މައިކަލް ކައިރީގައި އޮށޯވެލަމުން އަތްދިއްކޮށްލީ އޭނަގެ އަތުތެރެއަށް އަންނާށޭ ބުނާފަދަ ގޮތަކަށެވެ. ހެނާ ކިތަންމެހާވެސް ޖެހިލުންވިއެވެ. މައިކަލްއާއި މެދު ފިރިޔެއްގެ ހައިސިއްޔަތުން ނުދެކެވޭއިރު ކުއްލިއަކަށް އެގޮތަށް މައިކަލްގެ ހަރަކާތް ހުރުމުން ހެނާ ކަންބޮޑުވެފައި އަދި ދެލޯ ބޮޑުކޮށްލެވުނީއެވެ. ބޭއިޚުތިޔާރުގައެވެ. ހެނާގެ އެ ހަރަކާތުން މައިކަލްގެ މޫނުމަތީގައި އެތިފަހަރެއް ޖެހުމެކޭ އެއްވަރުވިއެވެ. ރޯމާ ދުވާލު އޭނަގެ މަންމަމެންގެ ކުރިމަތީގައި ޒޯހަންއާއިއެކު އެވައްތަރަށް އުޅެން ޖެހިލުމެއްނުވި އަންހެނެކެވެ. ރުޅިވެރިކަމާއިއެކު އޭނަގެ އަތުގެ ތެރެއަށް ދަމައިގަނެވުނީ ދަތްވިކައިލަމުންނެވެ. އެހަރުކަށިކަމާއި ރަހުމްކުޑަކަން އަދި ބާރު އިހުސާސްކުރެވިފައި ހެނާގެ ބަލިކަށި ހިތް ރޫރޫއަޅައިގަތެވެ.

ހެނާ ދެލޯ މަރައި ފިތާލީ މައިކަލްއަކީ އޭނަގެ ފިރިމީހާކަން ހިތަށާއި ނަފުސަށް ވިސްނައިދީގެންނެވެ. ނަމަވެސް މައިކަލްގެ ފަރާތުން ލިބުނީ ޒޯހަންގެ ފަރާތުން ލިބުނުފަދަ ލޯތްބާއި އޯގާތެރި ފިރުމުންތަކެއް ނޫނެވެ. ރުޅިވެރިކަމާއިއެކު އޭނަގެ ޖިސްމުވެސް ކުދިކުދިކޮށްލީފަދައެވެ. ހެނާގެ ދެލޮލުގައި ގިނަވެގަތް ކަރުނަތައް އޭނަގެ ދެކޯތާފަތަށް އޮހެމުންދިޔައިރުވެސް މައިކަލްއަކަށް ރޭކާނުލިއެވެ. އެނގެންވެސް ބޭނުމެއްނުވީއެވެ.

މައިކަލްއަށް ނިދުނުއިރު އިރުގެ އިރުއަރާ ބޮޑުވެއްޖެއެވެ. ކޮޓަރީގެ ދޮރުގައިދަމާފައިވާ ބޯ ފަރުދާތަކުގެ ސަބަބުން އިރުގެ އަލި ވަނުމުން މަހުރޫމްކޮށްލާފައި ވުމުން ރޭގަނޑެކޭ ތަފާތެއްނެތެވެ. ހެނާ ފެންވަރާލައިގެން ނުކުތީ ފޯނު ހިފައިގެންނެވެ. ފެން ހޫނުކުރަން ޖައްސައިލުމަށްފަހު ފޯނަށް ބަލައިލެވުނީ ކޮންމެހެން އެއްވެސް ކަމެއްގެ އުއްމީދު އޮވެގެނެއްނޫނެވެ. އެހެން މީހުންފަދައިން އޭނައަކީ ވައިބަރފަދަ އެއްޗެހީގައި ވަގުތު ހޭދަކުރާ ކުއްޖެއްނޫނެވެ. ވައިބަރ މެސެޖްތަކެއް ހުރުމުން ހައިރާންކަމާއިއެކު ކިޔައިލެވުނެވެ. ހާލު އަހާލުމަށްފަހު ދެން އޮތީ ރަގަޅަށް ކައިގެން އަރާމުކުރަން އެދިފައެވެ. ހިތާމަނުކޮށް ދަރިފުޅަށްޓަކާ ހިތްވަރުކުރަން އެދިފައެވެ. ބާކީހުރި މެސެޖްތައް ކިޔަމުން ދިޔައިރު ހެނާއިނީ ގަބޫލުކުރަން ދަތިވެ އަނގަ ހުޅުވިފައެވެ.

