކުން މީހަކު މާބާރަށް ގޮވާލިއަޑަށް ލައިބާ ފަހަތަށް ބަލާލިއެވެ. އޭނައަށް ގޮވާލީ ހަވީރު ފިންޏަށް ޖޯއްޔަށް ނުކުމެ އޮތް ހައްވަދައިތައެވެ. ލައިބާ ގާތު ހައްވަދައިތަ އިން ޖޯއްޔަށް އައުމަށް ބުންޏެވެ. އެކަމަކު އަޒުރާ ރުޅި އަތުވެދާނެތީ ލައިބާ ހުރީއެވެ
"މަންޖޭ އާދެބަލަ ހައްވަދައިތަ ގާތަށް، ކޮބާ މިހާރު ގުޅަޔާ ސައިބުއީތަ؟ މީރުތަ؟" ހައްވަ ދައިތަ ހިތްހެޔޮ ކަމާއިއެކު އަހާލިއެވެ. ލައިބާ ހައްވަދައިތައަށް ބަލަހައްޓައިގެން ހުރެ ބޯޖަހާލީ އާއެކޭ ބުނުމަށެވެ.
"މަންޖެ މަންމަ އެއްޗެއް ބުނެދާނެތީ ދޯ ތިހުންނަނީ ނާންނަން؟" ހައްވަދައިތައަށް އެނގުނީ ކިހިނެތްބާއޭ ލައިބާ ހިތަށްއެރިއެވެ. ލައިބާ އަވަސް އަވަހަށް އެތެރެއަށްވަދެ އުނދޯލީގައި އިށީނެވެ. މިމަންޒަރު ފެނުނު ހައްވަދައިތަ ގާތަށް އައީ ހިންޏެވެ. )ނުނިމޭ(
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު