ވެސްޓް ޕާކަށް ދެ ލޯބިވެރިން ވަންނަނީ---ސަން ފޮޓޯ/ އަފްރާހް
ވެސްޓް ޕާކަށް ދެ ލޯބިވެރިން ވަންނަނީ---ސަން ފޮޓޯ/ އަފްރާހް

ޖިންސީ ގުޅުން ހިންގުން ފާޅުގައި، ނުރައްކާ ބޮޑު!

އަހުމަދު ސާއިލް އަލީ
ލިޔުނީއަހުމަދު ސާއިލް އަލީ

އިމާރާތްތަކުން ތޮއްޖެހިފައިވާ މާލޭގެ ގެއެއްގެ ބެލްކަނީ ހަރު އުމުރުގެ ދެ މީހަކު ތިބެ ބަދުއަހުލާގީ އަމަލު ހިންގަނީ އެވެ. ދިރާސީ އަހަރު ކިޔެވުން ނިމުނު ދުވަހު ސުކޫލު ޔުނީފޯމުގައި ހެދިގޮނޑުގައި ފާޅުގައި ބަދުއަހުލާގީ އަމަލު ހިންގީ އެވެ. ވޭތުވެދިޔަ ދެ ކަމަކީ ވެސް ދާދިފަހުން ވެރިރަށް މާލޭގައި ހިނގި އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމު ވިކަންކަމެވެ. ދިވެހި މުޖުތަމައު އާއި އިސްލާމީ އުސޫލުތަކާއި ހިލާފު އެފަދަ ކަންކަން މިއަދު ވަރަށް ވެސް އާންމެވެ.

ކުލީ ކޮޓަރިތަކުން ފެށި އެ އަމަލުތައް ގޭގޭ ދޮރާށި ދަށުން ހިތްއުފާ ކުރަން ހަދާފައިވާ ޕާކްތަކުން ފެށިގެން ގޮސް މިހާރު މި ވަނީ މަގުތަކާއި ހިސާބަށް އާންމުވެފަ އެވެ. ރޭގަނޑު އަނދިރީގައި ހިނގި އަމަލުތައް ދުވާލަށް ބަދަލުވެއްޖެ އެވެ. މައިންދަރިން އެކުގައި ބޭރަށް ނުކުންނަން ލަދު ގަންނަން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ އިރު މިހެން މިވާ ސަބަބުތައް ގިނަ އެވެ.

މިހެން މި ވަނީ ކީއްވެ؟

ދިވެހިންގެ ދިރިއުޅުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށްވާ ބޯހިޔާވަހިކަމުގެ ދަތިކަމަކީ މިފަދަ ކަންކަން ފެށުމުގެ އަސްލެވެ. އެކަހެރި ބައްދަލުވުންތަކަށް ދެމަފިރިންނަށް ވެސް އޮންނަނީ ފުރުސަތު ނުލިބިއެވެ. ޖާގަ ކުޑަ ދިރިއުޅުމުގެ ސަބަބުން ފެންނަން ނުޖެހޭ މަންޒަރުތައް ފެނި އިވެންނު ޖެހޭ އަޑުތައް އިވުމަކީ ވެސް ގޮތެއްފޮދެއްނެތް މިފަދަ އަމަލުތައް އިތުރުވާ ސަބަބެކެވެ.

ޝެއިހް އަލީ ޒާހިރު ވިދާޅުވި ގޮތުގައި ޒުވާނުންނަށް އަމާޒުކޮށްގެން ފާހިޝް އަމަލުތަކަށް މަގުފަހިވާ ކަންކަން އާންމު ކުރުމަކީ މިފަދަ ކަންކަން އިތުރުވާ ސަބަބު ކަމަށެވެ.

"ފާހިޝް އަމަލުތައް އާންމުވުމުން އެއީ މާބޮޑު ކަމަކަށްނުވާ ހިސާބަށް ކަންކަން ދާނެ،" ޝެއިހް ވިދާޅުވި އެވެ.