"ހެނާގެ ދިރިއުޅުމުގެ ވަރަށް ބޮޑު ހަގީގަތެއް ހާމަކުރަން ބޭނުން. އެކަންތައް އެނގުމުން ހެނާ ރުޅި އަންނާނެ އެކަމަކު އަބަދަށްޓަކާ އެއްވެސް ކަމެއް ފޮރުވާފައެއް ނުބޭއްވޭނެ. އެހެންވެ މޫމިނާއްތަ ނިޔާވީ. ހެނާގެ ހިތުގައި ވަރަށް ގިނަ ސުވާލު އުފެދޭނެކަންވެސް އެނގޭ. އަހަންނާއި މައިކަލް އުޅޭގޮތުން ހަމަ ޝައްކެއް ނުވޭތަ؟ ހެނާ އަހަރެންދެކެ އަބަދުވެސް ލޯބިވާކަން އަހަންނަށް ޔަގީންވޭ. ޓްރަސްޓްމީ. އެއްފަރާތުން އެކަނިވެވޭ ލޯތްބެއްނޫން ކަމަށް ހީކޮށްލާ. އަހަރެން ބޭނުމެއްނޫން ހެނާއަށް ދެރައެއްދޭކަށް. މިހާރު ހީވާގޮތުން އަހަރެމެންގެ ދޭތެރޭގައި އޮތްހާ ހުރަހެއްވަނީ ނެތިގެންގޮސްފާ. ހެނާ ބޭބީ. ބޭނުން ސަޕްރައިޒެއް ދޭން. އަހަރެން ހިތަށް އެރި މީޓްކޮށްފައޭ އެވާހަކަ ބުނާނީ. އެކަމަކު ފީލްވަނީ ދެން އެންމެ ވަގުތުކޮޅެއް ލަސްވިޔަސް އެވާހަކަ ނުބުނެވި ހިނގައިދާނެއޭ. އެންމެ ފުރަތަމަވެސް އާދޭހާއިއެކު މާފަށް އެދެން. ހެނާ އަހަރެން މިވަނީ ހެނާއަށް ކަމެއް އޮޅުވާލާފައި. ދެފައިގާ ހިފާފައި އާދޭސްކުރިޔަސް މާފު ދިނުން ފަސޭހަނުވާނެކަންވެސް އެނގޭ. އައިމް ސޮރީ ބޭބީ. އެތައް މިލިއަން ފަހަރުވެސް މާފަށް އެދެން. މިއީ މިހާތަނަށް ހަޔާތުގައި ކުރެވުނު އެންމެ ބޮޑު ކުށް..........." ހެނާ އެސްފިޔަޖަހާނުލާ މެސެޖްކިޔަން އިނެވެ. ކުއްލިއަކަށް މީހަކު ދޮރުމައްޗަށް އެރިހެން ހީވެފާ ގަތްބިރުން އޭނަ އަވަހަށް އެ ކޮންވަޒޭޝަން ފުހެލިއެވެ. އެއީ ނަސީބެކެވެ. އެތަނަށް އައި މީހަކީ މައިކަލް ފިޔަވާ ދެވަނަ މީހެއްނޫނެވެ. އޭނައަށް ޒޯހަން މެސެޖްކުރާކަން އެނގިއްޖެއްޔާ ފޯނު ފޭރިގެން ބިންމަތީގައި ޖަހާލަން މި ފިރިހެނާ ފަހެއް ނުޖެހޭނެއެވެ.

