ހެލިކޮޕްޓަރު އެކްސިޑެންޓުގައި ޒަހަމްވި މީހާ ހާލުސީރިއަސް: އޭޑީކޭ

ހެލިކޮޕްޓު ސިޑީގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާދިނުމަށް ގެންދަނީ-- ފޮޓޯ: ސުޒާން

އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގެ ފިޔަގަނޑުން ފުލައިޓަށް އަރާ ސިޑީގައި ޖެހުނު ހާދިސާގައި އަނިޔާވި މީހާގެ ހާލު ސީރިއަސްކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އެހާދިސާގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ(އެމްއޭސީއެލް) ގެ މުވައްޒަފަކަށް އަނިޔާވެ އޭޑިކޭ ހޮސްޕިޓަލުން ފަރުވާދެމުންދާއިރު އެހޮޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ސަން އަށް ވިދާޅުވީ އިއްޔެ އޭނާގެ އޮޕަރޭޝަނެއް އެހޮސްޕިޓަލުންކޮށް މިހާރު އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

"އޭނާއަށް އައިސީޔޫގައި ފަރުވާދެމުން ދަނީ،އޭނާ ފުދޭވަރަކަށް ކްރިޓިކަލް ހާލެއްގައި." އައްފާލް ވިދާޅުވިއެވެ.

އޭނާއަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލް ހޮސްޕިޓަލުން ހާމައެއްނުކުރެއެވެ. އެމްއޭސީއެލްއާއި ސިފައިންނަށް ގުޅައިގެންވެސް ކަންހިނގި ގޮތުގެ ތަފްސީލް ވަނީ ލިބޭގޮތްނުވެފައެވެ.

އެހާދިސާ ހިނގިގޮތް ތަހުގީގް ކުރަމުންދާއިރު އިނގިފައިވާގޮތުގައި އެކަން ހިނގީ ބަލިމީހަކު ގޮވައިގެން އިއްޔެ ހަވީރު އައި ހެލިކޮޕްޓަރުގެ ފިޔަގަނޑު ނިއްވާނުލަނީސް އޭގެ ކައިރިން ފުލައިޓަށް އަރާ ސިޑިހިފައިގެން ދުއްވާފައިދިޔަ އެއާސްޓެއާގައި ޖެހިގެންނެވެ.

comment ކޮމެންޓް