ސްރީލަންކާގެ ސައިކޮލޮޖިސްޓެއް ކަމަށްވާ ދިމުތު ޕަސްކުއަލް ވިދާޅުވި ގޮތުގައި އެއީ ހުޅަނގު ގައުމުތަކުގައި އާންމު ކަމަކަށްވެފައިވާ ކަމަކަށްވާ އިރު ފަހުގެ އާދައެއްގެ ގޮތަށް މީހުން ގަބޫލްކޮށް އެކަން ފެތުރެމުން އާދެ އެވެ.

"ރާއްޖޭގެ ޖާގަގައިގެ ދަތިކަން މިކަމުގައި ހިމެނޭ، މިއީ ފެތުރެމުން އަންނަ ޓުރެންޑެއް، ހެއާ ސްޓައިލް ހެދުމާއި ހެދުން އެޅުން ފަދަ ޓުރެންޑަކަށް މިކަން ހަދައިފި،" ދިމުތު ވިދާޅުވި އެވެ.

ދިވެހިންނަކީ ގިނަ އަދަދަށް އިނގިރޭސި ފިލްމާއި ސީރީސް ބަލާ ބައެކެވެ. ލޯބީގެ މަންޒަރުތައް ދެއްކުމުގެ ގޮތުން އާންމު ސަރަހައްދުތަކުގައި ފާޅުގައި ބަދުއަހުލާގީ އަމަލު ހިންގުމަކީ އެފަދަ ފިލްމުތަކުން ޕުރޮމޯޓްކުރާ ކަންކަމެވެ. ނަތީޖާއެއްގެ އެކަންކަން އެދަނީ އާންމު ވަމުންނެވެ.

"އެފަދަ މަންޒަރުތައް އާންމުކޮށް ފެންނަ ނަމަ ބޭނުންވާނެ އެކަން ތަޖުރިބާ ކުރަން، އެފަދަ މަންޒަރުތައް ބެލުމަކީ އެކަންކަން އިތުރުވާނެ ކަމެއް،" ދިމުތު ވިދާޅުވި އެވެ.

އަހުލާގީ އެތައް މައްސަލައެއް!

ޔޫއެންއެފްޕީއޭގެ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އުމުރުން 18 އާއި 21 އަހަރުގެ ދިވެހި ޒުވާނުންގެ ތެރެއިން 92 ޕަސެންޓް ކުދިން ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގާފައި ވަނީ ރުހިގެންނެވެ. އަދި އުމުރުން 15 އާއި 17 އަހަރުގެ 85 ޕަސެންޓް ކުދިން ވެސް އަމިއްލަ ރުހުމުގައި ޖިންސީގުޅުން ހިންގާފައިވާ އިރު އުމުރުން 15 އަހަރުން ދަށުގެ 65 ޕަސެންޓް ކުދިން ވެސް އަމިއްލަ ރުހުމުގައި ޖިންސީގުޅުން ހިންގާފައިވާ ކަމަށް އެ ދިރާސާ އިން ދައްކަ އެވެ. އެކަމުގެ ސަބަބުން ވެސް ދިވެހިންގެ ތެރޭގައި އެފަދަ ކަންކަން އާންމުވެފައިވާ މިންވަރުން ހާމަވެ އެވެ.

އެންމެފަހުން މަގުތަކަށް ނުކުތީއެވެ.

ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވި ގޮތުގައި އެފަދަ ކަންކަން އާންމުވުމުން މީހުންނަށް ފެންނަ ގޮތަށް ވެސް ބަދުއަހުލާގީ އަމަލުތައް ހިންގުމަކީ މައްސަލައަކަށް ނޫން ކަމަށް އެފަދަ ފަރާތްތަކުން ގަބޫލް ކުރެ އެވެ.

އެފަދަ އަމަލުތައް މުޖުތަމައުގައި އިންތިހާ އަށް ފެނުމަކީ އެފަދަ ނަހަމަ ގުޅުންތައް ފެތުރެން އޮތްމަގެކެވެ. ހަމައެއާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލުތައް ހިންގުން ފަދަ މައްސަލަތައް އިތުރުވެ ޖިންސީ ބަލިމަޑުކަމެއް ފެތުރުމުގެ ފުރުސަތު އެފަދަ ކަންކަން އާންމުވުމުގެ ސަބަބުން މަގުފަހިވާކަމަށް ނަފްސާނީ އިލްމުވެރިން ވިދާޅުވި އެވެ.