"މޯނިން ހެނާ...." މައިކަލް ފަހަތުން އައިގޮތަށް އުނަގަނޑުގައި ދެއަތް ވަށާލައިފިއެވެ. ސިގްރެޓްވަސް ގަދަކަމުން ނޯށް ދަމާލާކަށްވެސް ނުކެރުނެވެ. ނޭވާކޮޅަށް ދިޔުމުން ނޭވާލާން މަޖުބޫރުވެ އޯކަށް ދެމިއެވެ.

"ލޯ ހުޅުވައިލިގޮތަށް ހެނާ ނެތީމަ ހީކުރީ ފިލައިގެން ދިޔައީކަމަށޭ. ރޭގައި ފުރަތަމަ ފަހަރަށް އަހަރެން ހެނާ ހޭލާއޮތްވާ ކަމެއްކޮށްލީދޯ. ވަރަށް ރުޅިއައިދޯ...." މައިކަލް ސިގްރެޓް ފުންކޮށް ދަމައިލުމަށްފަހު ހެނާ ގެނެސް އުނގުގައި ބައިންދައިގެން ގޯނާތައްކުރަން ފެށިއެވެ. ކޮފީ ހަދާދިނުމުންވެސް ކޮފީއާއިއެކު ސިގްރެޓް ބޮމުންވެސް ހެނާ ދުރަށް ދިޔަކަނުދިނެވެ. ހެނާއަށް ކެތްވަނީއެއްނޫނެވެ. އެސްފިޔަތަކުގެ ފުރަގަހުގައި ފިލާހުރި ކަރުނަތައް ކިރިޔަ ކިރިޔާ ނުފައިބާ ހުރިކަމެވެ. މައިކަލްއާއި ޒޯހަންގެ ތަފާތު ހާދަ ބޮޑެވެ. މައިކަލް ހީވަނީ ގަދަކަމުން ކަންތައް ކުރާހެންނެވެ. ހޭވިފައިވާ އިސްތަށިގަނޑާއިއެކު ނިދީގެ އަސަރުތައް އެކުލެވިފައިވާ ދެލޮލުންވެސް ދައްކުވާދިނީ ފަރުވާކުޑަކަމެވެ. ލޯބީގެ ކުޑަވެސް އަސަރެއްނެތެވެ. މައިކަލް ހެނާގެ މޫނުގައި ހިފާ އޭނައާއި ދިމާލަށް އަނބުރައިލިއެވެ.

"އަހަރެން ކައިރިވީމަ ތަ އަނގަ ސަކަރާތްވަނީ؟ " މައިކަލް މަލާމާތުގެ ފާޑަކަށް ހީލަމުން ސިގްރެޓްގެ ދުންތައް ދުއްވައިލީ ހެނާގެ މޫނަށެވެ.

"ވަރަށް ލޯބިވޭތަ ޒޯހަންދެކެ؟ " މައިކަލް ހެނާގެ ކޮލުގައި ހިފާ ފިތައިލިއެވެ. ހެނާ ޚިޔާރުކުރީ ހިމޭންކަމެވެ. އެސްފިޔަތައް ތިރިކޮށްލާފައި ހިންދިރުވައިލިގޮތުން ހެނާ ބިރުގެންފައި އިންވަރު މައިކަލްއަށް އަންދާޒާކުރާކަށް އުދަގުލެއްނުވިއެވެ. އެހާ ފަސޭހައިން އެމޫނު ކިޔާލެވޭވަރުވިއެވެ.

"ބަލަ އަހަރެން މިވާހަކަ ދައްކަނީ މިހިރަ ފާރަކާއި ނޫނޭ. ހެނާއާއި......" މައިކަލް ހައްތަހާ ރުޅިގަދަވެފައި ހަޅޭއްލަވައިގަތުމުން ހެނާ ސިހޭގޮތްވިއެވެ.

