ނީލް އާމްސްޓްރޯންގް ގެ ބަޔޯޕިކްގެ ތަރިއަަކަށް ރަޔަން ގޮސްލިން

ރަޔަން ގޮސްލިން (ކ) އަދި ނީލް އާމްސްޓްރޯންގް ---

އެންމެ ފުރަތަމަ ހަނދަށް ދިޔަ އިންސާނާ ކަމަށް ބުނެވޭ، އެމެރިކާގެ އެސްޓްރޮނޯޓު ނީލް އާމްސްޓްރޯންގް ގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ ފިލްމުގެ މައި ތަރިއަކަށް ރަޔަން ގޮސްލިން ހަމަޖައްސައިފިއެވެ.

"ފަސްޓް މޭން" ގެ ނަން ދީފައިވާ އެ ފިލްމުގެ، މައި ތަރިއަކަށް ރަޔަން ގޮސްލިން ހަމަޖެއްސުމުގެ މަޝްވަރާތައް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކުރަމުންދިޔަ ނަމަވެސް، އެއްބަސްވުމަކާ ހަމައަށް އާދެވިފައިވަނީ މިމަހުގެ ތެރޭގައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ތިއޭޓަރުތަކުގައި އެޅުވި އަދި ގިނަ އެވޯޑްތަކެއް ކާމިޔާބުކުރި މިއުޒިކް ކޮމެޑީ "ލަ ލަ ލޭންޑް"ގެ ޑައިރެކްޓަރު ޑެމިއެން ޗެޒެލް އުފައްދާ އެ ފިލްމަކީ، ޖޭމްސް ހެންސެން ލިޔެފައިވާ ފޮތް، "ފަސްޓް މޭން: އަ ލައިފް އޮފް ނީލް އާމްސްޓްރޯންގް" ގެ މައްޗަށް ތައްޔާރުކުރާ ޕްރޮޖެކްޓެކެވެ. ފިލްމުގެ ކޯ ޕްރޮޑިއުސަރަކީ ވެސް ހެންސެން އެވެ.

ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ މިދިޔަ އަހަރު ނެރުނު އަދި އޮކްސާ ހޯދާފައިވާ ބަޔޯގުރެފިކަލް ޑްރާމާ ފިލްމު، "ސްޕޮޓްލައިޓް" ކޯ ލިޔެފައިވާ ޖޯޝް ސިންގާރ އެވެ.

ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނެނީ މަޝްހޫރު ފިލްމު ފުރެންޗައިސްތަކުގެ ތެރޭގައި ހިމެނޭ "ޓްވައިލައިޓް" އަދި "މޭޒް ރަނާސް" އުފައްދާފައިވާ ޓެމްޕެލް ހިލް އެންޓަޓައިންމަންޓުގެ ދެ ޕްރޮޑިއުސަރުން ކަމަށްވާ ވިކް ގޮޑްފުރީ އަދި މާޓީ ބޯވިން އެވެ.

ހިތުގެ އޮޕަރޭޝަނަކަށްފަހު ހާލު ދެރަވެ 2012 އަހަރުގެ ތެރޭގައި މަރުވި، ނީލް އާމްސްޓްރޯންގް ހަނދުގައި ފުރަތަމަ ފިޔަވަޅު އެޅި ކަމަށް ބުނަނީ 20 ޖުލައި 1969 ގައެވެ.

comment ކޮމެންޓް