އައްޝެއިޚް އަހުމަދު ފަހުމީ ދީދީ ވިދާޅުވީ އެފަދަ ފާހިޝް އަމަލުތައް މުޖުތަމައުގައި އާންމުވުމަކީ ބިރުވެރިކަމެއް ކަމަށާއި ﷲގެ ކޯފާއަށް ހުށައެޅޭ އެފަދަ ކަންކަން ހުއްޓުވަންޖެހޭ ކަމަށެވެ.

ހުއްޓުވުމަށް ފަރުދީ ޒިންމާނަގަންޖެހޭ!

އާންމުވެފައިވާ ނުރައްކާތެރިކަމުން ސަލާމަތްވުމަށް އެންމެން އެކުގައި މަސައްކަތްކުރަންޖެހެ އެވެ. ޝެއިހް ފަހުމީ ވިދާޅުވީ އެފަދަ ކަންކަން ހުއްޓުވުމަށް ބެލެނިވެރިން އެފަރާތްތަކުގެ ޒިންމާ ފުރިހަމައަށް އަދާކުރަން ޖެހޭ ކަމަށެވެ. އެފަދަ ކަންކަން ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ޝެއިހް ވިދާޅުވި އެވެ.

ޝެއިހް އަލީ ޒާހިރު ވިދާޅުވީ ތައުލީމީ ދާއިރާގެ ތެރެއިން ހަމައެކަނި މައުލޫމާތުތަކެއް ދިނުމުގެ ބަދަލުގައި ދީނީ ތަރުބިއްޔަތެއް ދޭން ޖެހޭ ކަމަށާއި ހަމައެކަނި މައުލޫމާތުތަކެއް ދީގެން ކަންކަން އިސްލާހް ނުވާނެ ކަމަށެވެ.

އެފަދަ ކަންކަން އިންތިހާއަށް އިތުރުވެގެންދާއިރު ބެލެނިވެރިންގެ ޒިންމާ ބޮޑު ކަމަށާއި ކުދިން ތަރުބިއްޔަތު ކުރުމުގެ ޒިންމާއަދާ ކުރަން ޖެހޭ ކަމަށް ޝެއިހް ވިދާޅުވި އެވެ.

ފިޔަވަޅެއް ނޭޅޭ!

ބޮޑު ބިރުވެރިކަމެއް މުޖުތަމައުއަށް ފެތުރި މިކަން އިންތިހާއަށް އާންމުވެގެންދާއިރު ވެސް އެފަދަ ކަންކަމުގައި ފިޔަވަޅު އެޅޭތަނެއް ނުފެނެއެވެ. ފިޔަވަޅު އަޅައި އަދަބުދޭތަނެއް ނުފެންނަ އިރު އެކަންކަން ހުއްޓުވުމަށް އެކަށޭނަ މަސައްކަތްކުރާތަނެއް ވެސް ނުފެނެ އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ފުލުހުންގެ ޕެޓްރޯލްތަކުގަޔާއި އާންމުންގެ ފަރާތުން ލިބޭ މައުލޫމާތުތަކުގައި އެފަދަ ކަންކަން ބަލައި ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.

އާންމުވެފައި މިވަނީ ލަތުވެތި ކަމެކެވެ. ބަލިމަޑު ކަމެވެ. ގޯސް ކަމެއް އަބަދު ފެނި، ފެނި ހުއްދަ ކަމަކަށް މިއަދު ވެއްޖެ އެވެ. ހިތާމައަކީ އެކަންކަން ހުއްޓުވުމަށް އެކަށޭނަ ފިޔަވަޅު ނޭޅޭއިރު އެފަދަ އަމަލުތައް އިންތިހާއަށް އިތުރުވަމުންދާތީއެވެ. މިއީ ޖިންސީ ބަލިމަޑުކަމަކަށް މުޖުތަމައު ވެއްޓި ފާހިޝް އަމަލުތައް އިންތިހާއަށް އިތުރުވެދާނެ ކަމުގެ ނިޝާނެކެވެ.

DB released.