"އަހަންނަށް އެނގެއޭ. ހެނާއާއި ހެނާގެ ވަގު ލޯބިވެރިޔާ އުޅޭގޮތް ކިތަންމެހާވެސް ރަގަޅަށް އެނގޭ.. ތި ބަނޑުގައިވަނީ ކާކުގެ ދަރިއެއްކަން ނޭގިގެނެއްނޫނޭ މިއުޅެނީ. ހެނާ ޖެހޭނީ ތިކުއްޖާވެސް ވައްޓާލަން. ހަރާމް ދަރިއެއް ދެން ދުނިޔެއަށް ގެނައުމުގެ ބޭނުމެއްނެތް. އަހަރެންވެސް އެކަން ކުރީ މަންމައަށްޓަކާ. މިހާރު މަންމަ ދުނިޔެއަކު ނެތް. ހެނާގެ އުމުރުވެސް އަދި މާ ޅަ. ދަރިއެއް ހޯދާކަށް ނުޖެހޭ. އަހަރެން ގެނެސްދޭ ބޭސްކާން ޖެހޭނީ. ބުނަން ހެނާ. އަހަރެން ވާހަކަދައްކާއިރު ދުރަށް ބަލަން ނޫން އިންނާނީ. އަހަންނަށްބަލާ....." މައިކަލް ހެނާގެ މޫނުގައި ހިފަހައްޓާފައި ހަތަރުކަޅިހަމަކުރަން މަޖުބޫރުކުރިއެވެ.

"އަހަންނަށް ރަގަޅަށް އެނގެއޭ ކަލޭމެން ދެމީހުން ކަންތައްގަނޑެއް ހިންގާކަން. އެހެންވެ މިބުނަނީ ހެނާ ޖެހޭނީ ތި ކުއްޖާ ނައްތާލާށޭ..." މައިކަލްގެ ޖުމްލަތަކުން ހެނާގެ ދެލޯ ހޫނު ކަރުނުން ފުރި ބަންޑުންވެގަތެވެ.

"މައިކަލް ހެޔޮނުވާނެ. ތިކަހަލަ ވާހަކަ ނުދައްކާ....." ހެނާއަށް ބުނެވުނެވެ.

"މިހާރު ވާހަކަދައްކަން އަނގަ ހުޅުވިއްޖެ ދޯ. ލޯބިވެރިޔާގެ ދަރިއަށް ވީމަ ކަމެއް ކުރާކަށް ބޭނުންނުވެއޭ ސީދަލަށް ބުނަންވީނު. ހާދަ ފާޑެއްގެ އަންހެނެކޭ. ހެނާ އަހަރެން ހީނުކުރަން ހެނާ ތިހާ ހަޔާތް ކުޑަވާނެކަމަކަށް. އަހަންނަކީ ފިރިމީހާ ކަމުގައި ގަބޫލުކުރާއިރު އަހަރެންގެ ބެސްޓްފްރެންޑާއި ހިތާވެގެން. ވަރަށް ބޭނުންވޭ ދޯ. އެކަމަކު ނުވާނެ ތިކަމެއް. އަދި އަމުދަކުން މިހާރު. ޔޫ އާރ މައިން ހެނާ...." މައިކަލް އިރުކޮޅެއްވާންދެން ހެނާގެ ލޮލަށް ބަލަހައްޓައިގެން ހުރިއިރު އެދެލޮލުގައިވާ ކަރުނަތަކުން ހިތަށް ކޮންމެވެސް ކަހަލަ އުދަގޫތަކެއްވެސް ވިއެވެ.

"މިފޯނުވެސް ގެނޭ. ކޮންމެހެން ޗެޓުކުރާނެކަމެއް ނެތް...." މައިކަލް ހެނާގެ އަތުގައި އޮތް ފޯނު ޖަހައިގަތުމަށްފަހު އޮފް ކޮށްލުމުން ހެނާ ފޯނު ހޯދަން އުޅުނެވެ. އާދޭސްކުރިއެވެ. މައިކަލް ފާޑަކަށް ހީލާފައި ދިޔުމުން ހެނާއަށް ގޮނޑިއަކަށް ތިރިވެވުނުގޮތަށް މޫނުގައި އަތް އަޅައިލެވުނެވެ. ޒޯހަން ބުނަން އުޅުނުސިއްރު ނުބުނެވެނީސް މައިކަލް އައީއެވެ. ނަމަވެސް ދެން ޒޯހަންއާއި ބައްދަލުވާނެއެވެ. ޒޯހަން އޭނައަށް ހަގީގަތް ކިޔައިދޭނެއެވެ. މައިކަލް ދެކެ މިއަދު ވަރަށް ފޫހިވެއްޖެއެވެ. ދަރިފުޅު ނައްތާލާ ވާހަކަ ބުނުމުން ވަކިން ބޮޑަށް ފޫހިވިއެވެ. ފިރިއެއްގެ ގޮތުގައި ބަލައިގަންނަން ހައްތަހާ އުދަގޫވުން ނޫންކަމެއް ނުވާނެއެވެ.

މައިކަލް ފެންވަރާ ނިމިގެން ދޮރާށިކައިރިއަށް ނުކުތީވެސް ސިގްރެޓެއް ތުނބުގައި ޖަހާލައިގެންނެވެ. ޖިންސްގެޖީބުވެސް އުސްކޮށް ފެންނަން ހުރީ ފޯނުގެ އިތުރުން ސިގިރެޓްފޮށިތައް ޖަހާލާފައި ހުރީމައެވެ. އެތަނަށް މަޑުކޮށްލި ކާރުން އަމީރާ ފޭބިތަން ފެނިފާ މައިކަލް ކުޑަކޮށް ސިހުނެވެ.

"ހައި އެމީ. ކިހިނެއްތަ؟ " މައިކަލް ލޯ ކުޑަކޮށްލަމުން ބަލައިލިއެވެ.

"އައިމް ފައިން. މިއައީ ހެނާއާއި ބައްދަލުކޮށްލަން. ހެނާ އޯކޭތަ؟..." އަމީރާ އަހައިލިއެވެ. އޭނަވެސް ހުރީ ސިގްރެޓްދުމުގެ ސަބަބުން ކޮށިއަރާގޮތްވިއެވެ.

"ހެނާ އޮތީ ނިދާފައި. ރޭ އަހަރެމެން ތިބީ ހޭލާ. މިވަގުތު ނުދިޔައްޔާ ރަގަޅީ. ޕްލީޒް އެމީ. އަހަރެން މިއައީ ދޮރުވެސް ލޮކްކޮށްލާފައި....." މައިކަލް ބުނެލިއެވެ.

"ބަޓް. ޝީޒް ޕްރެގްނެންޓް މައިކް. އެކަނި ބައިންދާފައި ދޮރު ތަޅުލާފައި ބޭރަށްދާކަށް ނުވާނެއެއްނު. ޒޯހަން ކޮބާ؟ " އަމީރާގެ އެ ސުވާލުން މައިކަލްގެ ހިތަށް ނުބައި ލޮޅުމެއްއެރިއެވެ.

"ލުކް އެމީ. އަހަރެމެން ދޭތެރޭގައި އޮތް ސިއްރެއް މިއީ. ހެނާއަކަށް ނޭގޭނެ. އަހަރެން ބޭނުމެއްނޫން ހެނާއަށް އެކަން ދެން އެނގޭކަށް. އެނގެއެއްނު ޒޯހަންއާއި ހެނާގެ ކައިވެނިވެސް ހަލާލުނުވާނެކަން. ވީއިރު މިކަންތައް އިތުރަށް ކޮމްޕްލިކޭޓްކުރަން ނަހަދާ. ހެނާ ދަންނަގޮތުން ހެނާގެ ހަޒްބެންޑަކީ އަހަރެން. އެކަން އޮންނާނީވެސް އެގޮތަށް . އެމީ މިކަންތައް ފަނިކޮށްފިއްޔާ އަހަރެންނަށް ކުރެވޭނެ ކަންތައްވެސް ހުންނާނެ އިނގޭ..." މައިކަލް އިންޒާރުދިނެވެ. މައިކަލްގެ ނުރައްކާތެރި ދެލޮލަށް ބަލައިލެވުމުން އަމީރާވެސް ބިރުގަންނަގޮތްވިއެވެ. ތެދެކެވެ. އޭނަ މައިކަލް ދަނެއެވެ. ރަގަޅު ސިފަތަކަކާއިއެކުވެސް މައިކަލްގެ އީމާންތެރިކަމެއް ނެތުމުން އޭނަ ކޮންމެފަދަ ނުބައިކަމެއް ކުރާކަށްވެސް ޖެހިލުމެއް ނުވާނެއެވެ. ދެރައީ ހެނާއަށް ހަގީގަތް ނޭގޭކަމެވެ. ހެނާއަށް އެނގޭނަމަ ކޮންމެހެން އޭނަގެ ސިކުނޑިއަށް ބާރުކުރަންވީ ކަމެއްވެސް ނެތެވެ.

އަމީރާ އެގޭގެ ދޮރާށިން އެތެރެއަށް ފިޔަވަޅެއް އަޅާކަށްވެސް މައިކަލް ހުއްދައެއްނުދިނެވެ. އަމީރާ ހިތާހިތުން ރުޅިއައިސް މޮޔަވާވަރުވިއެވެ. ނަމަވެސް ދެކޮޅު ހެދުމުގެ މާނައެއް ނެތެވެ. މައިކަލްގެ އިންޒާރުތަކުގައި ބާރު ހުރިކަން ޔަގީނެވެ. ސިހުރުހަދާމީހަކަށް ނުކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟

ޒޯހަން އަށް އެރޭ އެންމެ ފަހަރަކުވެސް ލޮލު ފިޔަ ޖަހައެއް ނުލެވުނެވެ. ހެނާގެ މަތިން ހަނދާންވީއެވެ. މައިކަލް އެހާ ބޮޑު ހިތާމައެއްގައި އުޅޭއިރު ހެނާއަށް ގޯނާއެއް ނުކުރާނެއެވެ. މިހުރިހާ ދުވަހު މައިކަލް ބޭނުންގޮތެއް ހެދެން އޮތްވާ ނުކުރި އުދަގުލެއް މިރޭ އަދި ކުރާނެ އެއްވެސް ގޮތެއްނެތެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާއި ހުރެ އޭނަގެ ހިތް ނުތަނަވަސްވެ ބެލްކަނީގައި ދެކޮޅަށް ހިނގާލަ ހިނގާލާހުއްޓާ ފަޖުރުގެ ތަރި އުދަރެހުން ފައުޅުވިއެވެ. ވުޟޫކޮށްލައިގެން މިސްކިތަށްގޮސް ޒޯހަން ދުޢާކުރިއެވެ. އޭނަގެ ހެނާއަށް ނަސީބުލެއްވުމަށާއި އުމުރު ދިގުކުރެއްވުމަށް އެދުނެވެ. ދަރިފުޅަށްވެސް ހެޔޮ ދުޢާކުރެވުނެވެ. ޒޯހަން ސަޖިދައިން ތިރިވިއިރު ދެލޯވަނީ ތެމިފައެވެ.

އިރުއެރުމާއިއެކު ހެން މައިކަލްމެންގެ ގެއަށް ދާކަށް ޒޯހަންއަކަށް ނުކެރުނެވެ. މައިކަލްގެ ޚަބަރެއްވަންދެން އިންތިޒާރުކުރާނީއެވެ. މެންދުރުވާން އުޅެނިކޮށް މައިކަލްއަށް ގުޅިއިރު ފޯނު އޮތީ ނިވާލާފައެވެ. ހަވީރު އެގެއާއި ހަމަޔަށް ދިޔައިރު ގޭގެ ދޮރާށި ހުރީ ތަޅުލާފައެވެ. މައިކަލްއާއި ހެނާ ކޮންމެވެސް ތަނަކަށް ދިޔައީހެއްޔެވެ؟ ހެނާގެ ފޯނުވެސް ނިވާލައިގެން އުޅޭ ސަބަބަކީ ކޮބާހެއްޔެވެ؟ ނުތަނަވަސްކަމާއި އެކުގައި ގަޑިތައް ވޭތުވަމުންދިޔަ ވަރަކަށް ޒޯހަންގެ ހިތުގެ ހާލު ބޮޑުވެ ކެތްނުކުރެވޭވަރު ވެއްޖެއެވެ. މިހާރު ދެން އެދެމީހުންގެ ޚަބަރެއްވާން ވެއްޖެ ނޫންހެއްޔެވެ؟

އަމީރާ ލޫސިއާންއާއި ވަކިވެގެން ދިޔަނަމަވެސް އޭނަގެ ހިތުން އެ ހަދާންތައް ފިލުވައިލުމަކީ ފަސޭހަކަމަކަށްނުވިއެވެ. އަބަދާއަބަދު ހިތުގައި އެނޫން ނަމެއް ނޯވެއެވެ. އެހަނދާންތައް އޭނަގެ ހިތާއި ސިކުނޑީގައި ކުރެހިފައިވާވަރުން އަބަދު އިންނަނީ ނެގިމަޑުވެފައެވެ. ނަމަވެސް ހިތްވަރުކޮށްލާފައި އޮފީހަށްވެސް ދެއެވެ. އެހެން އިންނައިރުވެސް އިރުއިރުކޮޅާ ފޯނަށް ބަލައިލެވެއެވެ. އޭނަދެކެ ލޯބިވާކަމަށް ހެދިގެން އުޅެފައި ލޫސިއާން އެހާފަސޭހައިން ވަކިވެގެން ދިޔުމުން ހިތަށް އަސަރުކުރިއެވެ. ކޮޓެޖަށްދާންވީ ހެއްޔެވެ؟ ޖިންނިއަކަށްވިޔަސް އޭނަ ގާތިލަކަށްވިޔަސް ހިތުން ލޯބި ނެރެ އެއްލާލުން ފަސޭހަނުވި ވާހަކަ ބުނާނީއެވެ. އެކަމަކު އޭރުން އޭނައެކޭ ހެނާއެކޭ ތަފާތެއްނެތެވެ. ހެނާ ޒޯހަންއާއި ރައްޓެހިވާން އުޅުނުއިރު އޭނަ އެކަން ހުއްޓުވަން ހާދަ މަސައްކަތެއްކުރިއެވެ.

އަމީރާ ކެތްނުވެގެން މެސެޖްކުރަންފެށިއެވެ. އެތައް ފަހަރަކު ފޯނުނެގިއެވެ. ލޫސިއާން ނަގާނެކަމަށް ހީކުރިއެވެ. އެންމެފަހުން ރުޅިއައިސްގެން ފޯނު އެއްލާލާފައި އޭނަ ނުކުތީ ހިނގާލަން ދާށެވެ.

ވިއްސާރަ ވިލާތަކުން އުޑުމަތި ބައްދާލާފައިވާއިރު ވަށައިގެންވާ ބިޔަގަސްތަކުގެ ސަބަބުން އަނދިރިކަން ތަންކޮޅެއް ފުންވެފައިވިއެވެ. ތަނުގައި ހިފާލާފައިވަނީ ތެތް ފަތްތަކުގެ ވަހެވެ. އެއީ އަމީރާއަށް ވަރަށް ކަމުދާ ތާޒާވަހެކެވެ. ޖެހެމުންދާ ފިނި ވައިރޯޅިތައް އޭނަގެ ހަމުގައި ބީހިލުމުން ހީކަރުވާގޮތްވެ ޖިންސްގެ ޖީބަށް އަތް ޖަހާލައިފިއެވެ. އެތާހުރި ފަޅު ގެގަނޑަކާއި ހަމަވީއިރު އޭނަގެ ދޮންބައްޕަ ނަޝީދު އައިސް އަރާ ހަމަކޮށްލާފައި އަތުގައި ހިފާލި ގޮތަކުން އަމީރާއަށް ބަލައިލެވުނީ ފާޑަކަށެވެ. އެވަގުތު އަދި ވާރޭގެ ސައިލެއް ހަމަލާދިނެވެ. ދެމީހުން އެއްކޮށްތެންމާލަން ހިދުކޮޅެއްވެސް ނުނެގިއެވެ. އަމީރާ ލައިގެންހުރި ހެދުން ގަޔާއި ތަތްވެ އެރީތި ހަށިގަނޑުގެ ވަނާތައް ހާމަޔަށް ފެންނަން ހުއްޓެވެ.

"އަމީރާ. އާދެބަލަ. އަހަރެން ވަރަށް ދުވަސްވެއްޖެ މިވާހަކަ ބުނަންވެފައި ހުންނަތާ......" ނަޝީދު އަމީރާ ނުދާން އުޅެނިކޮށް ގަދަކަމުން ކަހަލަގޮތަކަށް އޭނަ އުފުލާލައިގެން އެގެގަނޑުގެ ތެރެއަށް ވަދެ ފާރުގައި ޖައްސައިލިއެވެ. އަމީރާ ރުޅިއައިސްގެން މޫނަށް ރަތްކުލަވެރިވިއެވެ. އޭނަގެ ބައްޕަގެ މަގާމުގައި ހުރި މީހަކު މިފަދަ ނަޒަރަކުން އޭނައާއިމެދު ދެކޭކަން ޔަގީންވުމުން ހިތުގައި އުފެދުނު ފޫހިކަމެއްގެ ބޮޑުކަމުން ހޮޑުލަވާގޮތްވިއެވެ.

"މިހެންތަ ވާހަކަ ބުނަންވީ. ޕްލީޒް އެއްފަރާތަކަށް ޖެހިބަލަ..." އަމީރާ ފޫހިވެފައި ކިޔައިލިއެވެ.

"އަހަރެން ކަލޭމެންގެ މަންމައާއި އިނީ ލޯތްބަކުން ނޫނޭ. ކިތަންމެ ދުވަހެއް އަހަރެން އަމީރާއަށް ބަލަ ބަލާ ހުންނަތާ. އަހަރެންގެ ބަގީޗާގައި ފޮޅިފައިވާ ރީތި މަލެއް ބިނދެލާހިތުން ހުއްޓާ އެހެން މީހަކު އައިސް އެމާ ފޭރިގަނެގެން ހިގައްޖެ. ފޮނިކޮޅު ބޯލިޔަކަސް އަދިވެސް ރީތިކަން ބަދަލެއްނުވޭ......" ނަޝީދު ކުއްލިއަކަށް އަމީރާގެ ގަޔަށް އަތް ފޯރުކުރަންފެށުމުން އަމީރާ ކަރުފަޅައިގެން ދާހާ ބާރަށް ހަޅޭއްލެވިޔަސް އެއަޑު ވާރޭގެ ތެރެއަށް އޮބުނީއެވެ. ނަޝީދު އޭނަގެ ހެދުންތައް ދަމައިގަނެގެން އުޅެގަތްއިރު ލަދުގެ ކަންފުޅެއްވެސް އެމޫނު މައްޗަކުން ނުފެނެއެވެ. މޮޔަވެފައިވާ މީހެއްފަދައިން އުޅޭއިރު އަމިއްލަ އިއްޒަތާއިމެދުވެސް ފަރުވާލެއް ހުރިހެނެއް ހިޔެއްނުވެއެވެ. އެކަމަކު ނަފްސާނީ ޑޮކްޓަރެކެވެ.

އަމީރާ ރޮމުން ލޫސިއާންއަށް ގޮވިއެވެ. އެތަނަށް އެވަގުތު އޭނަ އަންނާނެނަމައެވެ. އޭނަ ސަލާމަތްކުރަން އަންނާނެނަމައެވެ.

"ކޮން ލޫސިއާންއަކަށް ގޮވާކަށްތަ؟ އެކަލޭގެއަކަށް ދެނެއް ނާދެވޭނެ. އަޔަސް ދުރުގައި ކުޅިބަލަން ހުންނަން ޖެހޭނީ. ރައްކާތެރިވާން މިހިރީ ތަވީދެއް އަޅާފައި. ވީއިރު އަނގަ މަޑުން ލައިގެން ހުރޭ. އޭނައަކަށްވުރެ އަހަރެންވެސް ހަޑިއެއްނުވާނެ. ދެރައެއްވެސް ނުވާނެ. ބާރުވެސް ހުންނާނެ........" ނަޝީދު ލަދެއްނުގަނެ އަމީރާ އެއަކިރި ބިންގަނޑުމައްޗަށް ވައްޓާލާފައި ގައިމައްޗަށް ޖެހިގަތެވެ. އެބާރުގަދަ އަތުގެ ތެރެއިން ބަލިކަށި އަންހެންކުއްޖަކު ސަލާމަތްވާނީ ކިހިނެއްހެއްޔެވެ؟

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު